ޕީޕީއެމް ހުޅުމާލެ ދާއިރާގެ ނައިބު ރައީސް އެމްޑީޕީއަށް

އަޒީލްއާއެކު، އެމްޑީޕީއާ އަލަށް ގުޅުނު ގިނަ ބަޔެއްގެ ފޯމް ހަވާލުކުރުން -- ފޮޓޯ/ އެމްޑީޕީ

ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ނައިބު ރައީސް އަހުމަދު އަޒީލް އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ އެމްޑީޕީއިން ބޭއްވި ކެމްޕޭން ހަރަކާތުގައި އަޒީލް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެން، ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާ ފޯމް ހަވާލުކުރައްވާފައެވެ.

އަޒީލްގެ އިތުރުން އެމްޑީޕީއާ ގުޅުން އިތުރު، ގިނަ އަދަދެއްގެ މީހުން ވެސް ރޭ ފައްޔާޒާ ހަވާލުކޮށްފައިވެއެވެ.

އަޒީލްއާއެކު، އެމްޑީޕީއާ އަލަށް ގުޅުނު ގިނަ ބަޔެއްގެ ފޯމް ހަވާލުކުރުން -- ފޮޓޯ/ އެމްޑީޕީ

އެ ޖަލްސާއި އަޒީލް ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅުނީ، އާންމު ރައްޔިތުންނަށް ހައްގުތައް ހޯދައި ދިނުމަކީ އެ މުޖުތަމައެއްގެ ލީޑަރުންގެ ޒިންމާއެއް ކަމަށް ދެކިގެން، ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.

"އަޅުގަނޑު މި ސްޓޭންޑް މި ނެގީ ފިތުނަ އާއި ފަސާދައިން އެއްކިބާވެ ގައުމީ މަސްލަހަތު އިސްކޮށް ޒުވާނުންނާއި ގައުމު ކުރިއެރުވުމަށް،" އަޒީލް ވިދާޅުވިއެވެ.

އަޒީލްއަކީ ދާދި ފަހަކާ ޖެހެންދެން ވެސް ޕީޕީއެމްގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި މެންބަރެކެވެ. އެގޮތުން މިމަހުގެ 11 ވަނަ ދުވަހު، ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ ޒުވާނުންތަކާއެކު ކެމްޕޭން ހަރަކާތެއްގައި އޭނާ ބައިވެރިވެވަޑައިގެންފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވެސް ގެންދަވަނީ މާލެ އާއި އަތޮޅު ތެރޭގައި ކެމްޕޭން ކުރައްވަމުންނެވެ.

މި ކެމްޕޭން ތެރޭގައި ބައެއް ރަށްރަށުގެ ކައުންސިލަރުންނާއި މަޖިލިސް މެންބަރުން ވެސް ޕާޓީ ބަދަލުކުރައްވައި، އެކަން އިއުލާން ކުރައްވާފައިވެއެވެ.

comment ކޮމެންޓް