ރައީސަކީ ދެއިރު ދެ ގޮތަށް ވާހަކަފުޅުދައްކަވާނެ ބޭފުޅެއް ނޫން: ސިޔާމް

އެމްޑީއޭގެ ރައީސް ސިޔާމާއި، ރައީސް ޞާލިހު

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަކީ އެކިއިރު އެކި ވާހަކަދައްކަވާނެ ބޭފުޅެއް ނޫންކަމަށް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ނ. ހޮޅުދޫގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ރައީސަކީ ރައްޔިތުން ޓެސްޓުކޮށް ފާސްވެފައި ހުންނެވި ބޭފުޅެއް ކަމަށެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ނުސީދާ ގޮތަކަށް ފާޑު ވިދާޅުވަމުން ސިޔާމް ވިދާޅުވީ ރައީސް ޞާލިޙަކީ ހިނދުކޮޅު އަންނަ ބޭފުޅެއް ނޫން ކަމަށެވެ.

"އަބަދުވެސް ހުންނާނީ ހަމަ ސްމާޓްކޮށް ވިސްނުމުގެ ތެރެއިން ކަންކަން ކުރުމުގައި. ހެނދުނު ހޭލައިފައި އެއް ވާހަކައެއް ބުނެފައި ހަވީރު ހަތަރެއް ޖަހާއިރު އަނެއް ވާހަކައެއް ބުނާނޭ ބޭފުޅެއް ނޫން އެއީ،" ސިޔާމް ވިދާޅުވިއެވެ.

އެގޮތުން އެެހެން ސިޔާސީ ލީޑަރުން ވާ ވައުދުތަކަށް ބަލައި ރައްޔިތުން ވިސްނަންވީ އެ ފަރާތްތަކުގެ ސިޔާސީ މާޒީއަށްކަމަށް ސިޔާމް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ޕްރޮޑަކްޓަކީ ފަސްމީރު ކުރިރުކެކޭ ބުނެވިދާނެ،" ރައީސަށް ނިސްބަތްކުރައްވާ ސިޔާމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މެނިފެސްޓޯއެއް ހެދޭނީ ރައްޔިތުންގެ ބޭނުންތަކަކީ ކޮބައިކަން އެނގިގެން ކަމަށެވެ. އެގޮތުން އެމްޑީޕީ ކޯލިޝަނުގެ މެނިފެސްޓޯއަކީ 'ފޫ ނުވެއްޓޭ' ވަށައިޖެހިފައި އޮތް މެނިފެސްޓޯއެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

"ތަރައްގީއާއި ތަމައްދުން. އަޅުގަނޑުމެންގެ މުޅި ތަރައްގީ ގުޅިފައިވާ މެނިފެސްޓޯއެއް،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ތަރައްގީކުރަން އެނގޭނީ އެ މަސައްކަތެއްގެ ތަޖުރިބާއާއި ގާބިލްކަން ހުރި މީހެއް ކަމަށެވެ.

ބައެއް ސިޔާސީ ކެންޑިޑޭޓުން މީގެ ކުރިން ކަންކޮށްފައިވާ ގޮތަށް ބަލާއިރު ރައްޔިތުން ކަންކަމުގައި އެދުމުން ކޯފާ އިސްކުރައްވާ މަންޒަރު ފެނިފައިވާކަމަށް ސިޔާމް ވިދާޅުވިއެވެ.

ނަމަވެސް އެއާ ޚިލާފަށް ރައީސަކީ ރައްޔިތުން '100 ނުވަތަ 200' ކަންތައް ކޮށްދޭން އެދުނުކަމުގައިވީ ނަމަވެސް އެ ވާހަކަތައް އަޑުއައްސަަވައި ވެރިއެއްކަމަށް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ދަންނަވާނީ ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ހަމަހަމަ ބައެއްކަމަށް،" ސިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް