ނ. އަތޮޅުން ރައީސް ޞާލިޙަށް 80 ޕަސެންޓުގެ މެޖޯރިޓީއެއް ހޯދާނަން: އައްބާސް

އެމްޑީއޭގެ ކައުންސިލް މެމްބަރު މުޙައްމަދު އައްބާސް ---

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ނ. އަތޮޅުން 80 ޕަސެންޓުގެ އަޣުލަބިއްޔަތެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހޯދާނެ ކަމަށް އެމްޑީއޭގެ ކައުންސިލް މެމްބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ރައީސްގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން ރޭ ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވީ ރައީސަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު ދަންނާވާލާނީ މި އިދިކޮޅު ފަރާތްތަކުން އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަށް ކުދިކުދި ދުއްތުރާތައް ކުރިޔަސް މި ނ. އަތޮޅުން 80 ޕަސެންޓުގެ މެޖޯރިޓީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހޯދާނަމޭ،" އައްބާސް ވިދާޅުވިއެވެ.

އަދި ރައީސް ޞާލިޙަށް އިދިކޮޅުން ކުރަމުން އަންނަ ދުއްތުރާތައް ހުއްޓާލުމަށް ވެސް އައްބާސް ވަނީ ގޮވާލާފައެވެ. އެކަން ހުއްޓާނުލައިފިނަމަ މުޅި ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް އިދިކޮޅު ރިޔާސީ ކެންޑިޓޭޓަށް އެރުނަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ ކުރިން ސިޔާސީ ގޮތުން އުޅުނުގޮތް ދޫކޮށް އެމްޑީޕީއާ ގުޅުނީ ރައީސް ޞާލިޙްގެ ތަރައްޤީއަށް ކުރައްވާފައިވާ މަސައްކަތްތައް ފެނިފައި ކަމަށެވެ.

މީގެ އިތުރުން އައްބާސް ވަނީ ކޮވިޑް-19ގެ ދަތި އުނދަގޫ ހާލަތުގައި މި ސަރުކާރުން ރައްޔިތުންނަށް ލުއި ފަސޭހަތަކަށް ހޯދައިދީފައިވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑަކީ ވިޔަފާރި ކުރާ މީހެއް. ކޮވިޑު-19ގެ އާލަމީ ވަބާގެ ގިނަ ގޮންޖެހުންތަކާ ކުރިމަތިވި. އެދުވަހު ދިމާވި ގޮންޖެހުންތައް ހައްލު ކުރައްވަން އެމްޑީޕީއަކުން ނުބައްލަވާ، ރައީސުލްޖުމްހުރިއްޔާއެއް ނުބައްލަވާ، މި އަތޮޅުގައި ތިއްބެވި އެމްޑީޕީގެ އިސްވެރިންނެއް ނުބައްލަވާ އެއީ ކޮން ޕާޓީއެއްގެ ކާކުތޯއެއް. އަޅުގަނޑުމެންނަށް ދިމާވި ދަތިތައް ހައްލު ކޮށްދިނުމުގައި ބަރާބަރު ނެގީ 30 ދުވަސް،" އައްބާސް ވިދާޅުވިއެވެ.

އައްބާސް އިތުރަށް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ވެލިދުއިން އެކަނިވެސް 80 ޕަސެންޓު މެޖޯރިޓީ ހޯދާނެކަމަށެެވެ.

comment ކޮމެންޓް