އާ އިންޓަނޭޝަނަލް އެއާލައިން ހަދަނީ ފަންޑު މޭނޭޖްމެންޓާއި، އައިލެންޑް އޭވިއޭޝަން ގުޅިގެން

ސަރުކާރުގެ އާ އިންޓަނޭޝަނަލް އެއާލައިން ހެދުމަށް އައިލެންޑު އޭވިއޭޝަނާއި، އެމްއެފްއެލްސީ އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުން ---

ސަރުކާރުގެ އާ އިންޓަނޭޝަނަލް އެއާލައިނެއް ހެދުމަށް މޯލްޑިވްސް ފަންޑު މެނޭޖްމެންޓު ކޯޕަރޭޝަނާއި، އައިލެންޑް އޭވިއޭޝަނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު މިހާދާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާއެވެ. ފަންޑު މެނޭޖްމެންޓުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން މަނިކާއި، ސީއޯއޯ މުހައްމަދު މުޖާހު މުނީރެވެ.

އައިލޭންޑް އޭވިއޭޝަނުން މިއަދު ބުނީ މި އެމްއޯޔޫގެ ދަށުން ދެ ކުންފުނީގެ މެދުގައި ޖޮއިންޓް ވެންޗާއެއް ހެދޭނެ ކަމަށެވެ. އަދި އަލަށް އުފައްދާ އެއާލައިނުން ފޯކަސް ކުރާނީ ދުރު މަންޒިލްތަކަށް، ބޮޑެތި ބޯޓުފަހަރުގައި ދަތުރު ކުރުމަށް ކަމަށެވެ.

ސަރުކާރުގެ އާ އިންޓަނޭޝަނަލް އެއާލައިން ހެދުމަށް އައިލެންޑު އޭވިއޭޝަނާއި، އެމްއެފްއެލްސީ އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުން ---

"މި ގުޅުމުގެ އަމާޒަކީ ދުނިޔޭގައި ރާއްޖޭގެ އޭވިއޭޝަން ހަރަކާތްތައް ފުޅާކޮށް، އިގުތިސާދީ ކުރިއެރުމަށް މަގުފަހިކުރުން" އެ ކުންފުނީގެ ބަޔާނުގައި ވެއެވެ.

ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނީ، މި އެއާލައިނުގެ ދަތުރުތައް ރަޝިއާއާއި، ޗައިނާ އަދި ޔޫރަޕް ފަދަ، ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު މާކެޓުތަކަށް ބާއްވާނެ ކަމަށެވެ.

ސަރުކާރުގެ ދެ ކުންފުންޏެއް ގުޅިގެން ބައިނަލްއަގުވާމީ އެއާލައިނެއް ހަދަން އުޅޭކަން ހާމަކުރީ އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯއާ އެކުގައެވެ.

އެ މެނިފެސްޓޯގައި ގައުމީ އެއާލައިންގެ ހިދުމަތްތައް ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓުތަކަށް ފުޅާކުރުމަށް ވަނީ ހިމަނާފައެވެ. އަދި އެ މަސައްކަތުގެ ދަށުން ގައުމީ އެއާލައިނަކީ ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ ކެރިއަރަކަށް ހަދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް