ނޭމާ، އަލް ހިލާލާ ގުޅުމަށް އެއްބަސްވެއްޖެ

ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ -- ފޮޓޯ/ ގެޓީ

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ބްރެޒިލް ފޯވަޑް ނޭމާ، ސައުދީ އަރަބިއާގެ އަލް ހިލާލާ ގުޅުމަށް އެއްބަސްވެއްޖެއެވެ

ބައެއް އިތުބާރު ހުރި ނޫސްވެރިން ރިޕޯޓުކުރާގޮތުގައި އަލް ހިލާލާ ގުޅުމަށް ނޭމާ އެއްބަސްވެފައިވަނީ 90 މިލިއަން ޔޫރޯ (99 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ނޭމާއަށް އަލް ހިލާލުން 160 މިލިއަން ޔޫރޯ (176 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 31 އަހަރުގެ ނޭމާ، ޕީއެސްޖީގައި ހޭދަކުރި ހަ އަހަރު ނިންމާލަން ޖެހޭނީ އެންމެ އެދެވޭ ކާމިޔާބެއް ނުހޯދިއެވެ. ރެކޯޑު އަގަކަށް ބާސެލޯނާ އިން 2017 އަހަރު ޕީއެސްޖީއާ ގުޅުނު ނޭމާއަށް އެންމެ ބޮޑު އުނދަގުލަކާ ކުރިމަތިލާން ޖެހުނީ އަނިޔާގެ މައްސަލަތަކާ ގުޅިގެންނެވެ. މިިދިޔަ މާޗް މަހު ވެސް ފައިގެ ލިގަމަންޓަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ސާޖަރީއެއް ކުރަން ޖެހުނެވެ.

ޕީއެސްޖީއަށް މިހާތަނަށް 118 ގޯލު ކާމިޔާބުކޮށްދީފައިވާ ނޭމާއަށް މިދިޔަ ސީޒަން ވެގެންދިޔައީ ވަރަށް އުނދަގޫ ސީޒަނަކަށެވެ. އެގޮތުން އޭނާއަށް އެންމެ ބޮޑު ކަމަކަށް ކުރިމަތިލާން ޖެހުނީ ޕީއެސްޖީގެ ސަޕޯޓަރުންގެ ފާޑުކިޔުންތަކާއެވެ. ބައެއް ސަޕޯޓަރުން ވަނީ އޭނާ ދިރިއުޅޭ ގޭގެ ކުރިމައްޗަށް އެއްވެ، އިހުތިޖާޖު ވެސް ކޮށްފައެވެ.

ނޭމާ ގުޅުމަށް އެއްބަސްވެފައިވާ އަލް ހިލާލަކީ މީގެ ކުރިން އޭނާއާއެކު ކުޅުނު އާޖެންޓީނާ ތަރި ލިއޮނެލް މެސީ ގެންދިއުމަށް ވެސް މަސައްކަތްކުރި ކްލަބެކެވެ. އަލް ހިލާލަށް މިހާރު ކުޅެމުންދާ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ކަލިދޫ ކުލިބާލީ އާއި ރުބެން ނެވޭސް އަދި މެލްކޮމް ހިމެނެއެވެ.

comment ކޮމެންޓް