25 ކިލޯ ހިއްކާލީ ޑައިޓުން އެންމެ އެއްޗެއް އުނިކޮށްގެން

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޕޯސްޓް މަލޯންގެ ބަރުދަން ވަރަށް ބޮޑަށް ބަދަލު ކޮށްލާފައިވަނީ އޭނާގެ ޑައިޓުން އެންމެ އެއްޗެއް އުނިކޮށްގެން ކަމަށް އޭނާ ހާމަކޮށްފިއެވެ.

"ސަން ފްލާވާސް" ލަވަކިޔުންތެރިޔާ ދާދި ފަހުން ވަނީ އޭނާގެ ބަރުދަން ލުއި ކުރުމުގެ ދަތުރު އާންމުންނާ ހިއްސާކޮށްފައެވެ. މިއީ އޭނާގެ ދިރިއުޅުމުގެ އާދަތަށް ސިއްހަތަށް ރައްކާތެރިވާނެ ގޮތަކަށް ބަދަލުކުރުމަށް އެޅި ބޮޑު ފިޔަވަޅެކެވެ.

އޭނާ ހާމަކޮށްފައިވާ ގޮތުގައި ބަރުދަން ލުއި ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ބައެއް ދުވަސްތަކުގައި މީހާ ހިއްކާލުމަށް ކަނޑައަޅާފައިވާ އަޒުމުގައި ހިފަހައްޓައިގެން ހުންނަން ވެސް އުނދަގޫ ކަމަށް އޭނާ ފާހަގަކުރިއެވެ.

ނަމަވެސް މި ދަތުރުގައި އެންމެ ބޮޑު ރޯލެއް ކުޅެފައިވަނީ އޭނާގެ ޑައިޓަށް ގެނައި ކުޑަ ބަދަލެކެވެ. މަލޯން ބުނި ގޮތުގައި އޭނާ އާންމުކޮށް ޑައިޓުގައި ބޭނުންކުރި އެކައްޗެއް ވަނީ ޑައިޓުން އުނިކޮށްފައެވެ. އަދި، ފާއިތުވި ހަ މަހެއްގެ ތެރޭގައި އޭނާ ވަނި މި ޑައިޓުން އެއްކޮށް އުނިކޮށް ބޭނުން ކުރުން ހުއްޓާލާފައެވެ. އެއީ ސޯޑާއެވެ.

އޭނާ ބުނީ އޭނާގެ ޑައިޓުން ސޯޑާ ނުވަތަ ގިނަ އަދަދަކަށް ހަކުރު ހިމެނޭ ކާބޮނޭޓެޑް ބުއިންތައް ހުއްޓާލިފަހުން އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ.

"ބައެއް ފަހަރު ޝޯ އޮންނަ އިރު، ޝޯއެއް ފެށުމުގެ ކުރިން އައިސް އަޅައިގެން ކޯކު ތަށްޓެއް ނުބޮންޏާ ޝޯއަށް ވެސް ނުދެވޭނެ. ވަރަށް ބޮޑަށް ދެވި ހިފާފައި ހުރީ،" މަލޯން ބުންޏެވެ.

ސޯޑާ ބުއިން ހުއްޓާލިފަހުން އޭނާގެ ގައިން 25 ކިލޯ ލުއި ކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ. މީގެ ކުރީން ބަރުދަނުގައި 109 ކިލޯ ހުރި މަލޯންގެ ބަރުދަނުގައި މިހާރު ހުރީ 84 ކިލޯއެވެ. މިހާރުގެ ބަރުދަނާ ހިތްހަމަ ޖެހުނު ނަމަވެސް އަދި ކުރިއަށް އޮތް ތަނުގައި ބޮޑަށް ފިޓުވާން މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް