ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއި ގިނަ ބޭރު ފައިސާތަކަކާ އެއްކޮށް ހަ މީހަކު ހައްޔަރުކޮށްފިއެވެ.
މައްސަލައާ ގުޅުވައި ހައްޔަރު ކުރި މީހުންނަކީ:
- 28 އަހަރުގެ ނ. ވެލިދޫ، ކޮކްނެޓްވިލާ، އަޙްމަދު ނަޢުޝާދު
- 26 އަހަރުގެ ނ. ވެލިދޫ، ކޮކްނެޓްވިލާ، ޢަބްދުﷲ ނިޝާދު
- 35 އަހަރުގެ ނ. ވެލިދޫ، ހުދުފިނިފެންމާގެ، އަޙްމަދު މުރުޝިދު
- 28 އަހަރުގެ ނ. ވެލިދޫ، ނެދުންގެ، މުޙައްމަދު މާޢިދު
- 30 އަހަރުގެ ނ. ވެލިދޫ، ހިކިފިނިފެންމާގެ، ޢަލީ ރަޝީދު
- 26 އަަހަރުގެ ނ. ވެލިދޫ، ހެޕީސައިޑް، އަޙްމަދު އަޞީމް
އެ މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ނޯތު ޕޮލިސް ގުޅިގެން ވެލިދޫގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށްވާއިރު، އޮޕަރޭޝަނުގެ ތެރެއިން އެ ރަށުގެ ބައެއް ގެތައް ވަނީ ބަލާ ފާސްކޮށްފައެވެ.
ފުލުހުން ބުނީ، މި މައްސަލާގައި ހަތް މީހަކު ހައްޔަރު ކުރި ނަމަވެސް އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އެކަކު ދޫކޮށްލާފައިވާ ކަމަށެވެ.
އެގޮތުން، މުރުޝިދު އަށް ދުވަހަށް ބަންދުކޮށް، ނިޝާދާއި. އަޞީމާއި ނައުޝާދާއި އަލީ ރަޝީދުގެ އިތުރުން، މާޢިދު ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނި ގޮތުގައި، ގެތައް ބަލާ ފާސްކުރުމުގެ ތެރެއިން ވަގުތީ ބަރުދަނުގައި 1.5 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ ކަމަށާއި 50،000 އަށް ވުރެ ގިނަ ރުފިޔާއާއި ޔޫއެސްޑޮލަރު ފެނިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތި އަތުލައިގަތުމަށް ދޭތެރެއަކުން ފުލުހުން ބޮޑެތި އޮޕަރޭޝަންތައް ހިންގައެވެ. އެގޮތުން، ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި މީގެކުރިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައި އެބަހުއްޓެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހޯމް މިނިސްޓްރީން ވަނީ ރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބުކަމަށް ކަނޑައަޅާ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން ބިލެއް ޑްރާފްޓުކޮށްފައެވެ.