ބޭރުގެ ކޮންސަލްޓެންޓުންނާއި ކޯޗުންގެ އެހީގައި ސްވިމިން ޓީމަށް ބޮޑު ކުރިއެރުމެއް

އައިއޯއައިޖީގައި ދިވެހި ފެތުންތެރިޔަކު ވާދަކުރަނީ -- ފޮޓޯ/ އެމްއޯސީ

މިމަހު މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ރާއްޖޭގައި ތިބެގެން ރަނގަޅު މަސައްކަތްތަކެއް ކުރެވި، ކުރިއެރުންތަކެއް ހޯދިއްޖެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެފިއެވެ.

ސީދާ ގޭމްސްއަށް ތައްޔާރުވުމަށް އަމާޒު ހިފައިގެން އެސޯސިއޭޝަނުން ވަނީ އިންޓަނޭޝަނަލް ފެޑެރޭޝަންގެ ކޮންސަލްޓަންޓެއްގެ އެހީ ހޯދައިފައެވެ. މުޅި އަހަރުތެރޭގެ އެކި ދުވަސްވަރު ރާއްޖެ އައިސް މަސައްކަތްކުރި ކޮންސަލްޓަންޓް މިގޭލް އަކީ ޗައިނާގެ ޓްރެއިނިން ސެންޓަރެއްގައި މިހާރު ވެސް މަސައްކަތްކުރާ ހެޑް ކޯޗެކެވެ.

ގޭމްސްގެ ކުރިން އޭނާ ރާއްޖޭގެ ފެތުންތެރިންނާއެކު އެންމެ ފަހުން ހޭދަކުރި ދިހަ ދުވަހަށް ފަހު މިހާރު ވަނީ ރާއްޖެއިން ފުރައިފައެވެ. ޓެކްނިކަލް އެޑްވައިޒަރެއްގެ ގޮތުގައި އޭނާ ވަނީ ކޮންމެ ތިން މަހަކުން ރާއްޖެ އައިސް ރާއްޖޭގެ ފެތުންތެރިން ކުރިއަރުވަން މަސައްކަތް ކޮށްފައެވެ.

ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއީލް އަލީ ވިދާޅުވީ ރަޝިޔާގެ ދެ ކޯޗުން އައިސް ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށް، ކުރިއެރުންތަކެއް ހޯދައިދިން ކަމަށެވެ. އެގޮތުން ރަޝިޔާ އިން އައި ދެ ކޯޗުންގެ ތެރެއިން އެއް ކޯޗު މަސައްކަތްކުރީ ސީދާ ގޭމްސްއަށް ދާ ފެތުންތެރިންނާއެކު، އެ ފެތުންތެރިން ތަމްރީނުކުރުމުގައެވެ. އަދި އަނެއް ކޯޗު ޑިވެލޮޕްމަންޓް މަސައްކަތްތަކުގައި ވަރަށްބޮޑަށް ބައިވެރިވި ކަމަށް އެސޯސިއޭޝަނުން މައުލޫމާތު ދީފައިވެއެވެ.

ރާއްޖޭގެ ފެތުންތެރިންގެ ތަމްރީނުތައް ކުރިއަށް ގެންދިޔައީ އެންމެފަހުން 2019 ވަނަ އަހަރު ގޭމްސްގައި މެޑަލް ހޯދި އެހެން ގައުމުތަކުގެ އެތުލީޓުންގެ ހުނަރު ވަރަށް ބޮޑަށް ބަލައި ދިރާސާކޮށްގެންނެވެ.

"އެންމެ ކައިރިން ވާދަކުރެވޭނެ އިވެންޓްތަކަށް ބޮޑަށް ފޯކަސްކޮށްގެން ތަމްރީނުތައް ކުރިއަށްގެންދިޔައީ. މައިގަނޑު ހުރިހާ އިވެންޓެއްގައިވެސް ރާއްޖޭގެ ހުރިހާ ފެތުންތެރިންވެސް ވާދަކުރާނެ," އިސްމާއީލް އަލީ ވިދާޅުވިއެވެ.

ގޭމްސްގައި ވާދަކުރާއިރު ރާއްޖޭގެ ފެތުންތެރިންނަށް ކުރިމަތިވާ އެންމެބޮޑު ގޮންޖެހުމަކީ ތިން ގައުމެއް ތަމްސީލުކުރަން ފްރާންސްގެ ފެތުންތެރިން އަންނަ އައުމެވެ. ދުނިޔޭގެ ބޮޑެތި ގޭމްސްތަކުގައި ވާދަކޮށް މެޑަލް ހޯދާފައިވާ ފެތުންތެރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ތިން ގައުމެއްގެ ޓީމުގައި ހިމެނިގެން ވާދަކުރެއެވެ.

ރާއްޖެއިން ގޭމްސްގައި ވާދަކުރާ ޓީމުގައި ހިމެނެނީ 12 ފެތުންތެރިންނެވެ. އެއީ އަންހެން 6 އަދި ފިރިހެން 6 ފެތުންތެރިންނެވެ.

comment ކޮމެންޓް