ލިޔުންތެރިކަމުގައި ތިކިޖެހި ތާނަ ބޭނުންކުރާނެ ގޮތުގެ މިންގަނޑުތަކެއް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ލިޔުންތެރިންގެ ދުވަސް ފާހަގަކުރުމަށް މިއަދު މަޖީދިއްޔާ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ އުސޫލު އާންމު ކުރެވޭވަރު ވާނެ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް އެބަކުރަން ތިކިޖެހި ތާނައާ ދޭތެރޭގައި އަޅުގަނޑުމެންގެ މިންގަނޑުތަކެއް އާންމުކުރެވޭތޯ. ގާތްގަނޑަކަށް ނިމިފައި [މިހާރު ވަނީ]" އޭނާ ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވަނީ ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ބޭއްވި އަތުލިޔުމުގެ މުބާރާތުގެ ވަނަތައް ހޮވާ އިނާމުދީފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން 300 އަށްވުރެ ގިނަ ބައިވެރިންނާއެކު ބޭއްވި އެ މުބާރާތް އަންނަ އަހަރު އިތުރަށް ފުޅާކުރައްވާނެ ކަމަށް އެކެޑަމީގެ ރައީސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރަސްމީ ލިޔުމާއި އެއްވަރަށް، އަވަސް ލިޔުމުގެ ފަންނަކީ ވެސް ދިރުވާ އާލާކުރަންޖެހޭ ކަމެއް ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު ހިތަށް އަރަނީ މިއަންނަ އަހަރުގެ މުބާރާތުގައި އަޅުގަނޑުމެން އަވަސް ލިޔުމުގެ ރީތި ބައިތަކެއް ހޮވާ، އެއިން ވެސް އެއްވަނަ، ދެވަނަ ހޮވާލަމާތޯއޭ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.
މީގެ އިތުރުން، މިރޭ ވަނީ ދިވެހިބަހުގެ ރަދީފުގެ އެޕުގެ އަދާހަމަ އާންމުކޮށްފައެވެ. އެ އެޕަށް ގެނައި ބަދަލުތައް ކިޔައިދެއްވީ ބަސް ކޮމިޓީގެ ރައީސް ހަމްދޫން ހަމީދެވެ.
ރަދީފު އެޕަށް އިތުރުކުރި ކަންކަން
- އިންޓަނެޓު ނެތި ބޭނުންކުރެވުން
- އަކުރު ރަދީފުތައް ވަކިވަކިން ބެލުން
- ދިވެހި ލަފްޒުތަކަށް އިނގިރޭސި ލަފްޒު ހޯދުން
- ކުރިން ހޯދި ލަފްޒުތަކުގެ ލިސްޓު ބަލައިލެވުން
- ލަފްޒު ހިއްސާކުރެވުން
ލިޔުންތެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ބަސް ކޮމިޓީގެ ރައީސް ހަމްދޫން ހަމީދު ވާހަކަދައްކަވަނީ --- ސަންފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
އަޝްރަފް ވަނީ އެ އެޕު އިތުރަށް ތަރައްގީކުރުމުގައި ހުރި ބައެއް ހުރަސްތައް ފާހަގަކުރައްވާފައެވެ.
"އަޅުގަނޑަށް ދިމާވެގެން އުޅޭ އެންމެ ބޮޑު އުނދަގުލަކީ ދިވެހި ބަސް އެނގޭ މީހަކަށް އިނގިރޭސިއެއް ނޭނގެ. އިނގިރޭސި އެނގޭ މީހަކަށް ދިވެއްސެއް ނޭނގެ. އެހެންވީމަ ކިހިނެތްތޯ ދިވެހި ބަހުގައި ހުރި ކޮންމެ ލަފުޒަކަށް އިނގިރޭސި ބަސް ހޯދާނީ؟" އޭނާ ވިދާޅުވިއެވެ.
ޑރ. އަޝްރަފް ވަނީ އެ މަަސައްކަތުގައި ޕީޖީ އޮފީހުން އެހީތެރިކަން ދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވާތީ، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އެކެޑަމީގެ ރައީސް ވަނީ އެހާރާއި މިހާރުގެ ބައެއް ލިޔުންތެރިންގެ މަސައްކަތް ފާހަގަކުރައްވާފައެވެ. އެގޮތުން، ލިޔުންތެރިންގެ ދުވަސް މިއަހަރު ޚާއްސަކޮށްފައިވާ މުހައްމަދު ޖަމީލްދީދީގެ ސަމާސާ އަދަބުގެ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި ޖަލްސާގެ ޝަރަފްވެރި މެހެމާން، ޑރ. ސައުދުﷲ އަލީގެ ލިޔުންތެރިކަމުގެ މައްޗަށް ވެސް ބައްލަވާލެއްވިއެވެ.
މިރޭގެ ޖަލްސާގައި ލިޔުންތެރިޔާ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ލިޔުއްވި ދެ ފޮތް ކަމުގައިވާ "ޗައިނާ ދަތުރު" އަދި "ކީރިތި ﷲގެ މަތިވެރި އަމުރުފުޅުތަކަށް އަގުހުރި އިރުޝާދުތައް" ވަނީ ނެރެފައެވެ.
ދިވެހި ލިޔުންތެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ކޮންމެ ޖުލައި މަހެއްގެ އަށްވަނަ ދުވަހެވެ. މިއަހަރުގެ ޖަލްސާ ދުވަސްކޮޅެއް ފަސްކޮށްލީ ސްކޫލުތައް ފެށި، ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށް އެކެޑަމީގެ ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ދިވެހި ލިޔުންތެރިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "މުޖުތަމައުގެ މަސްލަހަތު، ލިޔުންތެރިންގެ މަސްއޫލިއްޔަތު" އެވެ