ލީބިޔާ އިސްރާއީލާ ގާތްކުރަން އެމެރިކާއިން ރޭވިރޭވުން ނާކާމިޔާބުވެއްޖެ

ލީބިޔާގެ ޚާރިޖީ ވަޒީރު ޑރ. ނަޖްލާ މުހައްމަދު އަލްމަންގޫޝް

ޓްރިޕޮލީ (31 އޮގަސްޓް 2023): ލީބިޔާގެ ޚާރިޖީ ވަޒީރު ޑރ. ނަޖްލާ އަލްމަންގޫޝް އިސްރާއީލުގެ ޚާރިޖީ ވަޒީރު އެލީ ކޮހެންއާ ސިއްރިއްޔާތުގައި ބައްދަލުކުރެއްވިކަން ބޭޒާރުވުމުން ލީބިޔާގެ ބޮޑުވަޒީރު ޑރ. އަބްދުލްހަމީދު އައްދުބައިބާ އޭނާ މަގާމުން ދުރުކޮށްފިއެވެ.

ޑރ. ނަޖްލާ އިސްރާއީލުގެ ޚާރިޖީ ވަޒީރު ކޮހެން އާ އިޓަލީގެ ވެރިރަށް ރޯމުގައި ދާދިފަހުން ބައްދަލުކުރެއްވިކަން ހާމަކޮށްފައިވަނީ އިސްރާއީލުންނެވެ. މިކަމުގައި މެދުވެރިއެއްގެ ބައި އަދާކޮށްފައިވަނީ އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީގެ ސަރުކާރުންކަންވެސްވަނީ ފަޅާއަރާފައެވެ.

ލީބިއާއަކީ އިސްރާއީލަކީ ދައުލަތެއްކަމަށް ބަލައި ނުގަތުމުގެ އިތުުރުން އިސްރާއީލަކީ ފަލަސްތީނުގެ ބިމުގައި އޮތް ނައްތާލަންޖެހޭ ޣައިރު ގާނޫނީ އެންޓިޓީއެއްކަމަށް ޒަމާނުއްސުރެ ދެކޭ ގައުމެކެވެ. ލީބިޔާގެ ވެރިކަމުގެ ނިޒާމުތަކަށް އަންނަ ބަދަލުތަކަކުން މިކަމަށް ބަދަލެއް ނާދެެއެވެ.

ލީބިޔާގެ ކުރީގެ ޒައީމް ކާނަލް ގައްޒާފީގެ ވެރިކަމުގައާއި ގައްޒާފީގެ ކުރިން ލީބިޔާގައި ރަސްކަމުގެ ނިޒާމު އޮތް ދުވަސްވަރުވެސް އިސްރާއީލާމެދު ގެންގުޅުނީ ހަމަ އެއް ސިޔާސަތެކެވެ. އެއީ އިސްރާއީލަކީ ދައުލަތެއް ނޫންކަމުގެ ސިޔާސަތެވެ. އިސްރާއީލަކީ ފަލަސްތީނުގެ ބިމުގައި ޣައިރު ގާނޫނީ ގޮތުން އުފައްދާފައިވާ އަދި ނައްތާލަންޖެހޭ ޣައިރު ގާނޫނީ އެންޓިޓީއެއްކަމުގެ ސިޔާސަތެވެ.

އިސްރާއީލާ އެއްވެސް ބާވަތެއްގެ މުއާމަލާތެއް ސިއްރާއި ފާޅުގައިވެސް ކުރުމަކީ ލީބިޔާގެ ގާނޫނުތައް ބުނާގޮތުން 10 އަހަރަށް ޖަލަށް ލުމުގެ ހުކުމެއް އަންނަ ކުށެކެވެ. އެހެންކަމުން ލީބިޔާގެ ޚާރިޖީ ވަޒީރު ޑރ. ނަޖްލާ އަލްމަންގޫޝް އިސްރާއީލުގެ ޚާރިޖީ ވަޒީރު އެލީ ކޮހެންއާ ސިއްރިއްޔާތުގައި ބައްދަލުކުރެއްވިކަން ބޭޒާރުވުމާއެކު ލީބިޔާގެ ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ އެމައްސަލަ ތަހްގީގުކުރަން ފަށާފައެވެ.

މިއާއެކު ލީބިޔާގެ ބޮޑުވަޒީރު ޑރ. އަބްދުލްހަމީދު އައްދުބައިބާ ވަނީ ޑރ. ނަޖްލާ މަގާމުން ވަކިކޮށް އޭނާ ލީބިޔާއިން ފުރުން މަނާކުރިކަމުގެ އަމުރެއް ނެރުއްވައި އެކަން އިއުލާނު ކުރައްވާފައެވެ. ލީބިޔާގެ ބޮޑުވަޒީރު މި އަމުރު ނެރުއްވީ ޑރ. ނަޖްލާ އިސްރާއީލުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވިކަން ބޭޒާރުވުމާއެކު ލީބިޔާގެ އާންމުން ވެރިރަށް ޓްރިޕޮލީގެ މަގުތަކަށް ނުކުމެ އެކަމާދެކޮޅަށް އިހުތިޖާޖް ކުރަން ފެށުމާއެކު ލީބިއާގެ އެތެރޭގެ މަސްރަހު ހަލަބޮލިވުމުންނެވެ. ނަމަވެސް ފަހުން މައުލޫމާތު ލިބުނު ގޮތުގައި ޑރ. ނަޖްލާ ވަނީ ލީބިޔާ ސަރުކާރުގެ ޖެޓެއްގައި ތުރުކީއަށް ވަޑައިގެން އެއަށްފަހު ލަންޑަނަށް ވަޑައިގެންފައެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ވިލިޔަމް ބާންޒް ލީބިއާއަށް ވަޑައިގެން ލީބިޔާގެ ބޮޑުވަޒީރު އާ ބައްދަލުކުރައްވަނީ

މިމައްސަލާގައި ރުޅިއައިސްފައިވާ ލީބިޔާގެ އާންމުންވަނީ ވެރިރަށް ޓްރިޕޮލީގައި ހުންނަ ލީބިޔާގެ ޚާރިޖީ ވުޒާރާއަށް ވަދެގަނެ އިސްރާއީލާއެކު އެއްވެސް މުއާމަލާތެއް ނުކުރުމަށް އެ ވުޒާރާގެ މުވައްޒަފުންނަށް އިންޒާރު ދީފައެވެ. މިމައްސަލާގައި ލީބިޔާގެ އާންމުން ވެރިރަށް ޓްރިޕޮލީގެ އިތުރުން ލީބިޔާގެ އެހެން ސިޓީތަކުގެ މަގުތަކަށްވެސް ނުކުމެ އިހުތިޖާޖުތައްވަނީ ކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން ޑރ. ނަޖްލާ އިސްރާއީލުގެ ޚާރިޖީ ވަޒީރު ކޮހެން އާ އިޓަލީގައި ބައްދަލުކުރެއްވީ ލީބިޔާގެ ބޮޑުވަޒީރު ޑރ. އަބްދުލްހަމީދު ހިމެނޭގޮތަށް ލީބިޔާ ސަރުކާރުގެ އެންމެ މަތީ ފަރާތްތަކުގެ ރުހުން ލިބިގެންނެވެ. ނަމަވެސް ލީބިޔާ ސަރުކާރުން މިކަން ދޮގުކުރެއެވެ.

ބޮޑުވަޒީރު ޑރ. އަބްދުލްހަމީދު ވަނީ އިސްރާއީލާމެދު ލީބިޔާ ދެކޭގޮތާއި ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަކަމަށް ވިދާޅުވެ ޓްރިޕޮލީގައި ހުންނަ ފަލަސްތީނުގެ އެންބަސީއަށް ވަޑައިގެން ފަލަސްތީނުގެ ސަފީރާއި ލީބިޔާގައި ދިރިއުޅުއްވާ ފަލަސްތީނުގެ ބައެއް ވިޔަފާރިވެރިންނާ އާއިލާތަކާއި ފަލަސްތީނުގެ އިސްފަރާތްތަކާ ބައްދަލުކުރައްވައި ލީބިޔާއިން ފަލަސްތީނު ދޫކޮށްނުލާނެކަމުގެ ޔަގީންކަން އެބޭފުޅުންނަށް ދެއްވާފައެވެ. މިއީ މިމައްސަލަ ފިނިކޮށް ލީބިއާގެ ރައްޔިތުންގެ ރުހުން ހޯދުމަށް އޭނާ ކުރެއްވި ކަމެއްކަމަށްވަނީ ބެލެވިފައެވެ.

އެމެރިކާގެ މީޑީއާ ރިޕޯޓްތައް ބުނާގޮތުން ލީބިޔާގެ ޚާރިޖީ ވަޒީރާ ޑރ. ނަޖްލާ އިސްރާއީލުގެ ޚާރިޖީ ވަޒީރު އިލީ ކޮހެން އާ ސިއްރިޔާތުގައި ބައްދަލުކުރެއްވުމުގެ ފަހަތުގައިވަނީ އެމެރިކާއެވެ. މި ކަމަށް ބާރުއަޅައި ލީބިޔާގެ ސަރުކާރު މިކަމަށް އެއްބަސް ކުރުވީ އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ވިލިޔަމް ބާންޒް މީގެ ދެތިން މަސްކުރިން ލީބިޔާއަށް ކުރެއްވި ދަތުރުފުޅެއްގައި ލީބިޔާގައި މިހާރު އޮތް އިންތިގާލީ ވަގުތީ ސަރުކާރަށް ފިއްތުންތައް ކުރިމަތިކޮށްގެންނެވެ.

މި ފިއްތުންތަކަށް ދީލާލަން ލީބިޔާ ސަރުކާރަށް މަޖުބޫރުވީ އެ ސަރުކާރަކީ ބަލިކަށި ހާލަތެއްގައި އޮތް އިންތިގާލީ ސަރުކާރަކަށް ވެފައި ލީބިޔާއަކީ ދިގުލީ ހަމަނުޖެހުންތަކަކަށްފަހު ރިޔާސީ އަދި ބަރުލަމާނީ އިންތިޚާބަށް ތައްޔާރުވަމުންދާ ގައުމަކަށްވާތީ އިންތިޚާބުގެ ކުރިން އެމެރިކާއާއި ޔޫރަޕްގެ ރުހުން ހޯދުމުގެ ބޭނުމުގައެވެ.

އެމެރިކާގެ ބޭނުމަކީ ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން އެމެރިކާގެ ބާރުގަދަ ޔަހޫދީ ލޮބީގެ ތާއީދު ރައީސް ޖޯ ބައިޑެން އަށް ހޯދުމަށްޓަކައި އަރަބި އިތުރު ގައުމަކާއެކު ގުޅުންތައް ގާއިމް ކުރުމުގެ ފުރުސަތު އިސްރާއީލަށް ހޯދައިދިނުމެވެ.

ފަލަސްތީނުގެ މައްސަލަ އޮއްބާލައި އިތުރު އަރަބި ގައުމަކާއެކު ގުޅުންތައް ގާއިމް ކުރުމުގެ ފުރުސަތު އިސްރާއީލަށް ހޯދައި ދިނުމަކީ ކުރިޔަށްއޮތް އެމެރިކާގެ އިންތިޚާބުގައި އެމެރިކާގެ ބާރުގަދަ ޔަހޫދީ ޒަޔަނިސްޓް ލޮބީގެ ތާއީދު ބައިޑެން އަށް ލިބިގެންދާނެކަމެއްކަމަށް ބައިޑެންގެ ސަރުކާރު ދެކެއެވެ. ނަމަވެސް މި މަގްސަދު ހާސިލު ކުރުމަށްޓަކައި ލީބިޔާ ގެ އިންތިގާލީ ސަރުކާރަށް ފިއްތުންތައް ކުރިމަތިކޮށްގެން ލީބިޔާ އިސްރާއީލާ ގާތްކުރަން ކުރި މަސައްކަތް މިވަނީ ބޭޒާރުވެ ރޭވިގޮތާ މުޅިން ޚިލާފަށް މިކަން "އަތަށް ގޮވާފައެވެ".

މިކަމާދެކޮޅަށް ލީބިޔާގެ ރައްޔިތުން އުތުރި އެރުމުން އިސްރާއީލުގެ އިތުރުން އެމެރިކާއަށްވެސްވަނީ ޝޮކެއް ލިބިފައެވެ. ލީބިޔާގެ ރައްޔިތުންގެ މި ހިތްވަރުގަދަ އިހުތިޖާޖުތަކުގެ ސަބަބުން އިސްރާއީލާ ގާތްވުމަށް އެމެރިކާ ކުރިމަތިކުރާ ފިއްތުންތަކަށް ދީލާލަން އަރަބި އެހެން ގައުމުތަކުގެ ވެރިންނަށްވެސް ދެން ވަރަށް ދަތިވާނެކަމަށާ މިފަދަ ކަމެއް ކުރުމުގެ ކުރިން އެބޭފުޅުން އެއްހާސްފަހަރު ވިސްނަންޖެހޭނެކަމަށް މުހައްލިލުން ވިދާޅުވެއެވެ.

comment ކޮމެންޓް