ދީނާ ޚިލާފު ކްލާސްތަކުގެ މައްސަލަ: ދެމީހުން ޑީޕޯޓު ކޮށްލައިފި

ޑރ. ގަނޭޝް ދުބޭ ނަމަކަށް ކިޔާ މީހަކު މާލޭގައި ކްލާސް ނަގައިދޭނެ ކަމަށް ބުނާ ޕޯސްޓެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ

ދިމާވާ ގޮންޖެހުންތަކަށް ރޫހާނީ ހައްލު ހޯދައިދޭން ދަސްކޮށްދޭ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ކްލާސްތަކެއް ނަގައިދޭން އިޝްތިހާރުކުރި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިންޑިއާ ދެ މީހުން މިއަދު ޑީޕޯޓު ކޮށްލައިފިއެވެ.

މިކަން އިމިގްރޭޝަނުން ވަނީ "ސަން"އަށް ކަށަވަރު ކޮށްދެއްވާފައެވެ. އިމިގްރޭޝަނުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމީހުން ޑީޕޯޓު ކޮށްލީ މިއަދު މެންދުރު ކަމަށެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އެމީހުން އިމިގްރޭޝަނާ ހަވާލުކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 'ސްޕިރިޗުއަލް' އެހީ ފޯރުކޮށްދިނުމުގެ ނަމުގައި މާލޭގެ ހޮޓަލެއްގައި، ދީނީ އެއްބައިވަންތަކަށް ހިމާޔަތް ކުރުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގަން އިޝްތިހާރު ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅައި ދިނުމަށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. ގަނޭޝް ދުބޭ ނަމަކަށް ކިޔާ މީހަކު މާލޭގައި ކްލާސް ނަގައިދޭނެ ކަމަށް ބުނާ ޕޯސްޓެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ޕޯސްޓުގައިވާ ގޮތުން އޭނާ ކްލާސްތައް ނަގައިދޭނީ ބުދަ ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމައަށެވެ.

އޭނާގެ ލަފާ ދޭނީ، ކޮންސަލްޓޭޝަން ފީއެއްގެ ގޮތުގައި 100 ޑޮލަރު ދިނުމުން ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.

comment ކޮމެންޓް