އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެނބުރި އެމްޑީޕީއަށް ވަޑައިގަންނަވަނީ "ނިކަމެތިކަމުގެ ފައިދާ" ނަންގަވާ ވެރިއެއް ހުރުމުން ކަމަށާއި އެހެންނަމަވެސް ޑިމޮކްރެޓްސް ދުވަހެއް ދުވަހަކަށް އަންނަނީ ވަރުގަދަވަމުން ކަމަށް އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިރޭ ވިދާޅުވެއްޖެއެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން މިރޭ ވަނީ އަލުން އެމްޑީޕީއަށް ސޮއި ކުރައްވައިފައެވެ. އޭނާ ސޮއިކުރެއްވި މެމްބާޝިޕް ފޯމު ހަވާލު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއެވެ.
އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފަހު، ކުރެއްވި ޓުވީޓެއްގައި ޝިޔާން ވިދާޅުވީ ތޮއްޑޫ ދާއިރާގެ ސާފު ބޮޑު އަގުލަބިއްޔަތާ އެކު ރައީސް ޞާލިޙް، މި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އެކަމަކު، ޑިމޮކްރެޓްސް ދޫކޮށްލެއްވި ސަބަބެއް އޭނާ ހާމަކުރައްވައިފައެއް ނުވެއެވެ.
އޭގެ ކުރިން، ޑިމޮކްރެޓްސްގައި ހުންނެވި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރާއި އެ ސިޓީގެ މޭޔަރު ވެސް ވަނީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
އެ ކަންކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ޝިފާޒު މިރޭ ވިދާޅުވީ، މެންބަރުންތަކެއް ޕާޓީ ދޫކޮށްލެއްވުމަކީ ދެރަ ކަމެއް ކަމަށާއި އެހެންނަމަވެސް އެއީ "ސަޕްރައިޒެއް" ނޫން ކަމަށެވެ. އަދި، މި ކަންކަން ހިނގަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ފެނިގެންދިޔައީ ވެރިޔަކު އިންސާނުންގެ ނިކަމެތިކަމުގެ ފައިދާ ނަގާ މަންޒަރު ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ މީހެއްގެ ފަގީރު ކަމުގެ ފައިދާ ނަގަމުންދާ މިންވަރަށް، އޭގެން އަންނަ ކިކެއްގައި މަސައްކަތް ކުރާ ބައެއް މިތާ [ޑިމޮކްރެޓްސްގައި] މި ތިބީ. އޭގެން ވަރަށް ބޮޑު ރޫހެއް އަނެއްކާ ވެސް އުފެދޭނެ،" އޭނާ ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ މެންބަރު ޝިޔާނާއި އަދި ޔާސިރު ނެތުމަކީ ވެސް ދެރަ ކަމެއް ކަމަށާއި އެކަމަކު، އެ ކަމުގެ ސަބަބުން ޑިމޮކްރެޓްސްއިން ކުރަމުން އަންނަ މަސައްކަތަށް ހީނަރުކަމެއް އަތުވެދާނެ ކަމަށް ނުވިސްނޭ ކަމަށެވެ. އޭގެ ބަދަލުގައި އެ ޕާޓީ އަންނަނީ ދުވަހެއް ދުވަހަކަށް އިތުރަށް ވަރުގަދަވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މިހާރު ވެސް މިހުރީ ކުޅުދުއްފުށީގައި. އަޅުގަނޑަށް ފެންނަނީ ކުރިއަށް ވުރެ ވެސް ބޮޑު ރޫހެއްގައި މަސައްކަތް ކުރިއަށް ދާތަން. އެކަމަކު، ދެން ދެރަ މީހަކު ނެތުނީތީ،" އޭނާ ވިދާޅުވިއެވެ.
"ވެރިކަން ކުރަނީ ރައްޔިތުންގެ މަޖިލީސް މެންބަރުންނައްތޯ ނުވަތަ ރައްޔިތުންނައްތޯ؟ ރައްޔިތުންނަށް ވެރިކަން ކުރާނަމަ ރައްޔިތުންނަށްތާ އަޅައިލާނީ. އެކަމަކު، ރައްޔިތުންނަށް އަޅައެއް ނުލައޭ. އެހެންވީމާ ރައްޔިތުންނަށް އަޅައިނުލާ ނަމަ، މިއީ ރައްޔިތުންނަށް ކޮށްދޭ ވެރިކަމެއް ނޫން،"
ސަރުކާރަށް ފާޑު ވިދާޅުވި ނަމަވެސް، ޝިފާޒް ވިދާޅުވީ ޑިމޮކްރެޓްސްއިން ވަކިވި މެންބަރުންނާ މެދު ހިތްބުރަ ކަމެއް ނެތް ކަމަށެވެ. އަދި، އެ ބޭފުޅުންނަށް ފުރިހަމަ އިހްތިރާމު ކުރައްވާނެ ކަމަށެވެ.
ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވުމަށް ފަހުގައި ވެސް ނަޝީދު ވަނީ ރައީސް ޞާލިޙަށް ތާއީދުކުރައްވަން ދެކޮޅު ހައްދަވައިފައެވެ. އަދި، ދުވަސްގަނޑެއް ވަންދެން އެމްޑީޕީގައި "ފިކުރެއްގެ ދިރުން" ނަމުގައި ގޮތްޕެއް ހައްދަވައިގެން އުޅުއްވުމަށް ފަހު، އެ ފެކްޝަންގައި ހިމެނޭ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ފިޔަވަޅު އަޅާ ޕާޓީން ވަކިކުރުމާ އެކު ނަޝީދަށް ތާއީދުކުރައްވާ ހުރިހާ މެންބަރުން އެމްޑީޕީ ދޫކޮށްލެއްވީއެވެ.
އެއަށް ފަހު، އުފެއްދި ޑިމޮކްރެޓްސްއިން ވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ރިޔާސީ ޓިކެޓު އަރުވައިފައެވެ. އަދި، މުޅި ރާއްޖޭގައި އަންނަނީ ރިޔާސީ ކެމްޕޭން ކުރައްވަމުންނެވެ.