ޔާމީންގެ އިސްތިއުނާފު އަޑުއެހުން ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި

ހައި ކޯޓުގައި މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ރައީސް ޔާމީން އަދި ވަކީލުން ----

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ.

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ޓިކެޓް މީގެ ކުރިން ހަވާލުކޮށްފައިވާ ޔާމީންގެ ވަކީލުންނާއި ކޯލިޝަން ލީޑަރުން މިއަދު ހައިކޯޓަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަައިގައި ޖަމީލް ވިދާޅުވީ، އިސްތިއުނާފު މައްސަލައިގެ އަޑުއެމެއް ބުރާސްފަތި ދުވަހަށް ތާވަލުކުރާނެ ކަމަށް ހައިކޯޓުން އަންގާފައިވާ ކަމަށެވެ.

"މާގިނަ އަޑުއެހުންތަކެއް ދެން އެކަމުގަ އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއް އަޑުއެހުން ދެ އަޑުއެހުމެއް ތެރޭގަ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ހައިކޯޓުގައި އޮތް މި މުޅި މައްސަލައިގެ އަޑުއެހުން ނިންމާލެވޭނެ. އެއަށް ފަހު އޮންނާނީ ހުކުމް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ،" ޖަމީލް ވިދާޅުވިއެވެ.

މި މައްސަލަ ކުރިއަށްދާ މުއްދަތުގައި ޔާމީން ގެއަށް ބަދަލުކުރުމަށް އެދިފައިވާނެކަން ޖަމީލް ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ހައިކޯޓަށް އެ މަނިކުފާނުގެ ފަރާތްޕުޅުން އެންމެ ފުރަތަމަ ހުށަހެޅީ ފެބްރުއަރީ މަހުގެ 12ގައެވެ. ނަމަވެސް އޭގައި ހުރި ބައެއް ކަންކަން އިސްލާހު ކުރަން އެންގުމުން އެ ކަންކަން އިސްލާހު ކުރުމަށް ފަހު ދެވަނަ ފަހަރަށް ހުށަހެޅީ މާޗު މަހުގެ 15 ގައެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުޒައިފާގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

މިދިޔަ މަހުގެ ކުރީކޮޅު އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ފަހު މައްސަލަ ކުރިއަށް ގޮސްފައި ނުވަނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމުގެ ސަބަބުންނެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ލަސްވާތީ އިދިކޮޅުން ނުރުހުން ފާޅުކޮށްފައިވެއެވެ.

ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ ނިންމާފައެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އެ ނިންމުމަށް ތާއިދުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމަކީ، ޔާމީންގެ އިސްތިއުނާފީ ހައްގު ނިގުޅައިގަތުމުގެ ނަތީޖާ ކަމަށް ޖަމީލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

https://sun.mv/180452

އެ ހުކުމާއެކު އިންތިޚާބު ބޮއިކޮޓް ކުރަން ޔާމީން އެންގެވިއެވެ. ނަމަވެސް ފަހުން އެމަނިކުފާނު ވަނީ، ޕީއެންސީގެ ކެންޑިޑޭޓު އަދި މާލޭ ސިޓީ މޭޔަރު ޑރ. މުޙައްމަދު މުއިއްޒަށް ތާއިދު ކުރައްވަން ނިންމަވާފައެވެ.

https://sun.mv/180543

އޭގެ ފަހުން އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި ވަނީ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދިފައެވެ.

comment ކޮމެންޓް