އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު 25 އަހަރަށް ޖަލަށްލާން ކުރި ހުކުމަކީ ކުށާ ނުބައްދަލު ބޭއިންސާފު، ސިޔާސީ ހުކުމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ތުހުމަތުކުރައްވައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝައްމާންގެ މައްޗަށް ޖުމުލަ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއީ، އޭނާއާ ދެކޮޅަށް އުފުލި މަނީ ލޯންޑްރިންގެ ތުހުމަތުގައި 15 އަހަރުގެ ޖަލު ހުކުމަކާއި ފޭރުމުގެ ކުށުގައި އަށް އަހަރުގެ ހުކުމެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި ދެ އަހަރުގެ ޖަލު ހުކުމެކެވެ.
ހުކުމުގެ ކުޑައިރުކޮޅެއް ކުރިން ކޯޓު ބޭރުގައި ހުންނަވާ ޝައްމާން ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން ކޮރަޕްޝަން ހިންގަވާކަމުގެ ބޮޑު ތުހުމަތެއް އަމާޒުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ހުށަހެޅުއްވިއެވެ. ޝައްމާން ވިދާޅުވީ އޭނާ ފްރޭމްކުރީ ކަމަށާއި އެކަން ކުރީ އެ މައްސަލައިގައި ކަމަށެވެ.
ޕީއެންއެފްގެ ޓައުންހޯލް ޖަލްސާއެއްގައި ޔާމީން ރޭ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ޝައްމާން ފްރޭމްކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވި ނަމަވެސް އެ ވާހަކަ ގަބޫލުކުރާނެ މީހަކު ނުވާނެ ކަމަށެވެ.
"ސަރުކާރުގެ އިސް ފަރާތަކުން ކަމެއް މިގޮތަށް ބުނެފިއްޔާ އޭގެ މާނައަކީ ޝައްމާން އެ އޮތީ ފްރޭމްކޮށްފައޭ. ސިޔާސީ މައްސަލައެއް ނޫނޭ... ހަމަ ބޮޑުތަނުން އެއީ ސިޔާސީ މައްސަލައެއް. ރައްޔިތުން ގަބޫލެއް ނުކުރާނެ އުޝާމް ތި ދައްކާ ވާހަކައެއް. ރައްޔިތުންނެއް ގަބޫލެއް ނުކުރާނެ ހޯމް މިނިސްޓަރު ދައްކާ ވާހަކައެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އެއްވެސް ތަހުގީގެއް ނުހިންގާ ޝައްމާން ދެއްކި ވާހަކަތައް ފުލުހުން ދޮގުކުރުމަކީ ވެސް ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
އެއްޗެއް ނުބުނި ނަމަވެސް އެއަށްވުރެ ރަނގަޅުވީސް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ތަހުގީގުކޮށްނުލާ ކިހިނެއްތޯއޭ އެނގެނީ އަސާސެއް ނެތް ކަމަށް. ދެން އޮތީ [ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް] މުންދު ދައްކާ ވާހަކަ، ތަރުޖަމާނު. ތަރުޖަމާނަށް ކޯޗެއް އެނގޭނީ؟ އިހަށް ދުވަހާ ޖެހެންދެން ދުބާއީގައި ހުރި މީހެއް. މި ހުރިހާ ކަމެއް ހިނގީއިރު މި ތާކު ނޫން ހުންނެވީ،" ޔާމީން ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންގެ ޕޯލްއެއް މިހާރު ނެގިޔަސް، 90 އަށްވުރެ މަތިން ބުނާނެ ޝައްމާން ދެއްކި ވާހަކަ ތިމަންނަމެން ގަބޫލުކުރަމޭ،"

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ވިދާޅުވީ ޝައްމާނަށް ކުރީ ސިޔާސީ ހުކުމެއް ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް
އެ މަނިކުފާނު ވިދާޅުވީ މި ވަރުގެ އަދަދެއް ނަގައިގެން މި ވަރުގެ ބޮޑު ހުކުމެއް އަންނާނެ ގޮތެއް ގާނޫނުގައި ނޯންނާނެ ކަމަށެވެ. މީގެ ކުރިން އެ މަނިކުފާނަށް ކުރި ތުހުމަތުތަކާ އެކު މި ފަދަ މައްސަލަތަކަށް ވަރަށް ފަރިތަކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، މި އަދަދުގެ ފައިސާއާ ގުޅިގެން 25 އަހަރުގެ ހުކުމެއް އަންނާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑަށް އެއް މިލިއަން ޑޮލަރުގެ މަނީ ލޯންޑްރިންގެ ތުހުމަތާ އެކީ ވެސް އަޅުގަނޑަށް އައީ 15 އަހަރު. މީގައި މި އުޅެނީ 250،000 ރުފިޔާ. ދެ ލައްކަ ފަންސާސް ހާސް ރުފިޔާ އައިސްގެން މީނާއަކަށް މި ހުކުމް އަންނަންޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތް،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހާ ބޮޑަށް އަދަބުތައް މަތިކޮށްފައި އެ އޮތީ ހަމަ އޭނާ ދެއްކި ވާހަކައާ ގުޅިގެން. އެހެން އެއްވެސް ކަމެއްގައެއް ނޫން،"
ޔާމީން ވިދާޅުވީ، ޝައްމާން ތުހުމަތުކުރަނީ ހޯމް މިނިސްޓަރު އިހުސާން ކޯޓާއިން ވައްކަންކުރި މައްސަލަ ރައީސް މުއިއްޒަށް ހުށަހެޅުއްވިން ކަމަށް ކަމަށެވެ. އެހެންވީއިރު އެ ތުހުމަތުތައް ސީދާ ރައީސް މުއިއްޒު ދޮގު ނުކުރެއްވީ ކީއްވެތޯ އެ މަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.
އެ މަނިކުފާނު ވިދާޅުވީ، ޝައްމާން ކުށެއް ނުކުރާ ކަމަށް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށާއި އޭނާ ދިފާއުކުރައްވަން ވެސް މަސައްކަތް ނުކުރައްވާ ކަމަށެވެ.
ހުކުމްކުރުމުގެ ކުރިން ޝައްމާން: އޭނާ ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
އެކަމަކު، މި ހުކުމަކީ ކަނޑައެޅިގެން ސިޔާސީ ހުކުމެއް ކަމަށް އެ މަނިކުފާނު ތުހުމަތުކުރެއްވިއެވެ.
"އެކަމަކު، އަޅުގަނޑު ބުނަން މި އުޅޭ ވާހަކައަކީ މައްސަލައިގައި ކޮމްޕްލިސިޓް މީހުން [ޝައްމާންގެ ވާހަކައިގައި] އަސާސެއް ނެތް ކަމަށް ވިދާޅުވީމާ ކާކުހޭ ގަބޫލުކުރަނީ؟ އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ،" ޔާމީން ފާޑުވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންގެ ތެރެއިން ބޮޑު އަޣުލަބިއްޔަތަކުން ގަބޫލުކުރާނެ ޝައްމާނަށް ހުކުމެއް އައި ނަމަވެސް އެ އައި ހުކުމަކީ ކުރި ކުށާ ނުބައްދަލު، ބޭއިންސާފު ބޮޑު ހުކުމެއްކަން. އެ ހުކުމަކީ އޭނާ ދެއްކި ވާހަކަ. އެ ހުކުމް އައީ އޭނާ ދެއްކި ވާހަކައާ ގުޅިގެން. އެހެން ކަމަށްވަންޏާ ސިޔާސީ ނޫން ކޯޗަކަށްތޯ އެ ވަނީ؟"
ޝައްމާން ހުކުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ، ބިދޭސީން ގެންނަން ނަގާ ކޯޓާ ފީން ހޯމް މިނިސްޓަރު އިހުސާން ވައްކަން ކުރެއްވި ކަމަށެވެ. އެ ވާހަކަ ހެކިތަކާ އެކު ރައީސް މުއިއްޒަށް ދެންނެވުމުން ފިޔަވަޅެއް ނާޅުއްވައި އިންޒާރުދެއްވީ ޝައްމާނަށް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. މިހާރު އޭނާއާ ދެކޮޅަށް ހިނގާ މައްސަލައަކީ ސީދާ އޭނާ 'ފްރޭމްކޮށްގެން' ކުރާ ކަމެއް ކަމަށް ޝައްމާން ތުހުމަތުކުރެއްވިއެވެ.
އެކަމަކު، ހޯމް މިނިސްޓަރާއި ފުލުހުން ވެސް ވަނީ ޝައްމާންގެ ވާހަކަތައް ދޮގުކޮށްފައެވެ.
އިމިގްރޭޝަންސްގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް ޝައްމާން ހައްޔަރުކުރީ ބިދޭސީންގެ އަތުން ފައިސާ ނަގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. އޭނާއާ އެކު އިތުރު ބަޔަކު ވެސް ހައްޔަރުކުރިއެވެ. ފުލުހުން ތުހުމަތުކުރަނީ އެ މީހުން އަތުން ފައިސާ ނެގުމަށް ފަހު، ބަންދުން ދޫކޮށްލީ ކަމަށެވެ.
ޝައްމާންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ބިދޭސީއެއް އަތުން ބައި މިލިއަން ރުފިޔާ ފޭރިގަނެ، އޭގެ ތެރެއިން ބައެއް ޝަމްއާން އަތުގައި ބަހައްޓައި އަދި އަނެއް ބައިން ޝައްމާންގެ ސްޓޫޑަންޓް ލޯނަށް ފައިސާ ދެއްކުން ހިމެނެއެވެ. އެ ވާހަކަތައް ދައުވާގައި ހިމަނާފައިވެއެވެ. އެކަމަކު، ޝައްމާން ވަނީ އެ ދައުވާތަކަށް އިންކާރުކޮށްފައެވެ.
އޭނާ ހުކުމުގެ ކުރިން ތުހުމަތުކުރެއްވި ގޮތުގައި މި މައްސަލައިގައި ހިމެނޭ ބިދޭސީ މީހާ ދޫކޮށްލީ ހޯމް މިނިސްޓަރުގެ އެންގެވުމަކަށެވެ. އަދި، މި މައްސަލައިގައި ދެން ހައްޔަރުކުރި މީހުންގެ ތެރެއިން އޭނާއާ ދެކޮޅަށް ހެކިބަސް ދޭން އެއްބަސްވި މީހުންނަށް ލުއި އަދަބުތައް ދީފައިވާ ކަމަށް ވެސް ޝައްމާން ތުހުމަތުކުރެއްވިއެވެ.