މުއިއްޒަށް މަރުހަބާ ކީ ޕާޓީ ބަޔަކު ނޫން، އެއީ ސްކޭމެއް: އަދާލަތު

މިއަދު މުއިއްޒު ފުވައްމުލަކަށް ވަޑައިގަތްއިރު ފެހި ކުލައިގެ ޓީޝާޓެއް ލައިގެން އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގައި ހިމެނޭ މެންބަރެއް --- ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވިއިރު އޭނާއަށް މަރުހަބާ ދަންނަވަން އަދާލާތު ޕާޓީގެ ފެހި ކުލައިގެން ޓީޝާޓު ލައިގެން ތިބީ އެ ޕާޓީގެ މެންބަރުން ނޫން ކަމަށް އެ ޕާޓީން މިއަދު ހާމަކޮށްފިއެވެ.

މުއިއްޒު އިއްޔެ ފުވައްމުލަކަށް ވަޑައިގެންނެވިއިރު، އޭނާއަށް މަރުހަބާ ދަންނަވަން އެއްވެ ތިބި ސަޕޯޓަރުންގެ ތެރޭގައި ބަޔަކު ވަނީ އަދާލަތު ޕާޓީން ބޭނުން ކުރާ ކުލައިގެ ޓީޝާޓު ލައިގެން ހަރަކާތްތެރިވެފައެވެ.

އެކަން އިއްޔެ އަދާލަތުން ކުށްވެރި ވެސް ކުރިއެވެ. އަނެއްކާ މިއަދު އެ ޕާޓީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މުއިއްޒަށް މަރުހަބާ ކިޔަން ނުކުމެ ތިބީ އެ ޕާޓީގެ މެންބަރުންތަކެއް ނޫން ކަމަށާއި އެއީ އިދިކޮޅުން ހިންގާ ސްކޭމެއް ކަމަށެވެ.

"މިއީ ޑރ. މުއިއްޒަށް ތާއީދުނެތި އުފެދޭ މާޔޫސްކަމުގައި ޕީއެންސީގެ ފަރާތުން ކުރާ ޑެސްޕަރޭޓް ކެމްޕޭނެއް. އަދާލަތު ޕާޓީގެ ތާއީދު މުއިއްޒަށް އޮތްކަން ދައްކަން އަދާލަތު ޕާޓީގެ ކުލަ ބޭނުންކޮށްގެން ހިންގާ ސްކޭމެއް،" އެ ޕާޓީން ބުންޏެވެ.

އަދާލަތު ޕާޓީން ވަނީ އިއްޔެ އެ ޕާޓީގެ ކުލައިގައި މުއިއްޒަށް މަރުހަބާ ކިޔަން ނުކުތް 13 މީހުންގެ ތެރެއިން ނުވަ މީހެއްގެ ވަނަވަރު އާންމު ކޮށްފައެވެ. އަދި، އެ ނުވަ މީހުންނަކީ އެ ޕާޓީއަށް ނިސްބަތްވާ ބައެއް ނޫން ކަމަށް އެ ޕާޓީން ބުންޏެވެ.

އަދާލާތު ޕާޓީގެ ކުލަ ބޭނުން ކޮށްގެން ބަޔަކު މުއިއްޒަށް މަރުހަބާ ކިޔާފައިވާއިރު، އޭނާގެ ސިޔާސީ ހަޔާތް ފެއްޓެވީ އަދާލަތު ޕާޓީންނެވެ. އެކަމަކު، އޭނާ ފަހުން ވަނީ އެ ޕާޓީ ދޫކޮށްލައްވައި، އެމްޑީއޭއާ ގުޅިވަޑައިގެންފައެވެ. އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގަތީ އެއަށް ފަހުގައެވެ. އަދި، އިންތިޚާބުގައި ވާދަކުރައްވަން އޭނާ ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. ރިޔާސީ ރޭހަށް އޭނާ ނުކުންނެވީ ޕީޕީއެމާ އެކު އެއް ލީޑާޝިޕަކުން ހިންގާ، ޕީއެންސީގެ ޓިކެޓުގައެވެ.

މިދިޔަ ސަރުކާރާ ދެކޮޅަށް އުފެއްދި އިދިކޮޅު އިއްތިހާދުގައި ވެސް ބައިވެރިވި، އަދާލާތު ޕާޓީން އަދިވެސް ތިބީ އެމްޑީޕީ ކޯލިޝަންގައެވެ.

comment ކޮމެންޓް