މި އަހަރުގެ ތާރީޚު ދުވަސް ފާހަގަކުރާނީ ދިވެހިބަހުގެ އެކެޑަމީއާއި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގުޅިގެން ކަމަށް އެ އެކެޑަމީން ބުނެފިއެވެ.
ރާއްޖޭގެ ގައުމީ ތާރީޚު ދުވަހަކީ ފެބުރުވަރީ މަހުގެ 27ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ އަލްޤާޟީ ޙަސަން ތާޖުއްދީން ދުނިޔެ ދޫކުރެއްވި ދުވަހެވެ.
ދިވެހި ބަހުގެ އެކެޑަމީން ބުނީ ތާރީޚު ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ފޯރަމެއް މާދަމާ މެންދުރު 13:00ގައި އިސްލާމިކް ޔުނިވާސިޓީގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ ކަމަށެެވެ.
ގައުމީ ތާރީޚު ދުވަހެއް ފާހަގަކުރުމުގެ މަގުސަދަކީ ތާރީޚާއި ސަގާފަތާއި އާދަކާއަށް ލޯބިކުރާ، ދިވެހި ގައުމު ދެކެ ލޯބިވާ، ގައުމިއްޔަތަށް ޙުރުމަތްތެރިކޮށް ހިތަން ދަންނަ މުޖުތަމަޢެއް އުފެއްދުން ކަމަށް ދިވެހި ބަހުގެ އެކެޑަމީން ވަނީ ބުނެފައެވެ.
އަލްޤާޟީ ޙަސަން ތާޖުއްދީނަކީ ހައްދުއްމަތީ ގަމު މަޙުމޫދު ނަމަކަށް ކިޔުނު ބޭކަލެއްގެ ދަރިކަލެކެވެ. ތާރީޚުން ފެންނަން އޮތް ގޮތުގައި ތާޖުއްދީން ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ ހިޖުރީ ސަނަތުން 1072ވަނަ އަހަރުގެ ތެރޭގައެވެ. ޙަސަން ތާޖުއްދީނަކީ ތުއްޕުޅު އިރުއްސުރެ ޢިލްމަށް ލޯބިކުރެއްވި ބޭފުޅެކެވެ. އަލްޤާޟީ ޙަސަން ތާޖުއްދީން ދިވެހިރާއްޖޭގެ ފަނޑިޔާރުކަން، ދެ ފަހަރެއްގެ މަތީން، 37 އަހަރު ކުރެއްވިއެވެ.
ދިވެހި ބަހުގެ އެކެޑަމީން ބުނީ ރާއްޖޭގެ ތާރީޚު އެންމެ ފުރަތަމަ ލިޔުއްވި ބޭފުޅަކީ އަލްޤާޟީ ޙަސަން ތާޖުއްދީން ކަމަށެވެ. އެ މަނިކުފާނު އެ މަސައްކަތްޕުޅު ކުރެއްވީ އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (ދެވަނަ)ގެ އަމުރުފުޅަށް ކަމަށާއި އެ ރަދުން ރަސްކަންކުރެއްވީ 1704މ. އިން 1721އަށް ކަމަށް އެކެޑަމީން ވަނީ ބުނެފައެވެ.
އެންމެ ފުރަތަމަ ގައުމީ ތާރީޚު ދުވަހެއް ފާހަގަކުރީ 2018ވަނަ އަހަރެވެ. މި އަހަރު މި ދުވަސް ފާހަގަކުރަނީ އަށް ވަނަ ފަހަރަށެވެ.
މި އަހަރުގެ ތާރީޚު ދުވަހުގެ ޝިއާރަކީ "ތާރީޚު ދޭ ފިލާވަޅު - ކުރިމަގުގެ ތަޅުދަނޑި" މިއެވެ.