ހުކުމް ތަންފީޒްކުރުން ފަސްކުރުމުގެ އަމުރަކަށް ޔާމީން އެދިވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ތަންފީޒްކުރުން ފަސްކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އެދިއްޖެއެވެ.

އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ނަގައި، އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.

ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހަޅުއްވާފައިވާއިރު، ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދި އެ ކޯޓަށް މީގެކުރިން ސިޓީއެއް ވެސް ފޮނުއްވާފައިވެއެވެ.

ނަމަވެސް އެއީ އެކަމަށް އެދެން ޖެހޭ އިޖުރާއަތު ނޫން ކަމަށް ހައި ކޯޓުން އޭރު ޖަވާބު ދީފައިވެއެވެ.

ހައި ކޯޓުގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ހުކުމް ތަންފީޒް ކުރުން ފަސްކޮށްދިނުމަށް އެދި، އެކަން ކުރުމަށް އޮންނަ އިޖުރާއަތުގެ ތެރެއިން ރައީސް ޔާމީންގެ ވަކީލު ރޭގެ ވަގުތެއްގައި އެ ކޯޓުގައި އެދިފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވާއިރު، ޔާމީންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެއެވެ.

މިދިޔަ ޑިސެމްބަރު މަހު އެ ހުކުމް އިއްވާފައިވާއިރު، ޖޫރިމަނާ ފައިސާ ދެއްކުމުގެ މުއްދަތު ވަނީ ޖޫން މަހުގެ ނިޔަލަށް ހަމަވެފައެވެ. އެ ފައިސާ އަދިވެސް ޔާމީން ދައްކަވާފައި ނުވާއިރު، ބަންޑާރަ ނައިބުގެ އޮފީހުން މިޙާރު ވަނީ އެ ފައިސާ ހޯދައިދިނުމަށް އެދި ސިވިލް ކޯޓަށް ވެސް ހުށަހަޅާފައެވެ.

ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް ޔާމީން އެދިވަޑައިގެންފައިވާއިރު، އެމަނިކުފާނު ޖަލުގައި ހުންނަވާތީ މުއާމަލާތު ކުރުމަށާއި، އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ބައެއް ނިންމުންތައް ނިންމުމުގައި އެމަނިކުފާނުގެ ބަހެއް ހޯދަން ދަތިވާ ކަމަށް ގާނޫނީ ވަކީލުންގެ ޓީމުން މީގެކުރިން ފާހަގަކޮށްފައިވެއެވެ.

ހައި ކޯޓުގައި އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް މިހާރު ނިމިފައިވާއިރު، ހުކުމް އިއްވުން ލަސްވެފައި ވަނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކުން ޗުއްޓީއަށް ދިިޔުމުންނެވެ.

comment ކޮމެންޓް