އެމްއެންޑީއެފްގެ މެޑިކަލްގައި މަސައްކަތް ކުރާ ސިފައިންގެ މީހަކު ނިޔާވެއްޖެ

ހިތް ހުއްޓިގެން ނިޔާވި ސާޖަންޓް މުޙައްމަދު އަހްމަދު ދީދީ --

އެމްއެންޑީއެފްގެ މެޑިކަލްގައި މަސައްކަތް ކުރާ ސާޖަންޜް މުހައްމަދު އަހްމަދު ދީދީ ކުއްލިގޮތަކަށް މިރޭ ނިޔާވެއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، ނިޔާވެފައިވަނީ ސާޖަންޓް މުޙައްމަދު އަހްމަދު ދީދީ، 45، ކަމަށެވެ. އޭނާ އަކީ ގދ. ފިޔޯރީއަށް ނިސްބްތާ މީހެކެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ މުޙައްމަދު ނިޔާވީ ޗުއްޓީގައި ހުންނަވަމުން ނޯތު ހާބަރުގައި އޮތް ބޯޓަކަށް އެއްޗެއް އަރުވަން އުޅުނު އުޅުމުގެ ތެރޭގައި ކުއްލިއަކަށް ހޭނެތިގެން ވެއްޓުމުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.

"އޭނާ ހުންނެވީ ޗުއްޓީ ނަންގަވައިގެން. އެހެން ހުންނަވަމުން އަމިއްލަ ކަމެއްގައި މިއަދު މާލޭ ނޯޓު ހާބަރުގަ އޮތް ބޯޓަކަށް އެއްޗެއް އަރުވަން އުޅެނިކޮށް ހޭނެތިގެން ވެއްޓުނީ. ދެން އައިޖީއެމްއެޗަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްތެރޭ ހިތް ހުއްޓިގެން ނިޔާވީ،" އޮފިޝަލް ވިދާޅުވިއެވެ.

މުޙައްމަދު ނިޔާވިއިރު ސިފައިންގޭގައި ޚިދުމަތް ކުރައްވާތާ 26 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

އޮފިޝަލް ވިދާޅުވީ މުޙައްމަދަކީ ލާމަސީލު މިސާލެއް ކަމަށާއި އަދި އޭނާ އަކީ އަބަދުވެސް މަސައްކަތައް ފަރުވާ ބަހައްޓާ ބޭފުޅެއް ކަމަށެވެ.

comment ކޮމެންޓް