ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި، ސިޔާސީ ބޭނުމަށްޓަކައި ސަރުކާރުތަކަށް ބަދަލު ނުކުރެވޭނެ ފަދަ މާސްޓާ ޕްލޭނެއް ބޭނުން ކަމަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އަހްމަދު ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ "ރިޔާސީ ކެންޑިޑޭޓާ އެކު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ފާރިސް ވިދާޅުވީ ރައްޔިތުންގެ މަސްލަހަތު ހުރި ބޮޑެތި ކަންކަން ނިންމާއިރު ސިޔާސީ ވިސްނުމެއް ގެންގުޅެން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ނަމަވެސް، މިހާރު ކަންތައް ހިނގަނީ އެހެން ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
"ވޯޓު އިތުރުވާނީ ކިހިނެއް ހެދީމަތޯ؟، ތާއީދު އިތުރުވާނީ ކިހިނެއް ހެދީމަތޯ؟، ނޫނީ ތިމަންނަމެންނަށް ވެރިކަމަށް އާދެވޭނީ ކިހިނެއް ވީމަތޯ؟، ކިޔާފައި އެހެން ފަރާތްތަކުން މި މަސައްކަތް ކުރަނީ،" ފާރިސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވެރިންގެ ވިސްނުން އެހެން ގެންގުޅޭތީ، ރައްޔިތުންނަށް ބަދަލުނުވެ، ހިފަހައްޓާނެ އެކައްޗެއް ނުލިބޭ ކަމަށެވެ.
"ރައްޔިތުންގެ އެންމެ ޒަރޫރީ ބޭނުންތައް، އަޅުގަނޑުމެންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތައް ދިނުމުގައި ވެސް މި އޮންނަނީ އެއް ވެރިކަމަކުން ނޫނީ އެއް ބަޔަކު އެކަން ކުރީތީ ދެން އަންނަ ވެރިކަމަކުން ދިމާ އިދިކޮޅަށް އެކަން ކުރަންޖެހުން،" އޭނާ ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ އެއް ސަރުކާރުގައި ފަށާ މަޝްރޫއުތައް އަނެއް ސަރުކާރުން ހުއްޓުވުމުން، ދައުލަތުން ބޮޑެތި ބަދަލު ދޭން ޖެހި، ރައްޔިތުން "ގެއްލިފައި" ތިބެންޖެހޭ ކަމަށެވެ. އަބަދު ބަދަލު ނުވާނެ ތަރައްގީގެ ޕްލޭނެއް ބޭނުންވަނީ އެހެންވެ ކަމަށެވެ.
"ހިފަހައްޓާނެ ޔަގީން އެއްޗެއް، އިރުއިރުކޮޅާ ބަދަލުނުވާނެ އެއްޗެއް އަޅުގަނޑުމެން އެބަ ބޭނުންވޭ. މި އެއްޗަކީ އަޅުގަނޑުމެން އެންމެންގެ އެއް ސިޔާސަތު، އެއް މާސްޓާ ޕްލޭން. އޭތި އަންނަ ކޮންމެ ސަރުކާރަކުން ބަދަލެއް ނުކުރެވޭނެ" އޭނާ ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެންމެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ވެސް ސިޔާސީ ކަންކަމުގައި އުޅެން މިހާރު މަޖުބޫރުވެފައިވާ ކަމަށެވެ. ކެންޕޭނު ދުވަސްވަރު ޕާޓީތަކުން މަސައްކަތް ކުރަނީ އެ މަޖުބޫރީ ބޭނުން ކޮށްގެން ރައްޔިތުން ލައްވާ ޖަދަލު ކުރުވަން ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާ އެކު، އާ ސަރުކާރެއް އައުމުން ރައްޔިތުންގެ އެއް ބަޔަކު ބާކީވެ، އަނެއް ބަޔަކަށް ފުރުސަތު ފަހިވާ މަންޒަރު ފެންނަ ކަމަށާއި، ބަދަލު ނުވާނެ ތަރައްގީގެ ޕްލޭނެއް އޮންނަ ނަމަ، އެއީ އެކަން ހިނގާނެ ގޮތް ނޫން ކަމަށް ފާރިސް ވިދާޅުވިއެވެ.