ރިޔާސީ އިންތިހާބުގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެންނެވި ދެންނެވުމާމެދު، ކޮށްދެވޭނެ ކަމެއް ނެތް ކަމަށް ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ފޮނުވި އޮބްޒަވޭޝަން މިޝަންގެ ޗީފް އޮބްޒާވަރު، ނާޗޯ ސަންޗޭޒް އަމޯރު ވިދާޅުވެއްޖެއެވެ.
އެ މިޝަން ރަސްމީކޮށް ފެށުމަށްޓަކައި މިއަދު ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނާޗޯ ވިދާޅުވީ އެ މިޝަން އަކީ ހަމައެކަނި އިންތިހާބު އޮބްޒާވް ކުރުމުގެ މަސައްކަތުގައި އުޅޭ ބައެއް ކަމަށެވެ.
"އަޅުގަނޑުމެން އެތެރޭގެ ސިޔާސީ ކަންކަމާ ނުބެހެން. އަދި އެފަދަ ކަމަކާ ކޮމެންޓެއް ވެސް ނުކުރެވޭނެ" އޭނާ ވިދާޅުވިއެވެ.
ނާޗޯ ވިދާޅުވީ އެ މިޝަންގެ މަސައްކަތް ރާވާފައި ވަނީ ވަރަށް ހަރުކަށި އުސޫލުތަކެެއްގެ ދަށުން ވަކި ފަރާތަކަށް ނުޖެހި ކަމަށެވެ.
"އަޅުގަނޑުމެން ބަލާ ކަމެއް ނޫން އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތް އެއީ. އަޅުގަނޑުމެން އޮބްޒާވް ކުރަނީ ހަމައެކަނި އިންތިހާބުގެ ޕްރޮސެސް" އޭނާ ވިދާޅުވިއެވެ.
ނަޝީދު އީޔޫގެ ވަފްދުގެ އަރިހުން އެހެން އެދިވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގައި މިިދިޔަ އަންގާރަ ދުވަހު އޮތް ބައްދަލުވުމެއްގެ ތެރެއިންނެވެ. އެމަނިކުފާނުގެ އިތުރުން، ހުރިހާ ރިޔާސީ ކެންޑިޑޭޓުންނާއި، އިންތިހާބާ ގުޅޭ މުއައްސަސާތަކާއި، އެހެނިހެން ސްޓޭކްހޯލްޑަރުންނާ ވެސް ނާޗޯ ވަނީ ބައްދަލުކުރައްވާފައެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނީ ނަޝީދު އެގޮތަށް އެދިވަޑައިގަތީ އެބޭފުޅުންނާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.
އިންތިހާބުގެ ކެމްޕޭނު ދުވަސްވަރުން ފެށިގެން މުޅި އިންތިހާބުގެ ޕްރޮސެސް އޮބްޒާވްކުރާ އެ މިޝަންގެ ކޯ ޓީމް ރާއްޖެއައީ މިދިޔަ މަހުގެ 31ވަނަ ދުވަހުއެވެ. އެޓީމުގައި ހިމެނެނީ އިންތިހާބުތަކާ ބެހޭ ނުވަ މާހިރުންނެވެ.
އީޔޫގެ ފަރާތުން މި ފަހަރު ހަރަކާތްތެރިވާ ޓީމުގައި ޖުމްލަ 40 މެންބަރުން ހިމެނެއެވެ. އޭގެ އިތުރުން، ނޯވޭ، ސްވިޒަލޭންޑު އަދި ކެނެޑާގެ އޮބްޒާވަރުން ވެސް އެ ޓީމާއެކު މަސައްކަތުގައި ބައިވެރިވާނެއެވެ.