ކެމްޕޭނުގައި ރައީސްގެ 93ވަނަ ރަށް: އޭދަފުއްޓަށް އިސްލާމީ މަރުކަޒަކާއެކު ގިނަ ވައުދުތަކެއް

ރައީސް ބ. އޭދަފުއްޓަށް ވަޑައިގަތުން: މިއީ ރައީސް ކެމްޕޭނުގައި ވަޑައިގެންނެވި 93ވަނަ ރަށް -- ފޮޓޯ/ އެމްޑީޕީ

ދެން އަންނަ ދައުރެއްގައި ބ. އޭދަފުށީީގައި އިސްލާމީ މަރުކަޒެއް ތަރައްގީކޮށްދިނުމާއެކު އިތުރު ގިނަ މަޝްރޫތަކެއް ހިންގުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވައުދުވެވަޑައިގެންފިއެވެ.

އޭދަފުއްޓަކީ ރައީސް ކެމްޕޭނަށް ވަޑައިގެންނެވި ރަށްތަކުގެ ތެރެއިން 93ވަނަ ރަށެވެ. އެހެންކަމުން މީހުން ދިރިއުޅޭ 186 ރަށުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް އެ މަނިކުފާނަށް މި ވަޑައިގެންނެވުނީއެވެ.

މި ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިއީ އިސްލާމްދީނުގެ ކަންކަން ބަލައި ހޯދުމަށް މަސައްކަތްކުރާ ރައްޔިތަކު ދިރިއުޅޭ ރަށެއްކަމަށެވެ. އަދި ދީނީ އިލްމު ފަހިކުރުމުގެ ދާއިރާއިން ރަށުގައި ވަސީލަތްތައް ގާއިމްކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.

ރައީސް ބ. އޭދަފުއްޓަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

އެއާއެކު ރައީސްވަނީ އިސްލާމީ މަރުކަޒެއް ތަރައްގީކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައެވެ.

"ދީނީ އިލްމު ބޭނުންވާ ބައިވަރު މީހުން އެބަތިބި. އެ ދެން ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެ ކަން އޮތްގޮތް ކަމަށް އަޅުގަނޑު މި ގާބޫލުކުރަނީ. އަޅުގަނޑުމެން ވަސީލަތް މި އިތުރުކޮށްދޭން ޖެހެނީ،" ރައީސް ވިދާޅުވިއެވެ.

ދެވަނަ ދައުރެއްގައި އޭދަފުއްޓަށް ރައީސްގެ ވައުދުތައް:

  • އިސްލާމީ މަރުކަޒެއް ތަރައްގީކުރުން
  • މިހާރު ނޭޅި ހުރި ރަށުގެ ހުރިހާ މަގެއްގައި ތާރުއެޅުން
  • ހޮސްޕިޓަލް އިތުރު ވަސީލަތްތަކާއެކު ތަރައްގީކުރުން
  • މޫދަށް އެރޭ ސަރަހައްދެއް ތަރައްގީީކުރުން
  • ވަސީލަތްތަކާއެކު ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުން

މީގެ އިތުރުން ރައީސް ވިދާޅުވީ މި މަސް ނިމުމުގެ ކުރިން މި ރަށުގެ ބަނދަރުގެ މައްސަަލަ ހައްލުކުރުމުގެ ގޮތުން ދެކުނު ފަރާތު ބަނދަރުގައި އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އޭދަފުށީ ރައްޔިތުން ވެސް މިއަދު ގަބޫލުކުރާނެ ކަމަކީ މި ރަށަށް ކުރިއެރުމާއި ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދެވޭނީ މި ސަރުކާރަށްކަމަށެވެ.

ރައީސް ބ. އޭދަފުއްޓަށް ވަޑައިގަތުން. މިއީ ރައީސް ކެމްޕޭނުގައި ވަޑައިގެންނެވި 93ވަނަ ރަށް -- ފޮޓޯ/ އެމްޑީޕީ

އެ މަނިކުފާނު ވިދާޅުވީ އޭދަފުއްޓަކީ އެހެން ރަށްރަށާ އަޅައިބަލާއިރު ތަރައްގީގެ ކުރީ ސަފުގައި އޮތް ރަށެއްކަމަށެވެ.

މި ފަދަ ރަށްރަށް ތަރައްގީކުރަމުން އައި ނަމަވެސް އެ މަނިކުފާނުގެ މި ސަރުކާރުގައި އެއްވެސް އަސާސީ ޚިދުމަތެއް ނެތް، ތަރައްގީނުވާ ރަށްތަކަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދެއްވިކަމަށް ރައީސް ވިދާޅުވިއެވެ.

މި ދައުރު ނިމޭއިރު ދެން އެ ފަދަ އެއްވެސް ރަށެއް ނޯންނާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދެވަނަ ދައުރެއްގެ މައިގަނޑު އަމާޒަަކަށް ވާނީ އެ ރަށެއްގެ ރައްޔިތުން، އެ ރަށް ތަރައްގީކުރަން ބޭނުންވާ ދާއިރާއަކުން އެ ރަށެއް ތަރައްގީކުރުންކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކަށްވާނީ. ޕްލޭނަކަށްވާނީ މިހެން އެ ރަށެއް ކުރިއަށް ދެވެން އޮތް ގޮތެއް ދެނެގަނެ އޭގެ އަލީގައި އެ ރަށެއް ކުރިއަށްގެންދިއުން،" ރައީސް ވިދާޅުވިއެެވެ.

އެ ކަން ކުރާނީ އެ ރަށެއްގައި އެ ކަން ކުރެވޭނެތޯ ބަލެލުމަށްފަހުކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް