އިންތިޚާބު މިނިވަންކުރަން، ޔާމީން ގެއަށް ބަދަލުކޮށްދޭން ނަޝީދު އީޔޫގައި އެދިއްޖެ

ރައީސް ނަޝީދާއި ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ނާޗޯ ސަންޗެޒް އަމޯ ބައްދަލުކުރެއްވުން -- ފޮޓޯ/ މަޖިލިސް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ މިނިވަންކަން ކަށަވަރުކުރުމަށް ޓަަކައި އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ގެއަށް ބަދަލުކުރަންޖެހޭ ކަމަށާއި އެ ކަން ކުރުމަށް ޓަކައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެހީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެެ.

ރަައީސް ނަޝީދު މިފަދައިން އެދިވަޑައިގަތީ ރިޔާސީ އިންތިޚާބުގެ މަސައްކަތް އޮބްޒާވްކުރުމަށް ޓަަކައި އީޔޫއިން ފޮނުވާ ވަފުދުގެ ޗީފް އޮބްޒާވަރުގެ ގޮތުގައި ހަމަޖައްސައިފައިވާ ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ނާޗޯ ސަންޗެޒް އަމޯއާއެކު މިއަދު ބައްދަލުކުރެއްވުމަށްފަހުގައެވެެ.

"ސަން"އަށް މައުލޫމާތުދެމުން މަޖިލީހުގެ އިދާރާއިން ބުނީ، ރައީސް ޔާމީން ގޭގައި ހުންނެވުން މުހިންމު ކަމަށާއި އިންތިޚާބުގެ މިނިވަންކަން ޔަގީންކުރަން ރައީސް ޔާމީން ގެއަށް ބަދަލުކުރުން މުހިންމުކަމަށް ނަޝީދު ވިދާޅުވިކަމަށެވެ.

ރައީސް ނަޝީދާއި ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ނާޗޯ ސަންޗެޒް އަމޯ ބައްދަލުކުރެއްވުން -- ފޮޓޯ/ މަޖިލިސް

މި ބައްދަލުވުން ކުރިއަށް ދިޔައިރު ރައީސް ނަޝީދުގެ އަރިހުގައި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރާއި، ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބައިވެރިވެލެއްވިއެވެ.

ރައީީސް ޔާމީން ގެއަށް ބަދަލުކުރުމަށް ރައީސް ނަޝީދު އީޔޫގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއިރު، މި ފަހުން އެކި ޕޯޑިއަމްތަކުގައި އެ މަނިކުފާނު ގެންދަވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވައިލައްވަމުންނެވެ.

އަދި އެ ކަން ކުރައްވާނީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެއެވެ.

އެހެންނަމަވެސް ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއެކު މަސައްކަތްކުރުމުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް ރައީސް ނަޝީދުގެ ހުރިކަން ފާހަގަކޮށްލެެވެއެވެ.

ރައީސް ޔާމީންގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަަލައިގައި ސުޕްރީމް ކޯޓުން ވެސް އިލެކްޝަނަށް ތާއީދުކުރުމުން ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ގެއްލުނީއެވެ.

އެއާއެކު މުއިއްޒު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުނީ، ރައީސް ޔާމީން އިންތިޚާބުން ބާކީކުރިކަން އިދިކޮޅު ޕީޕީއެމް ޕީއެންސީ ލީޑާޝިޕުން ގަބޫލުކުރާނަމަ ދެ ޕާޓީން ވެސް އިންތިޚާބު ބޮއިކޮޓްކުރަން ރައީސް ޔާމީން އެދިވަޑައިގެންފައިވަނިކޮށެވެ.

comment ކޮމެންޓް