ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަމަލުފުޅުތައް ބަހައްޓަވާ ގޮތުން އެ މަނިކުފާނު މަގާމުގައި ދެމި ހުންނަވަން ބޭނުންފުޅުވާ މިންވަރު ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރަނިންމޭޓު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
އަހަރުގެ ދެވަނަ ދައުރު ނިންމައި ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު ތިންވަނަ ދައުރުގެ ޖަލްސާތައް މިއަދު ފެށި ނަމަވެސް ޖަލްސާ ކުރިއަށް ނުގެންދެވި ވަނީ ނިންމާލާފައެވެ.
މަޖިލީހުގެ ދަފުތަރަށް އައި ބަދަލާ އެކު ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ނިމިފައިވީ ނަމަވެސް މިނިވަން މެންބަރުންގެ ގޮތުގައި ތިއްބެވި މެންބަރުންތަކެއް ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވުމާ އެކު އަލުން ކޮމިޓީތައް އެކުލަވައިލަން ޖެހެއެވެ.
ނަމަވެސް އެ މެންބަރުން ޑިމޮކްރެޓްސްއަށް ސޮއި ކުރި ކަމުގެ ލިޔުން މަޖިލީހަށް ލިބިފައިނުވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ނުގެންދިޔުމަށް ނިންމާފައެވެ.
އެކަމާ ގުޅިގެން "ސަން" އާ ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ ތެރެއިން ފަސޭހައިން ނިންމެވެން އޮތް ކަމެއް ނުފޫޒާއި ގަދަބާރުން ނަޝީދު ހިފަހައްޓަވާފައި ވަނީ މަގާމުގެ ދަހިވެތިކަމުގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް މައްސަލަތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުރިއަށް ގެންދަން ޖެހޭނީ ނަޝީދުގެ މައްސަލަކަން ފާހަގަ ކުރައްވައި، އަސްލަމް ވިދާޅުވީ ބާރުގެ ބޭނުން ކުރައްވައިގެން އެ މައްސަލަ ކުރިއަށް ނުގެންދެވޭ ހުރިހާ ގޮތަކަށް ނަޝީދު އަމަލު ކުރައްވަމުން ގެންދަވާ ކަމަށެވެ.
މަޖިލީހުގެ ދަފްތަރު ކުރަން ހުށަހެޅީ އެންމެ ތިން މެންބަރުންގެ ނަން. ދެން މާދަން އަނެއްކާ އެހެން ދެ މެންބަރެއްގެ ނަން ދޭންވީ. ކުޅިވަރަކަށް ހައްދަވައިގެން މަގާމުގެ ބާރުތައް ހަމަ އެބިއުސް ކުރައްވަމުން އެ ގެންދަވަނީ. ވަރަށް ރީތި ކޮށް ނިންމެން އޮތް ކަމެއް ނުކުރައްވަން ހަމަ އެ އުޅުއްވަނީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް
ވޭތުވެ ދިޔަ ދައުރުގައި ވެސް ނަޝީދު އަމަލު ކުރެއްވި ގޮތާ މެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، މަޖިލިސް އަލުން ޑެޑްލޮކަކަށް ދިޔަ ނުދީ ބޭއްވުމަށް ޕީޖީ ގްރޫޕުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހައްލު ހޯދެން ހުރި ހުރިހާ ގޮތްތަކެއް މި ވަގުތު ބަލަމުންދާ ކަމަށާއި، އެ ކަމަށް އަވަސް ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.