މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ނ. އަތޮޅުގެ މެޖޯރިޓީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ލިބިއްޖެނަމަ ކުރިއަށް އޮތް އަހަރު ސަން ސިޔާމު ފުޓުބޯޅަ މުބާރާތް ނ. އަތޮޅުގައި ބާއްވާނެކަމަށް އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ނ. ވެލިދޫގައި މިރޭ ބޭއްވި ރައީސް ޞާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ނ. އަތޮޅުން ދެވުނު ހުރިހާ ރަށެއްގެ ޒުވާނުން އެދިފައިވަނީ ކުރިން ބާއްވަމުން އަންނަ "ސަން ސިޔާމު ފުޓުބޯޅަ މުބާރާތް" ބާއްވައިދިނުމަށް ކަމަށެވެ.
"މި އަތޮޅުން ތިޔަ ހުރިހާ ޒުވާނުން ނިކުމެ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް މެޖޯރިޓީ ނުވަތަ 80 ޕަސެންޓާއެކު ހޮވައިދީފި ކަމަށް ވާނަމަ ނުވަތަ ހަމައެކަނި މެޖޯރިޓީ ލިބުން ކަމުގައިވާ ނަމަ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރު ތެރޭގައި ސަން ސިޔާމު ފުޓުބޯޅަ މުބާރާތް ތި ބޭފުޅުން އެދޭ ގޮތަށް ބާއްވައިދޭނެ ވާހަކަ ދަންނަވަން،" ސިޔާމު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ޖެހިޖެހިގެން ފަސް އަހަރު އެ މުބާރާތް ކޮންމެ އަހަރު ނ. އަތޮޅުގެ ރައްޔިތުންނަށާއި ޚާއްސަކޮށް ޒުވާނުންނަށް ބާއްވައިދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ސަން ސިޔާމު ފުޓުބޯޅަ މުބާރާތަކީ މީގެ ކުރިން ސިޔާމް މައުރޫފް ސޮކާ ކަޕްގެ ގޮތުގައި ބާއްވަމުން ދިޔަ މުބާރާތެކެވެ. ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ ސިޔާމާއި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ.
އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ މީގެ ފަސް އަހަރު ކުރިން 2018 ވަނަ އަހަރުއެވެ. އެ މުބާާރާތް ވެގެން ގޮސްފައިވަނީ ރާއްޖޭގައި މިހާތަނަށް ބާއްވައިފައިވާ އެންމެ އަގު ބޮޑު ފުޓުބޯޅަ މުބާރާތަށެެވެ. އެގޮތުން، އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ ފައިސާގެ އިނާމެއްގެ ގޮތުގައި 600,000 ރުފިޔާ ދީފައެވެ.