ވެލިދޫ ޕިކްނިކް އައިލެންޑް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފި

ނ. ވެލިދޫ ޕިކްނިކް އައިލެންޑް ހެދުމުގެ ކޮންޓްރެކްޓްގައި ސޮއި ކުރުން--

ވެލިދޫ ޕިކްނިކް އައިލެންޑް ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިއަދު އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.

މިއަދު ސޮއި ކުރެވުނު މި ކޮންޓްރެކްޓުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް އެވެ.

މި މަޝްރޫޢުގެ ދަށުން އެ ރަށުގައި ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ 1.5 ހެކްޓަރުގެ ބިން ހިއްކުމާއި، 412 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުން އަދި 50 މީޓަރު ރޮކް ބޯލްޑާ ގްރޮއިން ޖެހުމެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ، މި ކޮންޓްރެކްޓްގެ އަގަކީ، 20 މިލިއަން ރުފިޔާއެވެ. އަދި މި ކޮންޓްރެކްޓް ގެ މުއްދަތަކީ، 180 ދުވަހެވެ.

ވެލިދޫ ކައުންސިލްގެ މެންބަރު މުހައްމަދު އަލީ މިއަދު "ސަން" އާ ވާހަކަދައްކަވަމުން ވިދާޅުވީ، ޕިކްނިކް އައިލެންޑްގެ ސަބަބުން ވެލިދޫ ރައްޔިތުންނަށް އެތައް ފައިދާތަކެއް ވާނެ ކަމަށެވެ. އެގޮތުން ވެލިދުއަކީ އަތޮޅުގެ އެހެން ރަށްތަކާ އެކަހެރިކޮށް އޮންނަ ރަށަކަށްވެފައި ކައިރީގައި ހުންނަ އެހެން ރަށްތަކަކީ ރިސޯޓުތަކަށްވުމުން ރަށުގެ ރައްޔިތުން ދަތުރު ގޮސް އުޅުމަށް ރަށެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެލިދޫ ކައުންސިލްގެ ޕްލޭންގައި ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާ ކަމަށާއި މި ޕިކްނިކް އައިލެންޑުން ފަތުރުވެރިންނަށް ވެސް ޚިދުމަތް ލިބިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި ޕްރޮޖެކްޓްގެ ސަބަބުން ވެލިދޫގައި ފަތުރުވެރިކަން ފުޅާވެ، ރަށުގެ އިޤުތިސާދު ވެސް ކުރިއަރައިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަތުރުވެރިންނަށް ވެސް ވަކި އުސޫލެއްގެ ތެރެއިން ޕިކްނިކް އައިލެންޑް ބޭނުން ކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ކަނޑައެޅީމަ ފަތުރުވެރިންނަށްވެސް އެ ޚިދުމަތް ލިބިގެން ދާނެ،" މުޙައްމަދު ވިދާޅުވިއެވެ.

comment ކޮމެންޓް