އޭސީ މިލާން އަދި އިޓަލީގެ ލެޖެންޑް ފްރާންކޯ ބަރޭސީ މަރުވެއްޖެ

ފްރާންކޯ ބަރޭސީ: އުމުރުން 66 އަހަރުގައި މިއަދު އޭނާ ވަނީ މަރުވެފައި---

އިޓަލީގެ ގައުމީ ޓީމާއި އޭސީ މިލާންގެ ކުރީގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު އެއް ޑިފެންޑަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ފްރާންކޯ ބަރޭސީ އުމުރުން 66 އަހަރުގައި މިއަދު މަރުވެއްޖެއެވެ.

އޭސީ މިލާނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ބަރޭސީގެ ނަމޫނާއާއި ތެދުވެރިކަން އެ ކްލަބުގެ ތާރީޚުގައި އަބަދަށް ދެމިއޮންނާނެއެވެ. ބަރޭސީގެ 20 އަހަރުގެ ދިގު ފުޓުބޯޅަ ކެރިއަރުގައި އޭނާ ކުޅެފައިވަނީ ހަމައެކަނި އޭސީ މިލާނަށެވެ.

އެގޮތުން 1977 އިން 1997 އަށް އެ ކްލަބަށް ކުޅެދިންއިރު، އޭނާ ވަނީ އިޓާލިއަން ލީގު (ސެރިއޭ) ހަ ފަހަރު އަދި ޔޫރަޕިއަން ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

އެ ކްލަބުގެ ކެޕްޓަންކަން 15 ސީޒަނުގައި ކުރި ބަރޭސީ ވަނީ މިލާނަށް 719 މެޗު ކުޅެދީ 33 ލަނޑު ޖަހާފައެވެ. އޭނާގެ އަގުވަޒަންކުރުމުގެ ގޮތުން މިލާނުން ވަނީ އޭނާ ބޭނުންކުރި ހަ ނަންބަރު ޖާޒީ ރިޓަޔާކޮށްފައެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން އޭނާ ހުރީ އެ ކްލަބުގެ އޮނަރަރީ ވައިސް ޕްރެޒިޑެންޓްގެ މަގާމުގައެވެ.

އިޓަލީގެ ގައުމީ ޓީމަށް 81 މެޗު ކުޅެދީފައިވާ ބަރޭސީއަކީ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އަދި 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ބްރެޒިލް އަތުން އިޓަލީ ބަލިވި މެޗުގައި އެ ޓީމުގެ ކެޕްޓަންކަން ކުރީވެސް އޭނާއެވެ.

ބަރޭސީ މަރުވުމާ ގުޅިގެން އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވިދާޅުވި ގޮތުގައި، އޭނާއަކީ ހަމައެކަނި ކުޅިވަރުގެ ބަތަލެއް ނޫން ކަމަށާއި، އެއީ ވަފާތެރިކަމާއި މަސައްކަތްތެރިކަމުގެ ނަމޫނާއެކެވެ.

މީގެ އިތުރުން، އޭސީ މިލާންގައި އޭނާއާއެކު ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ޕައޮލޯ މަލްޑީނީ ބުނީ، ބަރޭސީއަކީ އޭނާއަށް މަގުދައްކައިދިން ލީޑަރެއް ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ބަރޭސީ ވަނީ ފުއްޕާމޭގެ އޮޕަރޭޝަނެއް ކޮށްފައެވެ. އޭނާ އެންމެ ފަހުން އާންމުންގެ ތެރެއިން ފެނިފައިވަނީ، މިއަހަރުގެ ފެބްރުއަރީ މަހު ސަން ސީރޯ ސްޓޭޑިއަމްގައި އޮތް ވިންޓާ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

comment ކޮމެންޓް