ވެރިރަށް މާލޭގެ މަގުތަކުން ޕާކިން ސްލޮޓް ވިއްކައިގެން، ލިބޭ ފައިސާ ބޭނުންކޮށްގެން ކެމްޕޭން ކުރުމުގެ ފުރުސަތު އިދިކޮޅު ކެންޑިޑޭޓު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ނުލިބޭނެކަމަށް ވިދާޅުވެ އޭނާއަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ.
މާލޭގައި މިރޭ އޮތް އެމްޑީޕީގެ ބޮޑު ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ޚުދު އެ މަނިކުފާނު ވެސް މާލޭގައި ދިރިއުޅުއްވާތާ މިހާރު 50 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ހާލަތު އެނގިވަޑައިގަންނަވާ ފަދައިން މާލޭގެ ރައްޔިތުންގެ ހާލު ވެސް އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
"މި މާލޭގެ ރައްޔިތުންގެ ހާލު ވެސް އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އަޅުގަނޑު. މާލެއަށް ގެންނަން ޖެހޭ ބަދަލު ވެސް އެނގޭނީ އަޅުގަނޑަށް އެންމެ ރަނގަޅަށް،" ރައީސް ވިދާޅުވިއެވެ.
އެ ގޮތުން ބޯހިޔާވަހިކަމުގެ ދަތިކަމާއި މާލޭގެ ޓްރެފިކް މައްސަލައާއި ގޭންގުތަކުގެ މައްސަލައަކީ ހައްލު ބޭނުންވާ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ޓްރެފިކާއި މަގުތަކަކީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކާ މަތިކޮށްފައި އޮންނަ ކަމެއް ކަަމަށެވެ.
"ބައްލަވާ ކުރިމަތިން މި ފެންނަ ތަންތަން. މި ހުރީ ޕާކިންއަށް ވިއްކައިފައި ހުރި ސްލޮޓްތަކޭ. މަގުމަތިން އެޑްވާންސަށް ލާރި ނަގައިފައި. ރާއްޖޭގެ ބޮޑެތި ފަޅުތަކާއި ބޮޑެތި ރަށްތައް އެ ބޭފުޅުން ވިއްކި ގޮތަށް މިއަދު އެހެރީ މާލޭގެ މަގުތައް ވިއްކައި ހުސްކޮށްފައި،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މި ކަން ދެން އަންނަ ދައުރެއްގައި ބަދަލުކުރައްވާނެ ކަމަށެވެ. އެ ޕާކިންތައް 'ނަގަން ޖެހޭނެ' ކަމަށާއި އެ މަނިކުފާނުގެ ސިޔާސަތަކީ މަގުތައް ހުސްކޮށް، ޕާކިންއަށް ވަކި ސަރަހައްދެއް ގާއިމް ކުރުން ކަމަށެވެ.
"މިހެންނެއް މާލޭގެ މަގު ވިއްކައިގެން ލާރި ނަގައިގެން ކެމްޕޭން ކުރާކަށް ފުރުސަތެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.
ޕާކިންއަށް ވިއްކައިފައި ހުރި ޖާގަތައް ނަގައި އެ ތަންތަން ހިތްފަސޭހަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ފަސް އަހަރުގެ ދައުރުގައި މީގެ ކުރިން ރާއްޖެއަށް ނާންނަ ހެޔޮ ބަދަލު އައިސްފައިވާކަމުގެ ވާހަކަ ކޮންމެ ރައްޔިތަކު ވެސް ދައްކަމުން އަންނަ ކަމަށެވެ. އެއީ ހަގީގަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.