ވެލިދޫ ކުނިކޮށީގައި ރޯވެ، ލިބުނު ގެއްލުން 3 މިލިއަނަށް އަރާ: ކައުންސިލް

ނ. ވެލިދޫ، ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުގައި ރޯވެފައި-- ފޮޓޯ/ އެމްއެންޑީއެފް

ނ. ވެލިދޫ، ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުގައި ރޯވެ, ލިބުނު ގެއްލުން ތިން މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.

ވެލިދޫގައި ރޯވި ކުނި ކޮށްޓަކީ 2022 ވަނަ އަހަރު އެ ރަށުގައި ބިނާކުރި 13،000 އަކަފޫޓުގެ ކުނިކޮށްޓެކެވެ.

އެ ރަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ކުނި ކޮށީގައި ރޯވެފައިވަނީ އިއްޔެ 12:00 ހާއިރު ކަމަށާއި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައިވަނީ މެންދުރު 14:30 ހާއިރު ކަމަށެވެ.

ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ވެލިދޫ ކައުންސިލުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ އިމާރާތުގެ ކުނި ބަހައްޓާ ސަރަޙައްދުގައި ކަރަންޓު ޝޯޓެއް ވެގެންކަމަށް ލަފާކުރާ ކަމަށެވެ. އަދި، އަލިފާން ރޯވުމަށް މެދުވެރިވި ސަބަބު ކަށަވަރުކުރަން ކައުންސިލް އިދާރާއިން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މި ހާދިސާގައި ސެންޓަރުގެ ބޮޑުބަޔަކާ އެކު އެ ތަނުގައި ބޭނުންކުރަން ބަހައްޓާފައި ހުރި މެޝިނަރީތައް އަދި ފުޓްބޯޅަ ދަނޑުގައި ބޭނުންކުރަމުންދާ ޑްރެގް ބްރަޝް މެޝިން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

"އަލިފާން ކޮންޓްރޯލް ކުރުމުގައި ވެލިދޫގެ ރައްޔިތުންނާއި، ވެލިދޫ ޕޮލިސް ސްޓޭޝަންއާއި، ކައިރީގައިވާ ރިސޯޓުތައް ކަމަށްވާ ޝެވަލް ބްލޮންކް ރަންދެލި، ސިޔާމް ވޯލްޑް އަދި ވެލާ ޕްރައިވެޓް އައިލެންޑްގެ އިތުރުން އެމްއެންޑީއެފްގެ އެހިތެރިކަން ވަނީ ލިބިފައި،" އެ ކައުންސިލުން ބުނެފައިވެއެވެ.

comment ކޮމެންޓް