މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިޓުޖެހި ހޮސްޕިޓަލުގައި އެޑުމިޓުކުރި މީހާގެ އެޕާޓުމެންޓުން ކެނެބިއްސަށް ޝައްކުކުރެވޭ 303 ގުރާމުގެ މަސްތުވާތަކެއްޗާއި އެތަކެތި ބާޒާރަށް ނެރެން ބޭނުންކުރާނެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން އިއްޔެ ބުނެފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް، އެ ތަކެތިން ވިޔަފާރިކޮށް ޓްރެފިކްކުރުމުގެ ތުހުމަތުގައެވެ.
ހޮނިހިރު ދުވަހު ކޯޓުން ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިޓު ޖެހިގެން ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލުގައި އެޑުމިޓުކޮށްފައިވާތީ އޭނާގެ ޣައިރު ހާޒިރުގައި ބަންދަށް 15 ދުވަސް ޖަހާފައެވެ. އަދި އޭނާގެ ޣައިރު ހާޒިރުގައި ބަންދާމެދު ގޮތެއް ނިންމާފައިވީ ނަމަވެސް، އޭނާ ފަނޑިޔާރުންގެ ކުރިމައްޗަށް ގެނެވޭ ހާލަތަކަށް ބަދަލުވާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އަލުން ފަނޑިޔާރުންގެ ކުރިމައްޗަށް ހާޒިރުކުރުމަށް ފުލުހުންނަށް ކޯޓުން ވަނީ އަންގާފައެވެ.
އެއަށްފަހު ކުށް ކުރިކަމަށް ތުހުމަތެއް ވުޖޫދުވާމިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށްބުނެ، އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
ކޯޓު އަމުރުގައި، އޭނާ ހުރި އެޕާޓްމެންޓު ބަލާފާސްކުރިއިރު، އެޕާޓްމެންޓުގެ ކަނައަތްފަރާތުން ދެވަނަ ކޮޓަރީގެ ތެރެއިން ކެނެބިސް ކަމަށްތުހުމަތުކުރެވޭ 303.72 ގުރާމުގެ ތަކެއްޗާއި މަސްތުވާތަކެތި ބަންދުކޮށް ބާޒާރަށް ނެރުމަށް ބޭނުންކުރާ ފިލްމު ހުސްކުރި ދަޅާއި ސެލޯފިން ރޯލުގެ އިތުރުން މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ޑިޖިޓަލް ކައްޓާ ފެނިފައިވާ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން އެޕާޓުމެންޓުގެ ސިޓިން ރޫމު ބަލައި ފާސްކޮށް، މަސްތުވާތަކެތި ބަންދުކޮށް ބާޒާރަށް ނެރޭ ފިލްމު ހުސްކުރި ދަޅާއި ކިރުމަށް ބޭނުންކުރާ ޑިޖިޓަލް ކައްޓާއެއް ފެނިފައިވާ ކަމަށް ވަނީ ބުނެފައެވެ.
އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މިމަހުގެ 30ވާ ހޯމަ ދުވަހަށެވެ.
މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ބޮޑުވެފައިވާއިރު، މިފަދަ މައްސަލަތަކުގައި އެންމެ ގިނައިން ހައްޔަރުކުރަނީ ޒުވާނުންނެވެ.