ބާރު ބޭނުންކޮށްގެން ބޭނުންކަމެއް ކުރެވެން އެބައޮތް، އެކަމު ނާޖާއިޒު މަންފާއެއް ނުނަގަން: ރައީސް

ރައީސް ބ. ކުޑަރިކިލުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ވެރިއަކަށް ހުންނަވާ ބޭފުޅަކަށް އެތައް ބާރެއް ލިބިދީފައިވާއިރު އެ ވެރިއަކު ކުރަން ބޭނުން ކޮންމެ ކަމެއް ވެސް ކުރެެވެން އެބައޮތްކަަމަށާއި އެހެންނަމަވެސް ބާރުތަކުގެ ނާޖާއިޒު ބޭނުން ކުރައްވައިފައި ނުވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅުގެ ހުރިހާ ރަށްތަކަކަށް ރައީސް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ކުޑަރިކިއްޔަކީ އެ މަނިކުފާނު ވަޑައިގެންނެވި އަތޮޅުގެ ފަހު ރަށެވެ.

މި ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ބާރުގެ ބޭނުންކޮށްގެން ނަހަމަ ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ.

"ވެރިއަކަށް ހުންނަ މީހަކު ބޭނުންވެއްޖެއްޔާ ހަމައެކަނި ގޮސް ސުޕްރީމް ކޯޓުގެ ފުރާޅު ޓިނު އެކަންޏެއް ނޫން ނެގޭނީ. އެެއް ފަހަރާ ސުޕްރީމް ކޯޓާއި ހައިކޯޓާއި ހުރިހާ ކޯޓުތަކެއްގެ ފުރާޅުން ވެސް ޓިނު ނެގިދާނެ. އެއީ އެ ބާރު ބޭނުންކޮށްފިއްޔާ. އެހެންނަމަވެސް އަޅުގަނޑުމެންނަކީ، ހަމަގައިމު ވެސް އަޅުގަނޑަކީ އެ ލިބިފައި އޮތް ބާރު ނާޖައިޒު ގޮތުގައި ބޭނުންކުރާނެ މީހެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގާނޫނުން ލިބިދޭ ބާރު ވެރިކަމަށް އައިސް، ހިތުހުރި ގޮތަކަށް ބޭނުންކުރާނަމަ ގައުމު ވެއްޓޭނީ ހަަމަނުޖެހުމުގެ ތެރެއަށްކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް މި ފެންނަ ހަމަޖެހުމާއި ސުލްހައަކީ އެ ކަން އެގޮތަށް ނުކުރީމާ ލިބިފައި އޮތް އަމާންކަން،" ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު އެ މަނިކުފާނު ވަނީ ރައީސް ޔާމީންގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެފައިވާއިރު، މިނިވަންކުރަން ކިތަންމެ އެދުނުކަމުގައިވީ ނަމަވެސް އެ ކަން ކުރެވޭނެ ގޮތެއް ނެތްކަމަށް ތަކުރާރުކުރައްވައިފައެވެ.

އަދި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން އެ ކަން ނުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ދައުުލަތަށް ލިބެން ހުރި ފައިސާ ގެންގޮސް އަމިއްލަ އެކައުންޓަށް ލީމަކާ ފައިސާއެއް ވެސް ނުހުންނާނެ. ދެން އެ ކަންތައްތައް ބެލީމާ ބަލާފައި ކޯޓުން ނިންމީމާ މި ބުނަނީ ދޫކޮށްލާށޭ. އެ ކިހިނެއްތޯ އެ ކަން ކުރަނީ އަޅުގަނޑު. ކޯޓުތައް މިނިވަންކަމާއެކީގައި އެ މަސައްކަތްކުރަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ބ. ކުޑަރިކިލަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

މި ރަށަށް ރައީސަކު މި ވަޑައިގަތީ 15 އަހަރު ފަހުންނެވެ. އެއާއެކު ދެވަނަ ދައުރެއްގައި ކުޑަރިކިއްޔަށް ކޮށްދެއްވާނެ ކަންކަމުގެ ވައުދުތައް ރައީސްވަނީ ހިއްސާކުރައްވައިފައެވެ. އެ ކަންކަމަކީ:

  • ސިއްހީ މަރުކަޒު ތަރައްގީކުރުން
  • ސްކޫލުގެ މަލްޓި ޕާޕަސް ހޯލާއެކު އިތުރު ވަސީލަތް ތަރައްގީކުރުން
  • ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް ތަރައްގީކުރުން
  • އޭޓީއެމްގެ ޚިދުމަތް ރަށުގައި ފެށުން
  • ފެނަކައިގެ ކަރަންޓު ޚިދުމަތް ފެށުން

ރައީސް ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތަސް ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބުމަކީ ރައްޔިތުން އެދޭނެ ގޮތް ކަމަށެވެ.

ނަމަވެސް މީގެ ކުރީގެ ސަރުކާރުތަކުން އެ ކަން ކުރަން ފެއިލްވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް