ޒުވާބުގަނޑަކަށް ފަހު މަސައްކަތެއް ނުކޮށް މަޖިލީސް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ތާވަލުކުރެވިފައިވާ އެއްވެސް މަސައްކަތެއް ކުރުމެއް ނެތި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވެސް ނިންމާލައިފިއެވެ.

ތިންވަނަ ދައުރުގެ ދެވަނަ ޖަލްސާ މިއަދު ފެށިއިރު ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި، ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ ދަފުތަރަށް އައި ބަދަލާއި ގުޅޭ މައްސަލަ އޮތީ އެޖެންޑާ ކުރެވިފައެވެ.

މި ދައުރުގެ ފުރަތަމަ ޖަލްސާ އިއްޔެ ފެށުމާ އެކު ވެސް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިއުލާން ކުރެއްވީ އެ މަނިކުފާނު ނިސްބަތްވާ، ދަ ޑިމޮކްރެޓްސްގެ މެންބަރުން އެ ޕާޓީއަށް ސޮއިކުރި ކަމުގެ ސިޓީ މަޖިލީހަށް ނުލިބޭތީ ކޮމިޓީތައް ކަނޑައެޅުން ކުރިއަށް ނުގެން ދެވޭނެ ކަމަށެވެ. އެ ކަމާ ގުޅިގެން، މަޖިލިސް ހޫނުވެ، ޖަލްސާ ވަނީ ނިންމާލާފައެވެ.

މިއަދު ވެސް އެޖެންޑާއާ އެއްގޮތަށް މަޖިލިސް ކުރިއަށް ގެންދިޔުމަށް ވަނީ ހުރަސްތަކެއް ދިމާވެފައެވެ.

މަޖިލީހުގެ ރިޔާސަތުން އަންނަނީ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އަޅަމުން ކަމަށް ބުނެ މަޖިލީހުގެ ގިނަ އެމްޑީޕީ މެންބަރުން އަދި އިދިކޮޅު ކޯލިޝަންގެ މެންބަރުން ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ، މަޖިލީހުގެ ނިޒާމު ގެއްލުވާލުމާ އެކު އިއްޔެގެ ޖަލްސާގައި ވެސް ނަން އިއްވާފައިވާ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްގެ ނަން މިއަދު ވެސް އިއްވާފައެވެ. އަދި، ތަކުރާރުކޮށް ނަން އިއްވުމުން ވެސް ޝަރީފް ވަނީ މަޖިލީހުގެ ތަޅުމުން ނުނިކުމެ އެހެނިހެން މެންބަރުންގެ ބަހުސަށް ހުރަސް އަޅާފައެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު --- ފޮޓޯ/ރައީސް މަޖިލިސް

މިއަދުގެ މަޖިލިސް ފެށުނުއިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ހުންނެވުމުންނާ، ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަދިވެސް މަޖިލީހުގައި އޮތުމާ އެކު ހާޒިރުވެފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތަށް ނިސްބަތްކޮށް މެންބަރުން ދެއްކެވި ވާހަކަފުޅަށް އަފީފް ދެއްވި ރައްދުތަކާ ގުޅިގެން ވަނީ ހޫނު ޒުވާބުތަކެއް ވެސް ގޮސްފައެވެ.

މިއަދު ވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވިފައިނުވާއިރު ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލިއިރު ވެސް މަޖިލީހުގައި އޮތީ 'މަރުތަޅެއް' އެޅުވިފައެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީ ތެރޭ އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެމްޑީޕީ ދޫކޮށްލާފައެވެ. އެއާ އެކު މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާ އެކު، މިދިޔަ ދައުރުގެ ފަހުކޮޅު ވެސް މަޖިލީހުގެ މަސައްކަތްތައް އޮތީ ހުއްޓިފައެވެ. އެކަމަކު، ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވާ، ދާއިމީ ކޮމިޓީތައް ފަހުން އެކުލަވައިލިއެވެ.

https://sun.mv/181090

އެހެންނަމަވެސް ނަޝީދަށް ތާއިދުކުރާ މެންބަރުން އުފެއްދި ޕާޓީ 'ދަ ޑިމޮކްރެޓްސް'އަށް އެ މެންބަރުން ސޮއިކުރުމުން އަނެއްކާ ވެސް މަޖިލީހުގެ ކޮމްޕޮޒިޝަނަށް ވަނީ ބަދަލު އައިސްފައެވެ.

އެއަށް ފަހު މި ދައުރުގެ ޖަލްސާތައް އިއްޔެ ފެށިއިރު ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ ޑިމޮކްރެޓްސްގައި މިހާތަނަށް ތިބީ ތިން މެންބަރުންކަން އިއުލާނުކުރައްވާފައެވެ. އަދި، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދެވެން އޮތީ އެ މަނިކުފާނު ނިސްބަތްވާ ޑިމޮކްރެޓްސްގެ މެންބަރުން ސިޓީ ލިބުމުން ކަމަށް ވިދާޅުވިއެވެ.

ކޮމިޓީތައް އެކުލަވައިނުލެވި ލަސްވުމުގެ ސަބަބުން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް އޮތީ ހުއްޓިފައެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރިޔާސަތައް ވަނީ އެމްޑީޕީ މެމްބަރުންގެ ފާޑުކިޔުން އަމާޒުވެފައެވެ. އެގޮތުން ނަޝީދުގެ އަމަލުފުޅުތައް ބަހައްޓަވާ ގޮތުން އެ މަނިކުފާނު މަގާމުގައި ދެމި ހުންނަވަން ބޭނުންފުޅުވާ މިންވަރު ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރަނިންމޭޓު މުހައްމަދު އަސްލަމް އިއްޔެ ވަނީ ތުހުމަތު ކުރައްވައިފައެވެ.

comment ކޮމެންޓް