ހޫނު މަރުހަބާއެއް: މުޅި ތިނަދޫ ނިކުމެ ތިބީ 'އެކެ ބުރުން' އިބޫ ހޮވަން!

ރައީސް ގދ. ތިނަދުއަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި އެ މަނިކުފާނުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ވެރިން މިއަދު ހަވީރު ގދ. ތިނަދުއަށް ވަޑައިގަތުމާއެކު ގިނަ އަދަދެއްގެ ސަޕޯޓަރުން ނިކުމެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ގދ. އަތޮޅަށް ރައީސް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި އެ މަނިކުފާނު ފަހުން ވަޑައިގަންނަވާ ރަށެއްގެ ގޮތުގައި ތިނަދޫ ހަމަޖެހުނު އިރު މިއަދު ރައީސް މި ރަށަށް ވަޑައިގަތީ މި އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ޓަަކައި އާއި އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރެއްވުމަށާ އެކުގައެވެ.

ރައީސަށް މަރުހަބާ ކިޔުމަށް ތިނަދޫގައި އަތުރައިލައިފައި އޮތް ދިގު ސަފުގެ އެއްބައި -- ފޮޓޯ/ އެމްޑީޕީ

އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ޓަކައި މުޅި ބަނދަރު، އެއްކޮޅުން އަނެއްކޮޅަށް މީހުން ތިބީ ދިގު ސަފުގައެވެ. ސަފުގެ އެންމެ ކުރީގައި ތިބޭއިރު ސަފު ނިމޭކޮޅު ނުފެނެއެވެ.

މަރުހަބާ ކިޔައި، ސަފުގައި ތިބި އެންމެނާ ސަލާމްކުރުމަށް ޓަކައި ދޮޅުގަޑިއިރެއް ހާއިރު ހޭދަވިއެވެ.

ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭހެން އެކި އުމުރުގެ މީހުން ރައީސަށް މަރުހަބާ ކިޔުމަށް ޓަކައި ބަނދަރަށް އެއްވެ ތިއްބެވެ.

"ރައީސް އިބޫ ހޮވަން ބޭނުންވާ ސަބަބަކީ މި ރަށަށް ބަލައިލީމާ ވެސް އެނގޭނެ، މި އަތޮޅަށް ބަލައިލިއަސް އެނގޭނެ، ރާއްޖެއަށް ބަލައިލީމާ ވެސް އެނގޭނެ. ބުނަން ޖެހޭ އެއްޗެއް ނޫން މިއީ،" ރައީސަށް މަރުުހަބާ ކިޔުމަށް ޓަކައި ސަފުގައި ހުރި ޒުވާނަކު ބުންޏެވެ.

ރައީސަށް މަރުހަބާ ކިޔަން ސަފުގައި ތިބި ޒުވާނުންތަކެއް -- ފޮޓޯ/ އެމްޑީޕީ

މިއީ ހަމައެކަނި ޒުވާނުންގެ ޝުއޫރު އެކަންޏެއް ނޫނެވެ. މީގެ ކުރީގެ ދެ ވެރިކަން ވެސް ތަޖުރިބާކުރި މި ރަށުގެ ހަރު އުމުރުފުރައިގެ މީހުންނަށް ވެސް މިއަދު ރައީސަށް މަރުހަބާ ކިޔަން ނިކުމެތިބިއިރު ލިބުނު އެންމެ ބޮޑު ހަމަޖެހުމަކީ ރަށުގައި ބޮޑެތި މަސައްކަތްތައް ހިނގަމުން އައުމެވެ.

"މި ހިނގާ ދައުރުގައި ވެސް ބޮޑެތި ޕްރޮޖެކްޓުތަކެއް އެބަ އާދޭ ތިނަދޫގައި ހިނގަމުން. މި ފަހަރު ވެސް އެމްޑީޕީގެ ވެރިކަމެއް، އިބޫގެ ވެރިކަމެއް އަަޅުގަނޑުމެން ބޭނުންވަނީ އެންމެންގެ މަންފާއަށް ޓަކައި،" ރައީސަށް މަރުހަބާ ކިޔަން ސަފުގައި ހުރި ފިރިހެނަކު ބުންޏެވެ.

ރައީސް ގދ. ތިނަދުއަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

"ބޭބެމެން ހަޔާތުގައި އަދި މިވަރު ކަމެއް ނުދެކެން. ކިޔަވާ ކުދިންނަށް އެހީވުމާއި، ދަތުރުފަތުރާއި ސިއްހީ ޚިދުމަތާއި މި ކަންކަމުގައި ރަނގަޅު ކުރިއެރުންތަކެއް މި ފެންނަނީ،" މި ރަށުން ވާހަކަދެއްކި އިތުރު މީހަކު ބުންޏެވެ.

މުޅި ސަރަހައްދުގައި ގުގުމައިލަމުން އަންނަނީ ރަައީސް ޞާލިހު ނުވަތަ މި ރައްޔިތުންގެ 'ރައީސް އިބޫ ހޮވާނީ އެކެ ބުރުން' ކަމަށެވެ.

މި ރަށުގައި ރައީސްގެ ކެމްޕޭން ޖަލްސާ ބާއްވާނީ މިރެއެވެ.

comment ކޮމެންޓް