ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވެސް ދަ ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު، އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވަނީ އެއްފަހަރާ އެ ޕާޓީން ވަކިވެފައެވެ. އަދި، ފަހުން ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދައިފައެވެ.
އޭރު ޑިމޮކްރެޓްސް އުފައްދަން ވަކިވެވަޑައިގެން 13 މެންބަރުންގެ ތެރޭގައި ވެސް ޝިޔާން ހިމެނިވަޑައިގަންނަވައެވެ. އެކަމަކު، މި ފަހުން އޭނާ ހުންނެވީ ޑިމޮކްރެޓްސްގެ ހަރަކާތްތަކާ ދުރުގައެވެ.
ފެޔަށް ޖެހިވަޑައިގެން ހުންނެވުމަށް ފަހު، ޝިޔާން މިރޭ ވަނީ އަލުން އެމްޑީޕީއަށް ސޮއި ކުރައްވައިފައެވެ. އޭނާ ސޮއިކުރެއްވި މެމްބާޝިޕް ފޯމު ހަވާލު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއެވެ.
އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފަހު، ކުރެއްވި ޓުވީޓެއްގައި ޝިޔާން ވިދާޅުވީ ތޮއްޑޫ ދާއިރާގެ ސާފު ބޮޑު އަގުލަބިއްޔަތާ އެކު ރައީސް ޞާލިޙް، މި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އެކަމަކު، ޑިމޮކްރެޓްސް ދޫކޮށްލެއްވި ސަބަބެއް އޭނާ ހާމަކުރައްވައިފައެއް ނުވެއެވެ.
ޝިޔާން ވެސް އަލުން އެމްޑީޕީއާ ގުޅިވަޑައިގެން އިރު، ޑިމޮކްރެޓްސްގައި ހުންނެވި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި އެ ސިޓީގެ މޭޔަރު ވެސް މި ފަހުން ވަނީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވުމަށް ފަހުގައި ވެސް ނަޝީދު ވަނީ ރައީސް ޞާލިޙަށް ތާއީދުކުރައްވަން ދެކޮޅު ހައްދަވައިފައެވެ. އަދި، ދުވަސްގަނޑެއް ވަންދެން އެމްޑީޕީގައި "ފިކުރެއްގެ ދިރުން" ނަމުގައި ގޮތްޕެއް ހައްދަވައިގެން އުޅުއްވުމަށް ފަހު، އެ ފެކްޝަންގައި ހިމެނޭ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ފިޔަވަޅު އަޅާ ޕާޓީން ވަކިކުރުމާ އެކު ނަޝީދަށް ތާއީދުކުރައްވާ ހުރިހާ މެންބަރުން އެމްޑީޕީ ދޫކޮށްލެއްވީއެވެ.
އެއަށް ފަހު، އުފެއްދި ޑިމޮކްރެޓްސްއިން ވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ރިޔާސީ ޓިކެޓު އަރުވައިފައެވެ. އަދި، މުޅި ރާއްޖޭގައި އަންނަނީ ރިޔާސީ ކެމްޕޭން ކުރައްވަމުންނެވެ.