ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރަން ފިޔޯރީ ކައިރި އޮތް ކާޅެހުއްޓާއިން ބިން ކުއްޔަށް ދެނީ

ގދ. ފިޔޯރީ ކައިރި އޮންނަ ފަޅުރަށެއް ކަމަށްވާ ކާޅެހުއްޓާ -- ފޮޓޯ/ ފިޔޮރީ ކައުންސިލް

ގދ. ފިޔޯރީ ކައިރި އޮންނަ ފަޅުރަށެއް ކަމަށްވާ ކާޅެހުއްޓާއިން ޓޫރިޒަމް ޒޯނެއް ތަރައްޤީ ކުރަން ބިމެއް ކުއްޔަށް ދޭން އެ ރަށު ކައުންސިލުން މިއަދު އިއުލާން ކޮށްފިއެވެ.

މި ބިން ކުއްޔަށް ދިނުމާ ބެހޭ ގޮތުން އެ ރަށު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކުއްޔަށް ދޭން ހަމަޖެހިފައިވަނީ 429،480.00 އަކަފޫޓުގެ ބިމެއް ކަމަށެވެ. އެގޮތުން، މި ބިމު ކުލީގެ ގޮތުގައި އަކަފޫޓަކަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަހަރަކަށް 0.5 ލާރިއެވެ.

ފަތުރުވެރިކަމަށް އެ ބިން 50 އަހަރަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ.

އެ ރަށުގެ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ''ސަން''އަށް ވިދާޅުވި ގޮތުގައި، އެއީ ފިޔޮރީގެ އިހުތިސާސް ކަނޑައެޅިގެން ދިޔައިރު ގާނޫނުން ދިން 700 މީޓާރުގެ ސަރަހައްދު ދިން އިރު އެ ރަށަށް ކަނޑައެޅިގެން ދިޔަ ތިން ފަޅު ރަށެވެ.

މި ތަން ކުއްޔަށް ދޭން ނިންމާފައިވަނީ ދެތިން ވިޔާފާރިއަކުން ލޯކަލް ޓުއަރިޒަމް ތަރައްގީކުރަން ޝައުގުވެރިވާތީ ކަމަށް އެނާ ވިދާޅުވިއެވެ. އެގޮތުން، ކާޅެއްހުޓާގައި ދަނޑުވެރިކަމަށް އެއްބައި ދޫކޮށްފައިވާއިރު އެ ފަޅުރަށުގެ ދޮން ވެލި ތުޑިއާ ވީ ފަރާތް ކަނޑައެޅީ ފަތުރުވެރިކަމުގެ ބޭނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފިޔޯރީ ތުޑީ ކޮޅު-- ފޮޓޯ/ފިޔޯރީ ކައުންސިލް

އެ ބިން ކުއްޔަށް ހިފަން ޝައުޤުވެރިވާ ނަމަ، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ބިޑު ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމުން ބިޑު ރަޖިސްޓްރީ ކުރުމަށް ކައުންސިލުން އެދެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ނަމައެވެ.

ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 30 ވަނަ ދުހަގެ 13:00 ގައި އެ ރަށު ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.

މީގެ ކުރިން ވެސް، ފަތުރުވެރިކަމުގެ ވިޔަފާރި ހިންގަން ކާޅެހުއްޓާއިން ޓޫރިޒަމް ޒޯނަށް ކަނޑައަޅާފައިވާ ބިން 50 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލިއެވެ. އެހެންނަމަވެސް، ބިން ކުއްޔަށް ހިފުމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރީއެވެ.

comment ކޮމެންޓް