އަދުރޭގެ ހިސާބު: މުއިއްޒު އިންތިޚާބު ކާމިޔާބު ކުރައްވާނީ 60 އިންސައްތައިން

އިދިކޮޅުން މިރޭ ލ. ގަމުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ --- ފޮޓޯ: ޕީޕީއެމް

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނީ ވޯޓުލާ މީހުންގެ 60 އިންސައްތަ ތާއީދާއެކު ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ހޯއްދެވުމަށް ލ. އަތޮޅަށް މިހާރު ކުރައްވަމުންގެންދާ ދަތުރުގައި މިރޭ ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ, ރައީސް އިބްރާހިމް މުހައްމަދު ޞާލިހް 56 އިންސައްތަ ވޯޓުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވާފައެވެ.

"އަޅުގަނޑު ދަންނަވަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު މި ބާއްވާ އިންތިހާބް ޕީޕީއެމް/ޕީއެންސީން ޑރ. މުއިއްޒު ކާމިޔާބު ކުރައްވާނީ 60 އިންސައްތަ ހޯއްދަވައިގެންނޭ," އަދުރޭ ވިދާޅުވިއެވެ.

ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ދަތުރު ކުރުމުން އެނގިގެން ދިޔައީ މުޅި ރާއްޖެ އޮތީ ބަދަލަކަށް ބޭނުންވެފައި ކަމަށް އަދުރޭ ވިދާޅުވިއެވެ. އެ ރައްޔިތުން ބޭނުންވާ ބަދަލުން ހެޔޮ ގޮތްތަކެއް ފަހިވާން އޮތީ މުއިއްޒު އިންތިޚާބު ކޮށްގެން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީ ރޫޅާލުމަށް އެކި ކަހަލަ ކަންކަން ކުރަމުންދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ, އެ ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި ރުޅާނުލެވޭނެ ކަމަށެވެ. އަދި އެކީގައި ގޮސް ރިޔާސީ އިންތިޚާބު 60 އިންސައްތައިން ކާމިޔާބު ކުރައްވާނެ ކަމަށް އަދުރޭ ތަކުރާރު ކުރެއްވިއެވެ.

"އަޅުގަނޑުމެންނަކީ ތަރައްގީއަށް ފަރިތަ ޕާޓީއެއް. އަޅުގަނޑުމެންނަކީ ޑިމޮކްރަސީއަށް ފައްކާވެފައި އޮތް ޕާޓީއެއް. އެކަން ވެސް އަޅުގަނޑުމެން ދައްކައިފިން," އިދިކޮޅުން ބޭއްވި ރިޔާސީ ޕްރައިމަރީއަށް އިޝާރާތް ކުރައްވައި އަދުރޭ ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ޕީޕީއެމް/ޕީއެންސީ އޮތީ ފުރާ ފުރިހަމައަށްކަން ފާހަގަކުރައްވައި އަދުރޭ ވަނީ ވާދަވެރި އެމްޑީޕީއަށް ފާޑުކިޔުއްވާފައެވެ. އޭނާ ވިދާޅުވީ, ރިޔާސީ ޕްރައިމަރީއަށް ފަހު އެ ޕާޓީ ދިޔައީ ދެ ފަޅި ވެގެން ކަމަށެވެ.

ރިޔާސީ އިންތިހާބަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިމަތިނުލެވޭ ހިސާބުން ޕީޕީއެމް/ޕީއެންސީ މަގުމަތިވާނެ ކަމަށް ބައެއް ފަރާތްތަކުން ދެކިގެން ތިއްބެވިކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ, އެކަމުގައި ރައީސް ޔާމީން ވަނީ 'ހަކުޅި' ކުރިއަށް ކުޅުއްވައި ކެންޑިޑޭޓަކު ދައްކަވާފައި ކަމަށެވެ.

ރިޔާސީ ޕްރައިމަރީއަށް ފަހު އިދިކޮޅުން ކާމިޔާބު ކަމާއެކު ކުރިއަށްދަނީ ރައީސް ޔާމީންގެ ހިކުމަތްތެރިކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ކެންޑިޑޭޓަކު ނެތި ކުޑަ ޕާޓީއަކުން ބޭފުޅަކު ރިޔާސީ އިންތިހާބަށް ނުކުންނަވާފައިވާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަމަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ, ރައީސް ޔާމީން އެންޑޯޒް ކުރެއްވުމުން ދެން އިތުރަށް ބަލާނެ ކަމެއް ނޯންނާނެ ކަމަށެވެ.

"ދެން މާދުރުގައި ތިބޭ މީހުން ބާޒެއްހެން ވައްޓާލާފަ ޓިކެޓެއް ޖަހައިގަންނަން އުޅުނަސް އެކަމެއް ނުވާނެ," އަދުރޭ ވިދާޅުވިއެވެ.

comment ކޮމެންޓް