ރާއްޖެއިން އަނެއްކާވެސް މީސަލްސް (ހިމަބިހީ)ގެ ކޭހެއް އިއްޔެ ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
ހިމަ ބިއްސަކީ ރާއްޖެއިން ނައްތާލައިފައިވާ ބައްޔެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017ވަނަ އަހަރު ވަނީ އެކަމުގެ ލިޔުން ދީފައެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހު އައްޑޫން ހިމަބިހި ޖެހިފައިވާ މީހެއް ފެނުނު ފަހުން އިތުރު ދެ މީހަކު ވަނީ އެބައްޔަށް ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ރާއްޖެއިން އިއްޔެ ހިމަބިއްސަށް ޕޮޒިޓިވްވި ކޭސް އިތުރަށް އިންވެސްޓިގޭޑްކޮށް އޭނާއާ ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މައްސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދާ އިރު މީސަލްސް ވެކްސިން ފުރިހަމަނުވާ ފަރާތްތައް ދެނެގަނެ އެފަރާތަތަކަށް ވެކްސިން ދެވޭނެ," އެޗްޕީއޭ އިން ބުންޏެވެ.
ބަލިޖެހުނު މީހާ ދިރިއުކްޅޭ ސަރަހައްދުގައި ވެކްސިން ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ރިންގް ވެސިން ދިނުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނަފައެވެ. ނަމަވެސް މި ފަހަރު އެ ބަލިޖެހިފައިވާ މީހެއް ފެނުނީ ކޮންތާކުން ކަމެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.
ހިމަބިހި ޖެހިފައިވާ މީހެއްގެ ކިބައިން ފެންނާނެ ބައެއް އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއެކު ހަމުގައި ރަތްބިހި ނެގުން ހިމެނެއެެވެ. އަދި ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުމުގެ އިތުރުން ލޯ ރަތްވުން ވެސް ހިމެނެއެވެ. ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި މީސަލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަަމަކުރުމަކީ ހިމަބިހި ޖެހުމުގެ ފުރުސަތު 97 ޕަސެންޓު ކުޑަކޮށްދޭ ކަމެކެވެ. ނަމަވެސް ބަލީގެ ޒާތުން، މިއީ އަވަހަށް ފެތުރޭ ބައްޔަކަށްވުމުން ބައްޔަށް ހުށަހެޅިއްޖެނަމަ ބައެއް މީހުންނަށް ބަލިޖެހުމުގެ ފުރުސަތު އޮންނަކަމަށް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖެއިން ހިމަބިހި ނައްތާލެވުނުކަން އިއުލާނުކުރި ފަހުން އެންމެ ފުރަތަމަ ހިމަބިއްސަށް ބަޔަކު ޕޮޒިޓިވްވީ ކޮވިޑު-19 ބަލިމަޑުކަން ފެނުމުގެ ދުވަސްކޮޅެއް ކުރިން 2020 ވަނަ އަހަރުގެ ޖެނުއަރީގައެވެ.