ރާއްޖެ ހިމެނޭ އޭއެފްސީން ވެސް އިންފަންޓީނޯގެ ޕްލޭނާ ދެކޮޅުކަން ހާމަކޮށްފި

ފީފާގެ މުބާރާތްތަކުގެ ކޮމާޝަލް ހައްގުތަކަށް އަމިއްލަ އިންވެސްޓަރުން ވެއްދުމަށް "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ) އިން ދަނީ މަސައްކަތްކުރަމުންނެވެ. މިކަމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމާ މެދު އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭއެފްސީގެ ބަޔާނުގައި ބުނީ، ފީފާގެ ނިންމުންތަކާމެދު ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އާއި ކޮންކާކަފް އިން ފާޅުކުރި ކަންބޮޑުވުންތަކަށް ތާއީދުކުރާ ކަމަށެވެ. އަދި އެ އިދާރާތަކާއެކު ސާބިތުވެ ތިބި ކަމަށްވެސް ބުންޏެވެ.

މި މައްސަލައިގައި ވޯލްޑް ކަޕް ބޯއިކޮޓްކުރުމުގެ ވާހަކަ ދެކެވެން ފެށުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ފުޓްބޯޅަ އެފަދަ ހާލަތަކަށް ވައްޓާލެވިގެން ނުވާނެ ކަމަށް އޭއެފްސީން ބުންޏެވެ.

https://www.sun.mv/225272

ފީފާ ވޯލްޑް ކަޕަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ހަރަކާތެވެ. އެ މުބާރާތުގެ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ކޮންމެ ހުށަހެޅުމެއް އަލުން މުރާޖާ ކުރަންޖެހޭނެ ކަމަށް އޭއެފްސީން ފާހަގަކުރިއެވެ.

މިކަމުން ހާމަވަނީ ފީފާގެ މަޝްވަރާކުރުމާއި ކަންކަން ނިންމުމުގެ ނިޒާމުގައި ހުރި ބަލިކަށިކަމެވެ. ފީފާގެ ޖަވާބުތަކުންވެސް މައިގަނޑު ސުވާލުތަކަށް އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށް ބަޔާނުގައިވެއެވެ.

ފުޓްބޯޅައިގެ މުސްތަގުބަލަށް އަސަރުކުރާނެ މިފަދަ ބޮޑު ހުށަހެޅުމެއް ނެރެންވާނީ ކޮންފެޑަރޭޝަންތަކާއި މެންބަރު އެސޯސިއޭޝަންތައް އެކަހެރިކޮށްފައި ނޫން ކަމަށް ވެސް އޭއެފްސީން ބުންޏެވެ.

ބޮޑެތި ނިންމުންތައް ނިންމަންވާނީ ސާފު، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށާއި ކަންކަން ނިންމުމަށްފަހު ހުށަހެޅުންތައް ގެނައުމަކީ ފީފާއަށް އޮންނަ އިތުބާރު ކުޑަވާނެ ކަމެއް ކަމަށް އޭއެފްސީން ބުންޏެވެ.

އޭއެފްސީން ދެކޭ ގޮތުގައި މިއީ ފީފާގެ ހިންގުމުގެ ނިޒާމު އިސްލާހުކުރަން ލިބޭ ފުރުސަތެކެވެ. ފުޓްބޯޅައިގެ މުސްތަގުބަލާ ގުޅޭ ކަންކަމުގައި ގޮތް ނިންމުމުގެ ފުރުސަތު ކޮންމެ މެންބަރަކަށްވެސް އޮންނަންޖެހޭނެއެވެ.

ހަގީގީ ޑިމޮކްރަސީއަކީ ހަމައެކަނި ވޯޓުލުމެއް ނޫން ކަމަށާއި އެއީ ދެފުށް ފެންނަ ހިންގުމަކާއި، މަޝްވަރާކުރުމާއި، މުޅި މަރުހަލާގައި ފުރިހަމައަށް ބައިވެރިވުން ކަމަށް އޭއެފްސީން ބުންޏެވެ.

އެހެންކަމުން، އެކަށީގެންވާ މަޝްވަރާއާއި ބައިވެރިވުން ކަށަވަރުކުރުމަށްޓަކައި، ފީފާގެ ހިންގުމުގެ ނިޒާމު އަވަހަށް މުރާޖާކުރުމަށް އޭއެފްސީން ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް