ސަލާދުފަތް މިއީ ކޯއްޗެއް؟ މިހުރީ އާ 160 ލަފްޒު

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މާހިލް އާތިފް

ދިވެހީންގެ މެދުގައި މިހާރު އާންމު ގޮތެއްގައި ބޭނުންކޮށް އުޅޭ 160 ލަފްޒު ދިވެހިބަހުގެ އެކެޑަމީގެ ބަސް ކޮމިޓީން "ދިވެހިކޮށް" އިއްޔެ ފާސްކޮށްފިއެވެ.

ދިވެހިބަހުގެ އެކެޑަމީން އިއްޔެ ވަނީ މިދިޔަ އަހަރާއި، 2023ވަނަ އަހަރު އެ އެކެޑަމީން އުފެއްދި ދިވެހި ލަފްޒުތައް އާންމުކޮށްފައެެވެ.

އާ ލަފްޒުތައް ފާސްކުރެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމެވެ.

މިފަހަރު 160 ލަފްޒު އުފެއްދިއިރު އޭގެ ތެރޭގައި ބައެއް އިނގިރޭސި ލަފްޒުތައް ދިވެހިކޮށްފައި ވެސް އެބަހުއްޓެވެ.

މީގެ އިތުރުން އަރަބި ބައެއް ލަފްޒުތައް ވެސް ދިވެހިބަހުގެ ލަފްޒުތަކަށް "ލޯނުކޮށްފައި" ނުވަތަ ހަދައިފައިވެއެވެ. މިސާލަކަށް:

  • ސުހޫރު (ހާރުކެއުން)

އިނގިރޭސި ބައެއް ލަފްޒުތައް ހަމަ އެ ނަމުގައި ދިވެހިކުރިއިރު ގެނައި ބަދަލަކީ ފަހު އަކުރުގައި އުބުފިއްޔެއް ޖެހުމެވެ. މިސާލަކަށް:

  • ސިމް/ ސިމު
  • ވޭޕް/ ވޭޕު
  • ޓެބް/ ޓެބު
  • ޝެފް/ ޝެފު
  • ލެބް/ ލެބު
  • މޮޕް/ މޮޕު

މީގެ އިތުރުން އާންމުކޮށް ބޭނުންކުރާ އިނގިރޭސި ބައެއް ލަފްޒުތަކުގެ ދިވެހި ލަފްޒުތަކަކީ:

  • ލެޓިއުސް/ ސަލާދުފަތް
  • ވިނާޒް/ ވަނަވެރިން
  • ގެސްޓްހައުސް/ ފަތުރުވެހި
  • ވިޝަން/ މާރެސް
  • ފޯކްލޯ/ ކަތާ
  • ކްރިޓިކް/ ނާގިދު
  • އެމަޖެެންސީ/ އިމަޖެންސީ
  • ސީޕްލޭން/ ކަނދުބޯޓު
  • ޓައިމްލައިން/ ވަގުތުރޮނގު

އަލަށް ތަޢާރަފުކުރެވުނު ލަފްޒުތަކާ ގުޅިގެން "ސަން" އާ ވާހަކަދައްކަވަމުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވީ މިދިޔަ ދެ އަހަރު ބަސް ކޮމެޓީން ކުރި މަސައްކަތުގެ ތެރެއިން ފާސްވި ލަފްޒު ތަކަކީ ހަމައެކަނި އެ ކޮމިޓީން އުފެއްދި ލަފްޒުތަކެއް ނޫން ކަމަށެވެ.

އޭގެ ތެރޭގައި ކުރީއްސުރެ އެކި ލިޔުންތަކުގައި ބޭނުންކޮށްފައި ހުރި އާ ލަފްޒުތައް ހޯދައި، މާނަ ކުރުމަށްފަހު ބަސްފޮތުގައި ހިމަނައިފައިވާކަމަށް ވިދާޅުވިއެވެ.

އަދި ދެން ހުރި ބައެއް ލަފްޒުތަކަކީ މިހާރުގެ ލިޔުންތެރިން އެ ލިޔުންތެރީންގެ ލިޔުންތަކުގައި ހިމަނާފައިވާ އާ ލަފްޒުތައް އެއްކޮށް، އޭގެ މާނަ ހެދުމަށްފަހު ފާސްކުރި ލަފްޒުތައްކަން ފާހަގަކުރެއްވިއެވެ.

އަދި އެއާއެކު މުޅިން އާ ލަފްޒުތައް އުފައްދައި ހިމަނާފައިވާނެކަމަށް ވެސް ޑރ. އަޝްރަފް ވިދާޅުވިއެވެ.

"އެހެންވީމާ ހަމައެކަނި އަަޅުގަނޑުމެންގެ ބަސް ކޮމިޓީން އުފެއްދި ލަފްޒުތަކެއް ނޫން ހުންނާނީ. ކުރީގެ އަދި މިހާރުގެ ލިޔުންތަކުގައި ހުރި އާ ލަފްޒުތަކާއި ބަސް ފޮތުގައި ނެތް އެކަމަކު އަޅުގަނޑުމެން ބޭނުންކުރާތާ ޒަމާންވެފައި ހުރި ލަފްޒުތައް މާނަކޮށް ބަސްފޮތުގައި މި ހިމެނީ. މާނައަކީ އެ ލަފްޒުތަކަކީ ދިވެހިބަހުގެ އެކެޑަމީން ބަލައިގަންނަ ލަފްޒުތަކެކޭ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

ގިނަ ލަފްޒުތައް އެކެޑަމީން ވަނީ އިއްޔެއާއި، ހޯމަ ދުވަހު ކުރި އިއުލާނުގައި ގެޒެޓުކޮށްފައެވެ. ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުން ވެެސް އެ ލަފްޒުތަކާއި މާނަތައް ބަލައިލެވޭނެއެވެ.

comment ކޮމެންޓް