ލޯންޗު ދިޔަވެ ކެމްޕޭން ކަވަރުކުރަން ދިޔަ ނޫސްވެރިން ކާށިދޫކަނޑުގައި ދޮޅުގަޑިއިރު!

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕޭން ކަވަރުކުރުމަށް ބ. ގޮއިދުއަށް ދަތުރުކުރި ނޫސްވެރިންގެ ލޯންޗެއް ދިޔަވެ ދޮޅުގަޑިއިރެއްހާއިރު ކަނޑުމަތީގައި ތިބެން ޖެހިއްޖެއެވެ.

ކެމްޕޭން ދަތުރަށް ދިޔަ "ސަންގެ ނޫސްވެރިޔާ މުހައްމަދު ނާއިލް ހަފީޒް ކިޔައިދިން ގޮތުގައި ނޫސްވެރިން ދަތުރުކުރީ ދެ ލޯންޗެއްގައެވެ. މި ހާދިސާ ހިނގީ ނާއިލް ވެސް ދަތުރުކުރި ލޯންޗުގައެވެ.

ދަތުރަށް ފުރީ ގާތްގަނޑަކަށް 2:45 ހާއިރުއެވެ. އަމާންކަމާއެކު ދަތުކުރަމުން ދަނިކޮށް ކުއްލިއަކަށް ކައްޕިއަށް ފާހަގަކުރެވުން ކަމަށް ނާއިލް ކިޔައިދިނެވެ. އެއީ ގާތްގަނޑަކަށް 4:30 ހާއިރުއެވެ.

ނޫސްވެރިން ދަތުުރުކުރި ލޯންޗު ދިޔަވެފައި --

ހީކުރެވުނީ އެއް ފަޅިއަށް މާ ގިނަ މީހުން އަރައިފައި ތިބުމުން ލޯންޗު ބަރުވަނީ ކަމަށެވެ. އެހެންވެ، މީހުން ތިބޭ ގޮތް ބަދަލުކޮށް ދަތުރައިގެން ކުރިއަށް ދިޔައީ ކަަމަށް ވެސް ނާއިލް ކިޔައިދިނެވެ.

މި ހާދިސާ ހިނގީ ކާށިދޫ ކަނޑުގައި ސަމާ އައިލެންޑް ރިސޯޓާ އަށް މޭލު ދުރުންނެވެ.

"އެ ވަރުން ވެސް ލޯންޗު ބަރުވަމުން ބަރުވަމުން ދިޔައީ. ދެން ބަލައިލިއިރު ލޯންޗު ވަރަށް ބޮޑަށް ދިޔަވެފައި އޮތީ،" ނާއިލް ކިޔައިދިނެވެ.

އެ ހިސާބުން ފުރަތަމަ ކަމަކަށް އިސްކަން ދިނީ އިކުއިޕްމަންޓުތައް ރައްކާތެރިކޮށް، ފެން ނުޖެހޭ ތާކަށް ލުމަށްކަމަށް އޭނާ ބުންޏެވެ. އެއަށްފަހު ދިޔަ ހިއްކުމުގެ މަސައްކަތް އެންމެން ފެށިއެވެ.

"އެ ވަގުތު އެ ސަރަހައްދަށް އެއްވެސް ވަރަކަށް ރޭންޖެއް ނުލިބޭ. ގުޅޭނެ ގޮތެއް ނުވި. ކޯސްޓު ގާޑަށް ގުޅަން ބަލައިލިޔަސް ޕޮލިހަށް ވެސް ގުޅަން ރޭންޖެއް ނެތް،" ނާއިލް ބުންޏެވެ.

ޖީޕީއެސްގެ މައްސަލަ ހުރުމާއެކު އެ ސިސްޓަމުން ވެސް ގުޅޭގޮތެއް ނުވިއެވެ.

ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ފަހުން، ނޫސްވެރިން އަރުވައިގެން ދަތުރުކުރި އަނެއް ލޯންޗަށް ގުޅި، އެހީތެރިކަމަށް އެދެވުނެވެ. އަނބުރައިލައިފައި އައިސް ނޫސްވެރިން ސަލާމަތް ކުރީ އެ މީހުންނެވެ.

އެހެން ނަމަވެސް، އޭގެ ކުރިން ވެސް އެތަނުގެ ކައިރީގައި އޮތް ތާޖު ރިސޯޓްގެ ލޯންޗެއްގެ އެހީތެރިކަން ލިބުނުކަމަށް ނާއިލް ބުންޏެވެ.

ދިޔަވި ލޯންޗު މިހާރު ވަނީ ކަފު ޖަހައިގެން ސަމާ އައިލެންޑް ރިސޯޓަށް ވައްދައިފައެވެ.

"އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ، އެއްވެސް އެއްޗަކަށް ގެއްލުމެއް ނުވޭ،" ނާއިލް ބުންޏެވެ.

ހުރިހާ ނޫސްވެރިން ވެސް މިހާރު ހެޔޮ ހާލުގައި ތިބީ ބ. ގޮއިދޫގައެވެ. ގިނަ ވަގުތުތަކެއް ބާނިގަދަ ކަނޑެއްގައި ހުއްޓައިގެން ތިބެން ޖެހުމުން ބައެއް ނޫސްވެރިންނަށް ބޯއެނބުރުމާއި ހޮޑުލެވުން ފަދަ ކަންކަން ދިމާވިއެވެ.

comment ކޮމެންޓް