މަޖިލީހުގެ މެޖޯރިޓީ ނުލިބި މުއިއްޒު ވެއްޓޭނީ ވަހީދުގެ ހާލަތަށް: މާރިޔާ

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕޯކްސްޕާސަން މާރިޔާ ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޕީއެންސީއަކީ ކުޑަ ޕާޓިއެއް ކަމަށާއި މަޖިލީހުގައި މެޖޯރިޓީ ނުލިބި ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެއްޓޭނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ހާލަތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެޕްއިން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، ޑރ. ވަހީދު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެ މަނިކުފާނު ނިސްބަތްވެ ވަޑައިގެންނެވި ގައުމީ އިއްތިހާދު ޕާޓީގެ އެއްވެސް ގޮނޑިއެއް މަޖިލީހުގައި ނެތް ކަމަށެވެ.

އަދި ވަރަށް މަސައްކަތުން ޑީއާރުޕީން ފަސް ޕަސަންޓުގެ ތާއީދެއް ލިބުނު ކަމަށާއި ނަމަވެސް މެޖޯރިޓީ އިދިކޮޅަށް އޮތުމުން ވެރިކަން ކުރަން އުޅެއުޅެ ނުކުރެވުނު ކަމަށް މާރިޔާ ވިދާޅުވިއެވެ.

ހަމަ އެފަދައިން ޕީއެންސީ އަކީ ވެސް ވަރަށް ކުޑަ ޕާޓީއެއް ކަމަށާއި ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ޕީއެންސީގަ މުއިއްޒު ހުންނަވާ އެބޭފުޅާ އިންތިޚާބުވެ އެ ވިދާޅުވާ ގޮޮތަށް އެބޭފުޅާ ޔާމީނު ދޫކޮށްލައްވައިފި ނަމަ ޕީޕީއެމް ނުކުންނާނެ މަޖިލީހަށް. ޕީއެންސީ އަކަށް ނުލިބޭނެއޭ އެންމެ ގޮނޑިއެއް ވެސް. ހަމަ ވަހީދު ހުންނެވި ސިޓްއޭޝަނަށް މުއިއްޒު ދާނީ،" މާރިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގައި ޕީޕީއެމްއާއެކު ވާދަވެރި އެހެން ސިޔާސީ ޕާޓީތަކުގެ މެޖޯރިޓީ ބޮޑުވުމުން ޑރ. މުއިއްޒަށް އެއްވެސް ވައުދެއް ނުފުއްދޭނެ ކަމަށެވެ.

އެކަމަނާ އެ ދައްކަވާ ވާހަކައިގެ ތެދުފުޅުކަށް ޑރ. މުއިއްޒަށް ވެސް އެނގޭނެ ކަމަށާއި އެހެންކަމުން ޑރ. މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީނު ގެއަށް ދޫ ނުކުރާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ޑރ. މުއިއްޒަށް ވެރިކަން ލިބިއްޖެ ނަމަ އަނެއްކާ ވެސް ރާއްޖެއަށް އަނިޔާވެރިކަމާ، ނަމާންކަމާ، ބިރުވެރިކަމާ ވެރިވެ ނޫސްވެރިކަމުގެ މިނިވަންކަން ވެސް ގެއްލިގެން ދާނެ ކަމަށެވެ.

comment ކޮމެންޓް