ސަރުކާރުގެ ދެ ކުންފުނި ގުޅިގެން އިންޓަނޭޝަނަލް އެއާލައިނެއް ހިންގަނީ

މޯލްޑިވިއަނުން އެންމެ ފަހުން ގެނައި ބޯޓު -- ފޮޓޯ/ ފްރެންޗް ފްރޮގްސް ޕިކްސް

ސަރުކާރުގެ ދެ ކުންފުންޏެއް ގުޅިގެން އިންޓަނޭޝަނަލް އެއާލައިނެއް ހިންގުމަށް އެއްބަސްވުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަން ހާމަކޮށްފިއެވެ.

މިއަދު އެމްޑީޕީން އާންމުކުރި އިގުތިސާދީ މެނިފެސްޓޯގައި ބުނެފައިވާގޮތުން އެ އެއާލައިން ހިންގާނީ ސަރުކާރުގެ ދެ ކުންފުންޏެއްގެ ޖޮއިންޓު ވެންޗާއެއްގެ ގޮތުގައި ކަމަށެވެ.

"މިކަމަށްޓަކައި ސަރުކާރު ހިއްސާވާ ދެކުންފުންޏެއްގެ ޖޮއިންޓް ވެންޗަރ އެއްގެގޮތުގައި އިންޓަރނޭޝަނަލް އެއަރލައިނެއް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދޭ" އެމްޑީޕީ މެނިފެސްޓޯގެ ވެބްސައިޓުގައި ވެއެވެ.

އެ މެނިފެސްޓޯގައި ގައުމީ އެއާލައިންގެ ހިދުމަތްތައް ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓުތަކަށް ފުޅާކުރުމަށް ވަނީ ހިމަނާފައެވެ. އަދި އެ މަސައްކަތުގެ ދަށުން ގައުމީ އެއާލައިނަކީ ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ ކެރިއަރަކަށް ހަދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ މެނިފެސްޓޯގައި ދަތުރުފަތުރުގެ ދާއިރާއިން ކުރިއަށް ގެންދިއުމަށް ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި، އިހަވަންދިއްޕޮޅުގައި ޕޯޓް ސިޓީއެއް ގާއިމުކުރުން ހިމެނެއެވެ. އެގޮތުން އެ ސަރައްދުގައި ބޮޑެތި އިންވެސްޓްމެންޓުތަކެއް ކޮށް، ޓްރާންސްޝިޕްމެންޓް ބަނދަރަކަށް މަގުފަހިކުރުވާނެ ކަމަށް ބުނެފައިވެއެވެ.

އާރްޓީއެލްގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ވެސް އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ. އެގޮތުން، ކާގޯއައި، ޕޯސްޓު މެދުވެރިކޮށް ކުދި ލަގެޖު އުފުލުމުގެ ޚިދުމަތް އިތުރުކުރުމާއި، ރިސޯޓުތަކަށާއި، ސިނާއީ ރަށްތަކަށް އާރްޓީއެލްގެ ޚިދުމަތް ފުޅާކުރުމަށް ހިމަނާފައިވެއެވެ.

comment ކޮމެންޓް