ސިޔާމް ގާސިމަށް: އިތުރުފުޅު ނުހައްދަވައި، އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާ!

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު -- ފޮޓޯ/ އެމްޑީޕީ

އެ މަނިިކުފާނުގެ ނިންމުމާ ގޫޅޭގޮތުން އިތުރުފުޅު ހެއްދެވުން ހުއްޓައިލެއްވުމަށް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ގޮވައިލައްވައިފިއެވެ.

މިރޭ މަކުނުދޫގައި އޮތް އެމްޑީޕީ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ގާސިމް ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅުކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރު ރައީސް ޞާލިހު ދޫކުރައްވައި ދާނެ އެއްވެސް ދިމާއެއް ނެތްކަމަށް ސިޔާމް ވިދާޅުވިއެވެ.

"ގާސިމްއޭ ދޮގު ތިވަރަށް ނުހައްދަވާށޭ. އަޅުގަނޑު މީ ދެފުށްކެހެރި މީހެއް ނޫން. އަޅުގަނޑު މިހުރީ ސީދާ އިބްރާހިމް މުޙައްމަދު ޞާލިހު އަރިހުގައި،" ސިޔާމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އަދިވެސް ގާސިމަށް ފައިދާ އޮތީ ރައީސްގެ މަސައްކަތްޕުޅާ ގުޅިގެންކަމަށެވެ. އިންތިޚާބު ދެވަނަ ބުރަކަށް ދިގު ދަންމައިގެން ލިބޭނެ މޮޅެއް ފަހުން ނޯންނާނެކަމަށް ސިޔާމް ވިދާޅުވިއެވެ.

"ރަހުމަތްތެރިޔާއޭ އަޅުގަނޑުމެންނާ ގުޅެން އަންނާށޭ،" ސިޔާމް ގާސިމަށް ތަކުރާރުކޮށް އިލްތިމާސްކުރެއްވިއެވެ.

ސިޔާމް ވިދާޅުވީ ރައީސަކީ މިހާތަނަށް ރާއްޖެ ދެކޭނެ އެންމެ ހިތްހެޔޮ، އޯގާތެރި ރަައީސްކަމަށެެވެ. އެގޮތުން ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަނެ ވާހަކަ ދައްކައިގެން ހައްލު ހޯދަަން ރައީސް މަސައްކަތްޕުޅު ކުރައްވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"ހިތް ފުރޭވަރަށް އެ މަނިކުފާނު ތަރައްގީ އެބަ ކޮށްދެއްވާ. ރައްޔިތުން ބުނާ ކޮންމެ ކަމެއް އެބަ އެ މަނިކުފާނު ކޮށްދެއްވާ،" ސިޔާމް ވިދާޅުވިިއެވެ.

އެހެންކަމުން ރައްޔިތުން ވިސްނަންވީ މި ސަރުކާރުން ކޮށްދިން ކަމަކަށް ޝުކުރުވެރިވެ ކުރިއަށް ދިއުމަށްކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓުލާއިރު ވިސްނަންވީ މިހާރު ފެށިފައި ހުރި ތަރައްގީގެ މަޝްރޫތައް ނިންމޭނެ މަގެއް ފަހިކޮށްދިނުމަށް ކަމަށެވެ.

comment ކޮމެންޓް