އިބްރާ އަނެއްކާ ވެސް އެމްޑީޕީން ވަކިވެއްޖެ

އިބްރާހިމް އިސްމާއިލް (އިބްރާ)

ފާއިތުވެ ދިޔަ ފަސް އަހަރު ގައުމުގެ ހާލަތު ވަނީ މީގެ ކުރިން ނުވާހާ ގޯސް ވެފައި ކަމަށާއި ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވާފައި ވާކަމަށް ވިދާޅުވެ، އިބްރާހީމް އިސްމާއީލް (އިބްރާ) އަނެއްކާ ވެސް އެމްޑީޕީން ވަކިވެއްޖެއެވެ.

އިބްރާ އެމްޑީޕީން ވަކިވުމަށް އެދި އެޕާޓީގެ ޗެއާޕާސަން އަދި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ފައްޔާޒް އިސްމާއީލަށް ފޮނުވި ސިޓީގައި ވަނީ، ސިވިލް ކޯޓަކީ ބަންޑާރަ ނައިބުގެ އޮފީހުގެ ސެކްޝަނަކަށް މިއަދު އެމްޑީޕީން ބަދަލު ކޮށްފައި ވާކަމަށެވެ. އަދި ހައިކޯޓު ހިންގަނީ ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓުން ކަމަށް ތުހުމަތު ކޮށް އިބުރާ ވިދާޅުވީ، ދައުލަތުގެ ވަޒީރުން ވަނީ ގާނޫނީ އިމުގެ ބޭރުން އެތައް ފަހަރެއް މަތިން ރައްޔިތުންގެ މިނިވަންކަމާއި ހައްގުތައް ހިފައްޓާފައި ކަމަށެވެ. މިކަންކަން ބަންޑާރަ ނައިބު ދިފާއު ކުރާ ކަމަށް ވެސް އިބްރާ ވިދާޅުވެފައި ވެއެވެ.

"ޝަރުއީ ނިޒާމުގެ ތެރޭގައި، ރައްޔިތުންގެ ހައްގުތައް ތާށިކޮށް ޖެއްސުން ކުރުމުގެ އަމަލުތައް ހިންގަނީ ދައުލަތުގެ ވަކީލުންނެވެ. އާދެ، ޕާޓީގެ ސަރުކާރު ތަމްސީލުކުރާ ވަކީލުންނެވެ،" އިބްރާ ނެރުނު ބަޔާނުގައި ވެއެވެ.

އޭނާ ވިދާޅުވީ، 2001ވަނަ އަހަރު އެމްޑީޕީ އުފެއްދުމުގައި ގެންގުޅުނު ހުރިހާ އަސާސްތަކެއް މިހާރު ޕާޓީން ވަނީ ދޫކޮށްލާފައި ކަމަށެވެ. އެގޮތުން މިހާރު ޕާޓީގެ އިސް ސަފުގައި ތިބީ އޭރު، ޕާޓީ އުފެދުނަ ނުދީ، ޕާޓީގެ ހަރުގެ ހަލާކުކޮށްލާ އެކަންކަން ދިފާއު ކުރި މީހުން ކަމަށް އިބްރާ ވިދާޅުވިއެވެ. އަދި މަޖިލީހުގައި އެމްޑީޕީގެ ސިފަ ޖައްސާ އެ ޕާޓީ ތަމްސީލުކުރަނީ ކުރިން ޑީއާރުޕީގައި ތިބި މެމްބަރުން ކަމަށް ވެސް އިބުރާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިބްރާގެ ބަޔާނުގައި ވަނީ، ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރި މީހުންގެ ބަސް މިހާރު ޕާޓީގައި ނުވިކޭ ކަމަށެވެ. އަދި ޕާޓީގެ އިންތިޚާބީ މެނިފެސްޓޯ ތައްޔާރު ކުރުމުގައި އެމީހުންގެ ޚިޔާލާއި ލަފާ ވެސް ހޯދާފައި ނުވާ ކަމަށެވެ.

"ޕާޓީގެ ވެރިކަމުގައި ދައުލަތުގެ ދަރަނި ބޮޑުވެ އަޅުގަނޑުގެ މުނިކާފަ ދަރީންނަށް ވެސް އަދާކޮށް ނުނިންމޭ ވަރު ވެއްޖެ. ފަރުތަކާއި ގިރިތައް ބޭރު ދައުލަތްތަކާއި ބޭރުގެ ވިޔަފާރި ކުންފުނިތަކުގެ އަތްމައްޗަށް ދިގު މުއްދަތަކަށް ފުރޮޅެމުން ދަނީ ހަލުވިކަމާ އެކުގައެވެ،" އެ ބަޔާނުގައި ވެއެވެ.

އެމްޑީޕީ އުފެއްދުމުގެ މަސައްކަތްތަކުގައި އިބްރާ އިސް ދައުރެއް އަދާ ކުރެއްވިއެވެ. އަދި އޭނާއަކީ އެ ޕާޓީގެ ފުރަތަމަ ރައީސް ވެސް މެއެވެ.

ނަމަވެސް ރައީސް މުޙައްމަދު ނަޝީދާ ދެމެދު އުފެދުނު ޚިޔާލު ތަފާތު ވުމެއްގެ ތެރެއިން އެ ޕާޓީން ވަކިވެ، ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ)ގެ ނަމުގައި އޭނާ ޕާޓީއެއް އުފެއްދެވިއެވެ. އިބްރާ ވަނީ 2008ވަނަ އަހަރު އެ ޕާޓީގެ ޓިކެޓުގައި އެ އަހަރުގެ ރިޔާސީ ރޭހުގައި ވެސް ވާދަ ކުރައްވާފައެވެ. ނަމަވެސް ލިބުނީ ވަރަށް ކުޑަ ތާއީދެކެވެ.

ދެވަނަ ބުރުގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ، އެ އަހަރު އިންތިޚާބު ކާމިޔާބު ކުރި ކޯލިޝަނުގެތެރޭގައި އިބްރާގެ ޕާޓީ ހިމެނުނެއެވެ. ނަމަވެސް އޭނާ ވަނީ ފަހުން އެ ޕާޓީ ދޫކުރައްވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. މިއީ އޭނާ އެމްޑީޕީއިން ވަކިވި ދެވަނަ ފަހަރެވެ.

comment ކޮމެންޓް