ޕީއެސްއެމްއާއި އެމްއެންޔޫގެ ފްލެޓްތައް އަނބުރާ ހޯދައިދޭނަން: މުއިއްޒު

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ --

(ފުވައްމުލަކު ސިޓީން، ޢާލިމް އަބްދުއްލަތީފް)

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިޔާ މަޝްރޫގެ ތެރޭގައި ހިމެނި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މުވައްޒަފުންނާއި ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނަށް ދޭން ނިންމާފައިވާ ފްލެޓްތައް އަނބުރާ ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފިއެވެ.

ފުވައްމުލަކުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޔާމީންގެ ހިޔާ ފްލެޓްގެ މަޝްރޫގައި ގިނަ ކުންފުނިތަކަކަށް ފްލެޓް ލިބޭގޮތަށް ހަމަޖެހިފައި އޮތް ކަމަަށެވެ.

އެ މަޝްރޫތަކުގެ ދަށުން ބައެެއް ކުންފުނިތަކުން ފްލެޓް ލިބޭނެ ފަރާތްތައް ވެސް ކަނޑައަޅައި ނިންމައިފައިވާކަން ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

"އެކަމަކު މި ސަރުކާރު އައިސް ހެދި ގޮތަކީ މީގެ ތެރެއިން ބައެއް ކުންފުނިތަކުގެ މަޝްރޫތައް ހެދި ނުހެދި ގޮތެއް ވެސް ނޭނގެ ވުޖޫދުން ގެއްލިއްޖެ،" މުއިއްޒު ވިދާޅުވިއެވެ.

އެ މަޝްރޫތައް ވުޖޫދުން ގެއްލުމުން، އެ ކުންފުނިތަކުގެ މުވައްޒަފުން މަގުމަތިވީ ކަމަށާއި އުންމީދު ގެއްލުނީ ކަމަށެވެ.

އޭނާ ވިދާޅުވީ، މި މައްސަލަ ދިމާވެފައިވާ އެއް ކުންފުންޏަކީ ޕީއެސްއެމްކަމަށާއި އެ ތަނުގައި 500އަށްވުރެ ގިނަ މުވައްޒަފުން އުޅޭ ކަމަށެވެ.

ދައުލަތުގެ ޓީވީ، ޓީވީއެމް ހިންގާ އިމާރާތް --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

"ރައީސް ޔާމީންގެ ހިޔާ މަޝްރޫގައި ހިމެނޭ ކުންފުންޏެއް އެއީ. އެހެން ނަމަވެސް މި ސަރުކާރުން ވަނީ އެ ޕްރޮޖެކްޓް ވުޖޫދުން ގެއްލުވައިލައިފައި،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ޕީއެސްއެމްގެ މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ މަޝްރޫއު ހުޅުމާލޭގެ ހައުސިން މަޝްރޫގެ ތެރެއިން ވުޖޫދުން ފެންނާނެ ކަމަށާއި އެ އުފާވެރިކަން އެ މުވައްޒަފުންނަށް ހޯދައިދޭނެ ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ވާހަކަ ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓު ވެސް އެ ތަނުން އޮތީ ނެރެފައި ކަމަށެވެ.

"[ލިސްޓު] ނެރިފައި އޮއްވާ ޕްރޮޖެކްޓް ވުޖޫދުން ގެއްލިއްޖެ މި ސަރުކާރު އައިސްފައި. ހުރިހާ ކަމެއް ހަމަޖެހިފައި އޮއްވާ،" މުއިއްޒު ވިދާޅުވިއެވެ.

އެ މުވައްޒަފުންނަށް ވެސް މުއިއްޒު ދެއްވި ޔަގީންކަމަކީ އޭނާގެ ސަރުކާރެއްގައި ފްލެޓް ލިބޭނެކަމުގެ ޔަގީންކަމެވެ.

މުއިއްޒު ވަނީ، ސިފައިންނާއި ފުލުހުންގެ ނުނިމި ހުރި ފްލެޓްތައް ނިންމަވާނެކަމަށް ވިދާޅުވެފައެވެ. އަދި އޭގެ އިތުރުން ވެސް ސިފައިންނާއި ފުލުހުންނަށް އަމާޒުކޮށް ހައުސިން މަޝްރޫއު ހިންގަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޕީއެސްއެމްގެ މުވައްޒަފުންނަށް ސިޔާސީ ނުފޫޒުގެ ސަބަބުން މަސައްކަތްކުރުމުގައި އިންތިހާއަށް ދަތިވެފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ފުވައްމުލަކުން ޑރ. މުއިއްޒަށް މަރުހަބާ ދަންނަވަނީ --

"އެ ކަން ނިމުމަކަށް ގެނެސް އެ މުވައްޒަފުންނަށް އަމާން މާހައުލެއް ގާއިމުކޮށްދީ ވަޒީފާގެ ކުރިއެރުން ގެނައުމުގައި އެއްގޮތަކަށް ވެސް ސިޔާސީ ގޮތުން ދެވޭ ކުރިއެރުންތަކަކަށް ނުހަދައި އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ވަޒީފާ އަދާކުރެވި ވަޒީފާ ކުރިއެރުން ލިބޭ ކުންފުންޏަކަށް ޕީއެސްއެމް ހަދައިދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

ކެމްޕޭން ދަތުރުގައި މުއިއްޒު މިއަދު ފުވައްމުލަކަށް ވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ ބަޔަކު އޭނާއަށް މަރުހަބާ ކިޔަން ނުކުމެފައި ތިއްބެވެ. މާދަމާ އޭނާ ވަޑައިގަންނަވާނީ ގދ. އަތޮޅަށެވެ.

comment ކޮމެންޓް