ފީފާއިން 20 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުންފުންޏެއް އުފައްދާތީ ޔުއެފާއިން ރަތަށް

ނިމިދިޔަ ފީފާ ވޯލްޑް ކަޕު 2026 ގެ ފައިނަލް މެޗުގައި އިންފަންޓީނޯއާއި އެމެރިކާގެ ރައީސް ޓްރަމްޕް--

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން 20 ބިލިއަން ޑޮލަރުގެ އަގުހުރި އައު ވިޔަފާރި ކުންފުންޏެއް އުފެއްދުމަށް ނިންމުމާއެކު ޔުއެފާއިން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

އެ މަޝްރޫއު ކުރިއަށްގެންދިއުމަށްޓަކައި އެ އިދާރާގެ މެންބަރު 211 އެސޯސިއޭޝަނުގެ ތާއީދު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

"ފީފާ ފޯވާޑް އެންޓަޕްރައިޒް" ގެ ނަމުގައި އުފައްދާ މި ސަބްސިޑިއަރީ ކުންފުނީގެ މައިގަނޑު ބޭނުމަކީ ވޯލްޑް ކަޕް ހިމެނޭހެން ފީފާގެ ދަށުން ހިންގާ ހުރިހާ މުބާރާތްތަކެއްގެ ވިޔަފާރިއާއި އިވެންޓުތަކާ ގުޅޭ ކަންކަން އެއް ފުރާޅެއްގެ ދަށުން މެނޭޖްކުރުމެވެ.

މި ހުށަހެޅުމުގެ ދަށުން އެ ކުންފުނީގެ މައިނޯރިޓީ ހިއްސާ (20 އިންސައްތައާ ހަމައަށް) ބޭރުގެ އިންވެސްޓަރުންނަށް ވިއްކައިގެން 4.2 ބިލިޔަން ޑޮލަރާ ހަމައަށް ފަންޑު ހޯދުމަށް ފީފާއިން ގަސްތުކުރާއިރު، މި މަސައްކަތުގައި ފީފާއިން ދަނީ ޖޭޕީ މޯގަންގެ ބޭންކަރުންނާއެކު މަސައްކަތް ކުރަމުންނެވެ.

މި އިންވެސްޓްމަންޓުން ލިބޭ ފައިސާ ބޭނުންކޮށްގެން 2027 އިން 2030 އާ ދެމެދު ކޮންމެ މެންބަރު އެސޯސިއޭޝަނަކަށް ދޭ ފަންޑު 8 މިލިޔަން ޑޮލަރުން 20 މިލިޔަން ޑޮލަރަށް އިތުރުކުރުމަށާއި، ދުނިޔޭގެ ފެންވަރުގައި ފުޓްބޯޅަ ކުރިއަރުވައި ގްރާސްރޫޓްސް އާއި އަންހެން ފުޓްބޯޅައަށް އިންވެސްޓްކުރުމަށް ފީފާއިން ވަނީ އަމާޒުހިފާފައެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މިއީ ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައިވެސް ފުޓްބޯޅަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ބޭރުގެ އިންވެސްޓަރުންނަށް އޮންނާނީ ހަމައެކަނި ސަބްސިޑިއަރީ ކުންފުނީގެ މައިނޯރިޓީ ހިއްސާއެއް ކަމަށާއި، ކުންފުނީގެ އޮޕަރޭޝަނަލް ކަންކަމުގައި އެފަރާތްތަކުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ފީފާއިން ބުނެއެވެ.

މީގެ އިތުރުން ފުޓްބޯޅައިގެ ގަވަރނަންސް، މުބާރާތްތައް، މެޗު ކަލަންޑަރު އަދި ކުޅިވަރާ ގުޅުންހުރި އެންމެހައި ނިންމުންތައް ނިންމުމުގެ ފުރިހަމަ ބާރާއި އިޚުތިޔާރު އަބަދުވެސް އޮންނާނީ ހަމައެކަނި ފީފާއަށް ކަމަށްވާތީ، ފީފާގެ އަސްލު އޮނިގަނޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ އިދާރާއިން ސާފުކޮށްދެއެވެ.

ނަމަވެސް، މި ނިންމުމާއެކު ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ (ޔުއެފާ) އިން ވަނީ ފީފާއިން ފުޓްބޯޅަ ވިއްކާލަން އުޅޭކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ޔުއެފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުޓްބޯޅައިގެ ރޫހާއި ގަވަނަންސްއަކީ ވިޔަފާރިކުރަން އޮތް އެސެޓެއް ނޫން ކަމަށާއި، ފުޓްބޯޅައަކީ ފީފާއިން ވިއްކާލަން އޮތް އެއްޗެއް ނޫން ކަމަށެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާންހަމްއާއި އިގްތިސާދީ މާހިރުންވެސް ވަނީ ވޯލްޑް ކަޕަކީ ވިއްކާލެވޭނެ މުބާރާތެއް ނޫން ކަމަށް ވިދާޅުވެ ފީފާއަށް ފާޑުވިދާޅުވެފައެވެ. މި މަޝްރޫއުގެ މުޅި ތަފްސީލު ފީފާގެ 211 މެންބަރު އެސޯސިއޭޝަނަށާއި ފީފާ ކައުންސިލަށް ކުރިއަށްއޮތް ތަނުގައި ހުށަހަޅާއިރު، މިކަމުގައި ފަހުގެ ނިންމުން ނިންމާނީ އެ ފަރާތްތަކުންނެވެ.

comment ކޮމެންޓް