އައްޑޫގައި އަޅަން އުޅުނު ޓާޝަރީ ހޮސްޕިޓަލް ހުއްޓުވީ ސަރުކާރުން: މުނައްވަރު

ރޭ އިދިކޮޅު ޕީޕީއެމުން އައްޑޫގައި ބޭއްވި ޖަލްސާގައި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު -- ފޮޓޯ/ ޕީޕީއެމް

އައްޑޫގައި ތަރައްގީ ކުރަން އުޅުނު ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ މަޝްރޫއު ސަރުކާރުން ހުއްޓުވި ކަމަށް ތުހުމަތު ކުރައްވައި، ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު، ރޭ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ، ހިތަދޫގައި ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، އައްޑޫ ސިޓީގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީކޮށް، އެ ތަނުން ސުޕަސްޕެޝަލިސްޓުން ޚިދުމަތް ދެވޭނެ ގޮތްތަކެއް ރާވައި، އެ ކަން ސަރުކާރަށް ވެސް ހުށަހެޅި ކަމަށެވެ. އެކަމަކު، ސަރުކާރުން އެ މަޝްރޫއަށް ހުރަސް އަޅައި، މާލޭ ސަރަހައްދުގައި އެކަން ކުރަން މަސައްކަތް ކުރި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އައްޑުއަށް އެ މަޝްރޫއު ގެންނަން މަސައްކަތް ކުރެއްވީ އޭނާއެވެ. އަދި، އެ މަޝްރޫއު ގެންނަން އުޅުނު ކުންފުންޏަކީ ވަރަށް ގާތް ރަހުމަތްތެރިއެއްގެ ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އައްޑު އަތޮޅުގައި ޓާޝަރީ އައްޑޫގެ ނަމުގައި ހޮސްޕިޓަލެއް ހުޅުވަން. ޓާޝަރީ ޚިދުމަތް ލިބޭ، ޓާޝަރީ ހޮސްޕިޓަލެއް،" އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރޭވީ، އައްޑު އަތޮޅުގައި ސާޖަރީތައް ޝެޑިއުލްކޮށް، ބަލި މީހުން ބަލާނެ ދުވަސްތައް ކަނޑައަޅާފައި ސުޕަސްޕެޝަލިސްޓުން ކޮލޮމްބޯއިން ގަމަށް ސީދާ ސްރީލަންކަންގައި އާދެވޭ ގޮތަށް. ހެނދުނު ގަމަށް އައިސްފައި، ބަލަން ޖެހޭ ބަލި މީހުން ބަލާފައި، ހަވީރު ފްލައިޓުން އެނބުރި އަނެއްކާ ކޮލަމްބޯއަށް ދެވޭ ގޮތަށް ވާގޮތް ވެއްޖެ،"

މުނައްވަރު ވިދާޅުވީ، އެ ގޮތަށް ކަންކަން ރޭވުމަށް ފަހުގައި ދައުލަތުން ބޮޑު ލާރިއެއް ވެސް ޚަރަދުނުކޮށް އެ މަޝްރޫއު ހިންގޭނެ ގޮތްތައް ސަރުކާރަށް ހުށަހެޅި ކަމަށެވެ. އަދި، އެ ކަމުގެ މަޝްވަރާއަށް ކޮލޮމްބޯގެ ހިލްޓަން ހޮޓެލްގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ބޭރުގެ ކުންފުންޏާ ބައްދަލުކުރެއްވި ކަމަށެވެ.

އެ ބައްދަލުވުމަށް ފަހު، ރައީސް އެދިލެއްވި ގޮތަށް ޕްރޮޕޯސަލެއް ތައްޔާރުކޮށް ހުށަހެޅި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، ފަހުން އެއް ގޮތަކަށް އެ މަޝްރޫއު ކުރިއަށް ނުގެންދެވުނު ކަމަށް މުނައްވަރު ތުހުމަތު ކުރެއްވިއެވެ.

ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާ އެކު. ރޭ ބޭއްވި އިދިކޮޅު ކެމްޕޭން ޖަލްސާގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް

"ހެލްތު މިނިސްޓްރީގެ ސީނިއާ އޮފިޝަލް، މި ވެރިންނާ [ބޭރުގެ ކުންފުންޏާ] ބައްދަލުކޮށްފައި ގޮވައިގެން ދަނީ ހުޅުމާލެއަށް. ގޮސްފައި ދައްކަނީ ހުޅުމާލޭ ހޮސްޕިޓަލް. ދައްކާފައި މި ބުނަނީ މި ތަން ނަގަންވީ ނޫންހޭ؟ އަޅުގަނޑު ދެންނެވިން ހިނގާށޭ ހުއްޓައިލަމާ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މަޝްރޫއު ހުއްޓައިލަން ޖެހުނީ އެ ހިސާބުން ކަމަށެވެ.

މި ސަރުކާރު އައި ފަހުން، އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި މުނައްވަރު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެ ހިތްހަމަނުޖެހުންތަކަށް ފަހު، ރިޔާސީ ރޭހަށް ނުކުންނަވާނެ ކަމަށް ވެސް އޭނާ އިއުލާނު ކުރެއްވިއެވެ. އެކަމަކު، ފަހުން އޭނާ ވަނީ އިންތިޚާބުގައި ވާދަނުކުރާން ނިންމައިފައެވެ.

އެއަށް ފަހު، މިހާރު އޭނާ ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.

comment ކޮމެންޓް