ދިވެހިބަހުގެ އެކެޑަމީ އާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދިޔަ ދިވެހިބަހުގެ ކޯސް ކާމިޔާބުކަމާ އެކު ނިންމައިލައިފިއެވެ.
ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯސް ކުރިއަށް ގެންދިޔައީ މޯލްޑިވިއަންގެ އެދުމުގެ މަތިންކަމަށް އެ އެކެޑަމީން ވަނީ ބުނެފައެވެ.
މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 10ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ދިވެހިބަހުގެ އެކެޑަމީގައެވެ.
އެ އެކެޑަމީން ބުނީ މޯލްޑިވިއަންގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ނުވަ ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ކޯހުގައި 14 ބައިވެރިން ބައިވެރިވެ, ސެޓްފިކެޓް ހާސިލްކޮށްފައިވާ ކަމަށެވެ.

ދިވެހިބަހުގެ އެކެޑަމީ އާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދިޔަ ދިވެހިބަހުގެ ކޯހުގެ ތެރެއިން--ފޮޓޯ/ދިވެހި ބަހުގެ އެކެޑަމީ
މީގެ އިތުރުން އެ އެކެޑަމީން ބުނީ މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ ދިވެހިބަހުގެ ގަވާއިދާއި އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތް ކުރާނެ ގޮތާއި ދިވެހިބަހުން ރީތިކޮށް މުއާމަލާތުކުރާނެ ގޮތްތައްކަމަށެވެ.
މި ކޯހުގައި ކިޔަވައިދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ސީނިއާ ލެކްޗަރާ ޢަޒީޒާ ޢަފީފާއި ދިވެހިބަހުގެ އެކެޑަމީގެ ނައިބުރައީސް ޒުލްފާ އިބުރާހީމާއި އަލްއުސްތާޛު އަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ.