މުއްދަތު ހަމަވެފައިވާ އައިވީއެއް ކުޑަކުއްޖެއްގެ ގަޔަށް ގުޅި ކަމުގެ ތުހުމަތު، ރައްޔިތުން ރަތަށް!

މުއްދަތު ހަމަވެފައިވާ ކަމަށް ބުނާ އައިވީ ކުޑަކުއްޖާގެ ގަޔަށް ގުޅާފަ ---

ގދ. ގައްދޫ ސިއްހީ މަރުކަޒުގައި އެނދުމަތިކޮށްފައި އޮތް ކުޑަ ކުއްޖެއްގެ ގަޔަށް މުއްދަތު ހަމަވެފައިހުރި އައިވީ ފްލުއިޑެއް ގުޅިކަމަށް ތުހުމަތުކޮށް ރައްޔިތުން އިހްތިޖާޖު ކުރަން ފަށައިފިއެވެ.

ގައްދޫ އިން 'ސަން'އާ ވާހަކަ ދެއްކި އާންމު މީހަކު ބުނީ، އެ އައިވީ ކުއްޖާގެ ގަޔަށް ގުޅީ މިއަދު ކަމަށެވެ.

މީގެ ދެ ދުވަސްކުރިން ހުން އައިސް، ވަރުދެރަވުމުގެ ސަބަބުން އެނދުމަތިކުރި އެ ކުއްޖާގެ ގަޔަށް ގުޅާފައިހުރި އައިވީ މުއްދަތު ހަމަވެފައިވާކަން އެނގުނީ ވެެސް މިއަދު ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ޖުލައި މަހުގައި މުއްދަތު ހަމަވެފައިހުރި އައިވީއެއްގެ ދެބައިކުޅަ އެއްބައި ކުޑަކުއްޖެއްގެ ގަޔަށް ދުއްވާލާފަ އެ މީހުން މިހާރު އުޅެނީ އެ އައިވީ ފޮރުވައިގެން," މަރުކަޒުގައި އިހުތިޖާޖު ކުރަމުންދިޔަ މީހުންގެ ތެރެއިން އެކަކު ކިޔައިދިނެވެ.

ގޯހެއް ހެދުމުން އެކަން ގަބޫލުކޮށް މައާފަށް އެދި އިސްލާހު ކުރަން އުޅުމުގެ ބަދަލުގައި ގައްދޫ ސިއްހީ މަރުކަޒުގެ ވެރިންނާ މުވައްޒަފުން އަންނަނީ އޮޅުވާލަމުން ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

"މިކޮޅުގައި ހާޖާނު ހިންގާލީމަ އެ މީހުން މި ބުނަނީ އައިވީ ނުގުޅާ ކަމަށް. އެ މައްސަލައިގައި ރައްޔިތުން ހޫނުވެގެން މި އުޅެނީ," މަރުކަޒު ސަރަހައްދުގައި ހުރި ރައްޔިތަކު ބުންޏެވެ.

ތުހުމަތުތަކާ ގުޅިގެން މަރުކަޒުގެ ބަހެއް ހޯދުމަށް އެތަނުގެ ހޮޓްލައިން ނަންބަރަށް ގުޅުމުން ވަނީ މީޑިއާއަށް މައުލޫމާތު ދެއްވާނެ ބޭފުޅެއްގެ ނަންބަރު ދިނުމަށް ދެކޮޅުހަދައި، ފޯނު ކަނޑާލާފައެވެ.

comment ކޮމެންޓް