ނޭމާ ހުރީ އަނިޔާގައި، ގައުމީ ޓީމަށް ނުކުޅެވޭނެ: އަލް ހިލާލްގެ ކޯޗު

އަލް ހިލާލްގެ ބްރެޒިލް ތަރި ނޭމާ -- ފޮޓޯ/ ގެޓީ

އަލް ހިލާލްގެ ތަރި ނޭމާ އަނިޔާއެއްގައި ހުރުމުން ބްރެޒިލް ގައުމީ ޓީމަށް ކުޅެން ފެށުމަށް އަދި އަވަސް ކަމަށް އެ ކްލަބުގެ ކޯޗު ޖޯޖް ޖެސޫސް ބުނެފިއެވެ.

އުމުރުން 31 އަހަރުގެ ނޭމާ، ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގައި ވެސް އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނެވެ. އަނިޔާއާ ގުޅިގެން މިއަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހަށްފަހު، ނޭމާ މެޗެއް ކުޅެފައެއް ނުވެއެވެ. މިހާރު އޭނާ ދަނީ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން ހެދި ސާޖަރީއަށްފަހު، ރިކަވަރީއަށް މަސައްކަތްކުރަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ޖެސޫސް ބުނީ ނޭމާ ހުރީ އަނިޔާއެއްގައި ކަމަށާއި އެހެންކަމުން ބްރެޒިލުން އަންނަ މަހު ޕެރޫއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި އޭނާއަށް ނުކުޅެވިދާނެ ކަމަށެވެ.

"ނޭމާ އަހަރެމެންނާ ގުޅުނީ އަނިޔާގައި ހުރެ. އޭނާގެ ފައިގެ މަސްގަނޑަކަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވަނީ ލިބިފައި. އަހަރެންނަށް ޔަގީނެއް ނޫން އޭނާ ކުޅުމަށް އެނބުރި އަންނާނެ ދުވަހެއް، އަދި ފުރިހަމައަށް ތަމްރީނުތަކުގައި ބައިވެރިވެވޭނެ ދުވަހެއް ވެސް އަދި ނޭނގޭ. އެހެންކަމުން އޭނާ ބްރެޒިލް ގައުމީ ޓީމަށް ކުޅުމަށް ދަތުރުކުރުން ރަނގަޅެއް ނޫން. މިވަގުތު އޭނާ ހުރީ ފަރުވާގައި،" އަލް ހިލާލްގެ ކޯޗު ޖެސޫސް ބުންޏެވެ.

ޕީއެސްޖީ ދޫކޮށްލުމަށްފަހު، ބޮޑު މުސާރައެއް ލިބޭގޮތަށް ސައުދީގެ އަލް ހިލާލާ ނޭމާ ގުޅުނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އޭނާ ސައުދީގައި ދިރިއުޅެމުންދަނީ 25 ކޮޓަރި ހިމެނޭ ލަގްޒަރީ އެޕާޓްމަންޓެއްގައެވެ.

comment ކޮމެންޓް