ފުލުހުންގެ ކޮންސްޓަބަލް ވަޒީފާއަށް ކުރިމަތިލާން އިތުރު ހަފުތާއެއްގެ މުއްދަތު މިއަދު ދީފިއެވެ.
މި މަހު ދެވަނަ ދުވަހު އެ ވަޒީފާއަށް ކުރިމަތިލާން ފުރުސަތު ދީފައި އޮތީ، އިއްޔެ 16:00އާ ހަމައަށެވެ. އެކަމަކު، އެ މުއްދަތު އިތުރުކުރިކަން ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.
އެ ވަޒީފާއަށް އެދި، އަންނަ ހޯމަ ދުވަހުގެ 16:00ގެ ކުރިން ފޯމު ހުށަހެޅޭނެއެވެ.
އެލަވަންސްތަކާއެކު، ޖުމުލަ މި މަގާމުގެ މުސާރައަށް 15،500 ރުފިޔާ ލިބެއެވެ. އެއީ، އަސާސީ މުސާރަގެ ގޮތުގައި 8،990 ރުފިޔާގެ އިތުރުން އެލަވަންސައަށް 6،510 ރުފިޔާއެވެ. އަދި، ފުލުހުންގެ ގަވައިދުގައިވާ ގޮތަށް އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތަކާއި ކެއުމާއި ބޭސްފަރުވާ ކުރުމުގެ ޚިދުމަތް ލިބޭނެއެވެ.
ފުލުހުން ބުނި ގޮތުގައި، މި ވަޒީފާއަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށެވެ. އަދި ފިރިހެނަކު ނަމަ، އިސްކޮޅުން ފަސް ފޫޓް ފަސް އިންޗި އަދި އަންހެނަކު ނަމަ، އިސްކޮޅުގައި ފަސް ފޫޓް ދެ އިންޗި ހަމަވާން ޖެހެއެވެ.
ފުލުހުންގެ ވަޒީފާއާ އަލަށް ގުޅުނު ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން -- ފޮޓޯ/ ޕޮލިސްމީގެ އިތުރުން ޝަރުތުތަކުގެ ތެރޭގައި، އެސްއެސްސީ އިމްތިޙާނުން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ޖީސީއީ އޯ ލެވެލް އިމްތިޙާނުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލުކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެއެވެ. ނުވަތަ ގްރޭޑް 10 ނިންމާފައިވުމާއެކު، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާ އަދާކުރުމަށް ބޭނުންވާނެ ފަދަ ޚާއްސަ ފަންނީ ހުނަރެއް ލިބިފައިވުން ވެސް ބަލައިގަންނާނެ ކަމަށް އިއުލާނުގައިވެއެވެ.
ވަޒީފާއަށް މީހުން ހޮވުމުގައި މި ޓެސްޓްތަކުން އެންމެ މަތިން ފާސްވާ މީހުންނަށް އިސްކަންދޭނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.އަދި، މި ވަޒީފާއަށް ހޮވޭ މީހުން ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ކޮންމެ ތަނެއްގައި މަސައްކަތް ކުރަން ޖެހޭނެކަން ފުލުހުން ފާހަގަކުރިއެވެ.